ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް އިންޝުއަރެންސް ރާއްޖެ އައުމަށް ފަހު ވެސް މިހާރު ނެގޭނެ

ރާއްޖެ އަންނަ ފަތުރުވެރިންނަށް ކޮވިޑް ޖެހިދާނެކަމަށް ބަލައި ކުރަން ޖެހޭ ހަރަދުތައް ކަވަރުކުރެވޭ ގޮތަށް އެލައިޑް އިންޝުއަރެންސްއިން ދެމެންގެންދާ "އެލައިޑް އިންބައުންޑް"ގެ އިންޝުއަރަންސް ސްކީމް ރާައްޖެ އައުމަށް ފަހު ވެސް ނެގޭނެ ގޮތަށް ހަދައިފި އެވެ.

މީގެ ކުރިން އޮންނަ ގޮތުން، އެ އިންޝުއަރެންސް ޕެކޭޖް ނަގަން ޖެހޭނީ ފަތުރުވެރިޔާ ރާއްޖެ އައިސް އިމިގްރޭޝަން މަރުހަލާ ފުރިހަމަކުރުމުގެ ކުރިން، ބޭރުގެ ގައުމެއްގައި ހުރެގެން އޮންލައިންކޮށެވެ. ނުވަތަ ފަތުރުވެރިޔާގެ ފަރާތުން، އޭނާ ހުންނަ ރިސޯޓު، ހޮޓެލް ނުވަތަ ގެސްޓްހައުސްއިން ވެސް އޭނާއަށް އެ ފަތުރުވެރިޔާއަށް އިންޝުއަރެންސް ނަގައިދެވިދާނެ އެވެ.

އެހެން ނަމަވެސް މިކަން މިހާރު ވަނީ އެލައިޑުން ފަސޭހަކޮށްދީފަ އެވެ.

އެގޮތުން —ރާއްޖެއަށް އަންނަ ދުވަހުގެ މެންދަމު 12:00 ވުމުގެ ކުރިން، ރާއްޖޭގައި ހުރެގެން ވެސް މި އިންޝުއަރެންސް މިހާރު ގަނެލެވޭނެއެވެ. އަދި ރާއްޖެ އަންނަ ދުވަހުގެ މެންދަމު 12 ގެ ކުރިން ވެސް ނެގޭނެ އެވެ.

ކޮވިޑް އިންޝުއަރެންސް ޕެކޭޖްގެ ތެރޭގައި އެލައިޑް އިންބައުންޑް، އެލައިޑް އިންބައުންޑް ޕްލަސް އަދި އެލައިޑް އިންބައުންޑް ޕްރީމިއަމް ޕްލޭން ހިމެނެ އެވެ.

އެލައިޑް އިންބައުންޑާއި އެލައިޑް އިންބައުންޑް ޕްލަސްގެ ދަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް އެޗްޕީއޭގެ އިރުޝާދުތަކުގައިވާ ގޮތުގެ މަތިން އައިސޮލޭޝަން ފެސިލިޓީއެއްގައި ހޭދަކުރަން ޖެހިއްޖެނަމަ އެކަމަށް ދާ ހަރަދުތަކާއި، ފަތުރުވެރިޔާ ހުރި ރަށާ އެންމެ ކައިރި އައިސޮލޭޝަން ނުވަތަ މެޑިކަލް ފެސިލިޓީއަކަށް ދިއުމުގެ ދަތުރުގެ ހަރަދުތަކާއި، ކޮވިޑް-19 އާ ގުޅިގެން އެމެޖެންސީ ސިއްހީ ފަރުވާ ހޯދަން ޖެހިއްޖެނަމަ އެކަމަށް ދާ ހަރަދުތަކާއި، އަދި ކޮވިޑް-19 ބަލީގައި ފުރާނަ ދޫވެއްޖެނަމަ ހަށިގަނޑު ވަޅުލުމުގެ ކަންކަން ކަވަރުކޮށްދެއެވެ.

މީގެ އިތުރުން އެލައިޑް އިންބައުންޑް ޕްރީމިއަމްގައި މި ހުރިހާ ކަމެއްގެ އިތުރުން، ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވެ ކަރަންޓީން ކުރަން ޖެހިއްޖެނަމަ ކަރަންޓީން ފެސިލިޓީގައި ހޭދަކުރާ ދުވާލަކަށް ދައްކާ ފައިސާގެ ހަރަދު ކަވަރކޮށްދެއެވެ.

އެލައިޑްގެ ފަސޭހަ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ކުޑަ ވަގުތުކޮޅެއް ތެރޭގައި ނެގޭ، ޖީބަށް ލުއި "އެލައިޑް އިންބައުންޑް"ގެ ފައިދާއަކީ ފަތުރުވެރިޔާއަށާއި އޭނާ ހުންނަ ޕްރޮޕަޓީއަށް ލިބޭ ޔަގީންކަމާއި ހިތްހަމަޖެހުމެވެ. ފަތުރުވެރިޔާއަށް ކޮވިޑް-19 ބައްޔާ ހެދި އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމާ ގުޅިގެން ދެން ވާންޖެހޭ ހުރިހާ ކަމެއް ކުރިއާލައި ހަމަޖެހިފައި އޮތްކަމުގެ ޔަގީންކަމާއި ހިތްހަމަޖެހުމެވެ.