ފުލުހުން ބަލައި ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން އޭނާއަށް ޗިޓް ފޮނުވައިފި އެވެ. ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގަފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަން އަދި ސާފެއް ނުވެއެވެ. ފުލުހުންވެސް އެކަމާ ގުޅިގެން ވަކި އެއްޗެއް އަދި ނުބުނެ އެވެ.
ގާސިމް ހާޒިރުވާން ޗިޓް ފޮނުވާފައި ވަނީ މިރޭ 8:30 އަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲ އާއެކު އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް މިރޭގެ ވަގުތެއްގައިފުލުހަށް ހާޒިރުވާން އެންގި އިރު އޭނާއާއެކު ޖޭޕީގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި މައްސަކަތް ކުރައްވާ ކުރީގެ ފުލުސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙުގެ މައްޗަށް މިދިއަ ހޯމަ ދުވަހު ނެގި އިތުބާރުގެ ވޯޓް މަޖިލީހަށް ވެއްދުމާ ހަމައިން ފެށިގެން ގާސިމް ވަނީ ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތަކާއެކު ސިޔާސީ ހަރަކާތްތައް ފައްޓަވާ ސަރުކާރަށް ފާޑު ވިދާޅުވާން ފަށާފަ އެވެ.