ރިޕޯޓް

މީރާއިން ރެކިގަތުމަށް ޕާޓީއެއްގެ ހިމާޔަތް ހޯދޭތަ؟

Mar 29, 2017
7

މީގެ ދެ އަހަރެއް ކުރިން ޔޮޓްޓުއާސްގެ ވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަބަލުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި އޭނާއަކީ ފޫޅުދިގު ހަންޑިގެ ވާހަކާގައި އުޅޭ އައިމިނާބީ ނޫން ކަމަށާއި ހަސަންތަކުރަށް ޑިޕެންޑްވެގެން ނޫޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އެއީ ފިރިކަލުން އަބްދުﷲ ޖާބިރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުމަށް ނިންމެވުމުން އެކަމާއި އިދިކޮޅުވެގެންހުރިކަން ފާޅުކުރައްވަ އެވެ. ދިޔާނާގެ ޓުވީޓުން އެ ދެމަފިރިންގެ ތެރެއިން އައިމިނާބީއަކީ އަދި ހަސަން ތަކުރުގެ ގޮތުގައި ހުރީ ކާކުކަމެއް ރަގަޅަށް ސާފު ނުވިޔަސް ވިސްނާ މީހަކަށް ފަހުމްވެދާނެ އެވެ.

ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ދިޔާނާގެ މާޒީއަށް ބަލައިފިނަމަ ސަރުކާރުތަކާ ދެކޮޅު ހެދުން އެއީ އަބަދު އަބަދު ކުރައްވަކުރައްވާ ހުންނަވާކަމެކޭ ބުނެވިދާނެ އެވެ. ގާއިމުވެސް އާކަމެއް ނޫނެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޑީއާރްޕީގައި މަޖިލިސް ތަމްސީލުކުރަން އިންނަވާފައި މައުމޫނާއި ދެކޮޅުވެ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޮޑު މަގާމެއް ލިބި ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް ދުވަސްކޮޅަކުން އެސަރުކާރާ އިދިކޮޅުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މިނިސްޓަރުކަން ހޯއްދެވި އެވެ. އަނެއްކާ ނުކުމެ ވަޑައިގެން އެސަރުކާރާއި ދެކޮޅުވީ އެވެ.

މިހާރު އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށްވެސް ވަރަށް ހަރުކަށި ބަސްތަކުންދަނީ ދެކޮޅު ހައްދަވަމުންނެވެ. އެކަމަނާއަށް ރަނަގަޅު ގޮތެއް ނެތެވެ. ފިރިކަލުން އަބްދުﷲ ޖާބިރު ވެސް ފެންނަނީ ސަރުކާރެއް އަންނައިރަށް އެ ސަރުކާރަކާއި އެއްކޮޅުވެފައި ދެކޮޅުވާތަނެވެ. އެކަމަކު ހޮނޑައިދޫގެ މައްސަލާގައި ތަހުގީގަށް ކުޑަކަމުދާތަކެތި ނުދެއްވި މައްސަލާގައި އައި ޖަލު ހުކުމުން މިނިވަންވި ގޮތުން ޖާބިރު ސިޔާސީ ކަންކަމާއި ދުރުވެ ވިޔަފާރީގެތެރެއަށް އެނބުރިދިޔައީކަމަށް ބެލެވުނެވެ. އެހެން ހުންނަވައިގެން ވެސް ދޭތެރެއަކުން ޓީވީއަކަށް އަރައި ރައީސް އަބްދުﷲ ޔާމީނަށް ތާރީފްގެ ބަސްތަކުން ވެދުން ފޮނުވާލާއިރު އަޑުއަހަން އިންނަ މީހަކު ތަލިން ކުޅުހިކޭވަރު ކޮށްލަ އެވެ.

