ވިޔަފާރި

ތައިލޭންޑާއި ރާއްޖޭގެ ވައިގެ ދަތުރުތައް ފުޅާ ކުރަން މަޝްވަރާ ފަށައިފި

Mar 29, 2017
3

ރާއްޖެއާ ތައިލެންޑާ ދެމެދު މިހާރަށް ވުރެ ބޮޑަށް ހުޅުވާލެވިފައިވާ މާހަލުއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ދެ ގައުމު މެދުގައި ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތަ ފަށައިފި އެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުުގެ އިސް މަންދޫބެއްގެ ގޮތުގައި ހުންނަވަނީ މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލެވެ. ތައިލެންޑް ވަފުދުގެ އިސް މަންދޫބަކީ އެ ގައުމުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީ ޑިރެކްޓަ ޖެނެރަލް މރ. ޗޫލާ ސުކުމަނޮޕް އެވެ.

ދެ ދުވަހުގެ މުއްދަތައް ރާއްޖޭގެ ސިވިލް އޭވިއޭޝަންގައި ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމަށްފަހު، ދެ ގައުމު ދެމެދު އެއްބަސްވެވޭ ނުކުތާތަކުގެ މައްޗައް ބިނާކޮށް އެކުލަވައި ލެވޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކުރާނެ އެވެ. މި މަސައްކަތުގައި ރާއްޖެއާއި ތައިލެންޑާ ދެމެދު ޑިސެންބަރު 21، 1989 ގައި ސޮއިކޮށްފައިވާ ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމަށް އިސްލާހު ގެންނާނެ އެވެ.

ރާއްޖެއާއި ތައިލެންޑާއި ދެމެދު ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އާއި ތައިލެންޑް ގެ "ބެންކޮކް އެއާވޭޒް" ދަތުރުކުރެއެވެ. މޯލްޑިވިއަން އިން ހަފްތާއަކު ހަ ފްލައިޓް އަދި ބެންކޮކް އެއާވޭޒް އިން ހަފްތާއަކު ހަތް ފްލަޓް މާލެ އާއި ބެންކޮކާއި ދެމެދު އޮޕަރޭޓް ކުރެއެވެ.