ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބެންކޮކުން މުދާ ގެންނަން ކާގޯ ފްލައިޓް ބާއްވަނީ

ބެންކޮކުން ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކަށް ހާއްސަ ކޮށްގެން ކާގޯ ފްލައިޓްތައް ބާއްވަން ސްޕެންސް މޯލްޑިވްސް އިން ނިންމައިފި އެވެ.

ސްޕެންސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ ކޮވިޑް-19 އިގެ ބަލި މަޑުކަމާއި ގުޅިގެން ބެންކޮކް އާއި ޗައިނާ އަދި އެހެނިހެން ގައުމުތަކުން ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިތަކާއި ދިމާވެފައިވާ ކަމަށެވެ. އަދި ވިޔަފާރިވެރިން އެ ޝަކުވާ ވަރަށް ގިނައިން ކުރާ ކަމަށާއި އެ ކަމަށް ހައްލެއް ހޯދަން އެ ކުންފުނީގެ ފަރާތުން ކާގޯ ފްލައިޓްތައް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އަންނަ މަހު މެދުތެރޭ ހިސާބުގަ މި ފްލައިޓްތައް ބޭއްވޭތޯ. އެކަމަކު ޑިމާންޑް އަންނަ ވަރަކުން ފަހަރެއްގަ އެ ދަތުރުތައް އެއަށްވުރެ އަވަސް ވެސް އަދި ފަހަރެއްގައި ލަސް ވެސް ކޮށްލަން ޖެހިދާނެ. މި ފަހަރު ނިންމާފަ މިވަނީ ބެންކޮކް އިން ރާއްޖެއަށް ގެންނަ މުދާތައް ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަ ކޮށްދިނުމަށް. އެކަމަކު ކުރިއަށް އޮތްތަނުގައި ޑިމާންޑް އޮންނަ ވަރަކަުން އެހެން ގައުމުތަކަށްވެސް ކާގޯ ފްލައިޓް ބޭއްވޭތޯ މި ބަލަނީ." އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ކާގޯ ދަތުރުތަކުގައި ބޭނުން ކުރާނެ ފްލައިޓެއް އަދި ނުނިންމާ ކަމަށާއި ނަމަވެސް ބައެއް އެއާލައިންތަކުން މިކަމަށް އެދި ކޯޓޭޝަން ފޮނުވަމުން ގެންދާ ކަމަށެވެ. ބޮޑަށް 42 ޓަނާއި 60 ޓަނާއި ދެމެދުގެ މުދާ ރާއްޖެއަށް ގެނެވޭނެ ފްލައިޓްތަކަށް ބަލާ ކަމަށް ވެސް ވިދާޅުވި އެވެ.