މިދޔަ އަހަރުގެ އޮކްޓޫބަރު މަހު ޓީވީއަކަށް އަރައި ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް ހަނގުރާމަކުރައްވަން ކެރިވެވަޑައިގެންނެވި ހަމައެކަނި ރައީސަކީ އަބްދުﷲ ޔާމީން ކަމަށެވެ. ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވަން ޖާނާއި މާލަމުން ގުރުބާންވާން ހުންނެވި ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އިހަށްދުވަހަކުވެސް ހަމައެފަދަ ތާރީފްގެ ބަސްތަކެއް އޮއްސައިލިއެވެ.

އެހެން އެކަން އޮއްވައި ރާއްޖޭގެ ޖަލު ހުކުމަކަށް ފިއްލަވައިގެން އިނގިރޭސިވިލާތުގައި އުޅުއްވާ ކުރީގެ ރައީސް ނަޝީދު މީގެ ހަފްތާއެއް ކުރިން، ޓުވީޓެއް ކުރައްވައި މީރާގެ ކޮމިޝަނާ ޖެނެރަލާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރާ ޒާތުގެ ބަސްތަތަކުން ހަމަލާއެއް ދެއްވާފައިވަނިކޮށް، ޖާބިރު ކޮންމެވެސް ރުޅިގަނޑެއް ފަޅައިގެން ދިޔަ ވާހަކައެއް ނޫހަކަށް އެރި އެވެ.

އެ އިންޓަވިއުކިޔާލުމުން އޭނާގެ ޔޮޓްޓުއާޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ކުލިތަކެއް ނުދައްކައިގެން މީރާއިން އެކައުންޓްތައް ފްރީޒް ކުރުމުން އެކަމުގެ ރުޅިގަނޑު ފަޅައިގެން ދިޔައީކަމަށް ދޭހަވެއެވެ. އެ އިންޓަވިއުއިން ފާހަގަ ކުރެވުނު އެއްޗަކީ ރައީސް އަބްދުﷲ ޔާމީނަކީ އޭނާ ކުރިންދަންނަ އަބްދުﷲ ޔާމީން ނޫންކަމަށް ވިދާޅުވާ ވާހަކަ އެވެ. އެއީ ވަރަށް ތެދު ވާހަކައެކެވެ. ކުރިން އެއީ އަބްދުﷲ ޔާމީނެވެ. މިހާރު އެއީ ރައީސުލްޖުމްހޫރިއްޔާއެވެ. އަބްދުﷲ ޖާބިރު ދައުލަތަށް އެތައް މިލިޔަން ޑޮލަރެއް ދައްކަން އޮވެގެން، ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ދަންނަވައިގެން އެ ފައިސާ ނުދައްކާ ގޮތަށް ހައްދަވައިދެއްވޭ ކަމަށް ވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
ޖާބިރަކީ ރާއްޖޭގެ ކޯޓްތަކަށާއި، މީރާއަށް އާ ބޭފުޅެއް ނޫނެވެ. ދެހާސް ބާރަ ވަނަ އަހަރު އޭނާގެ ދެ ރިސޯޓެއް ކަމަށްވާ އަލިދުއާއި ކުޑަރަށުން މީރާއަށް ދައްކަން އޮތް ހަތް މިލިޔަން ޑޮލަރު ނުދައްކައިގެން އެ ދެރަށުގެ ހުއްދަ ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން ނޯޓިސް ދިނެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުން އެމްޑީޕީގެ ވެރިކަމުގެ ވަރަށް ގިނަ ދުވަސްތަކެއްގައި ދައުލަތަށް ކުލި ނުދައްކައި މި ދެ ރިސޯޓްގެ ވެރިޔާ ދެމިގެންފައި ވެއެވެ.

އަލިދޫއިން ދައުލަތަށް ދައްކަންޖެހޭ ކުލި ނުދައްކައިގެން 2015 ވަނަ އަހަރުވެސް މީރާއިން ފިޔަވަޅު އެޅިއެވެ. ފަހުން އެފައިސާ ދައްކަން ވަރަށް ލުއި ގޮތްތަކެއް ވެސް ޖާބިރަށް ހަދައިދެވިފައި އޮތްކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. ހއ. ބީލަންފުށިން ވެސް ސަރުކާރަށް އެތައް މިލިޔަން ރުފިޔާއެއް ނުދައްކާ އޮތްކަން އެނގެއެވެ. ރިސޯޓްތައް އެކަންޏެއް ނޫނެވެ. ދެހާސް ސާދަ ވަނަ އަހަރު ހިންމަފުށީ ކައުންސިލުން ވެސް އެކައުންސިލަށް ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަކުން ހަތް ލައްކައެއްހާ ރުފިޔާ ނުދައްކައި އޮވެގެން ފުލުސް އޮފީހަށް ގޮސްފައި ވެއެވެ. އެހެންވީމާ ޖާބިރަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އުޅުމުގެ ވަރަށް ގޯސް ރެކޯޑެއް އޮތް ބޭފުޅެއްކަން ދޭހަ ވެއެވެ.

ހައިރާންކަން ލިބުނީ ދައުލަތަށް ދައްކަންޖެހޭ އެތައް މިލިޔަން ޑޮލަރެއް ނުދެއްކުމުން މީރާއިން އަޅަންޖެހޭ ފިޔަވަޅު އެޅުމާއެކު، ދިވެހި ރައްޔިތުންގެ ހައްގުގެ ހުރުމަތް ދޫކޮށްލެއްވުމަށްފަހު ކުރީގެ ރައީސް ނަޝީދު ޖާބިރުގެ ދިފާއުގައި ނުކުންނަވައި މީރާގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ މޭރުމަކުން ވާހަކަފުޅު ދައްކަވަން ފެށުމުނެވެ. ދިވެހި ރައްޔިތުންގެ ފައިސާއަށް އެންމެ ބޮޑު ޚިޔާނާތްތެރިވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ޔުނައިޓެޑް އޮޕަޒިޝަނެއް ހައްދަވައިގެން އުޅުއްވާ ގޮތަށެވެ.

ނަޝީދު ޓުވީޓާގައި ވިދާޅުވެފައިވަނީ މީރާގެ ކޮމިޝަނާ ޖަވާބުދާރީ ކުރުވާނ ެކަމަށާއި މީރާ ސިޔާސީ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ. ނަޝީދުގެ އިންޒާރާއެކު، އެމްޑީޕީގެ އެކްޓިވިސްޓުނާއި އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ އެކިބޭބޭފުޅުން ކޮމިޝަނާއާ ބެހޭގޮތުން ނުފަތުރާ ވާހަކައެއް ނުގޮވާ އެއްޗެއް ނެތެވެ.

މައްސަލައަކީ މީރާހެއްޔެވެ. ޔަޒީދު ހެއްޔެވެ؟ ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއް ވިޔަސް، ކުއްޔެއް ވިޔަސް ނުދައްކަނީ ޖާބިރުގެ ކުންފުނިން ނޫންތޯއެވެ؟ ފޭލްވި ނަމަވެސް ލަފާކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދީ ދައުލަތަށް ދައްކަންޖެހޭ ކުލި ނުދައްކައިގެން މީރާއިން ފިޔަވަޅު އަޅާނެކަން ޔަގީންވުމުން މީރާއިން ކުރާކަމަކީ ސިޔާސީކަމަކަށް ހަދައިގެން ރައްޔިތުންގެ ދެކޭގޮތް ބަދަލު ކޮށްލުމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށް ވޯޓް ހޯދަން ޖާބިރު ފައިސާ ހޭދަކުރައްވާ ކަމުގެ ތުހުމަތު އޭނާއަށް ކުރާ ކަމަށް ޖާބިރުވެސް ވިދާޅުވެފައި އެބައޮތެވެ. އަދި މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވާ 42 މެމްބަރުންނަކީ ގިނަ އަދަދަކަށް ފައިސާ ނުލިބި އަބުރުވާލެވޭނެ ބަޔަކަށް ނުވާނެކަމީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އެހެންވީމާ ވޯޓަކާއިހަމައަށް ދިޔައީ އަނބުރާނެ ފައިސާތަކެއް ބައެއްގެ އަތުން ލިބިގެންކަމަށް ބުނެވެން އެބަ އޮތެވެ.