ލައިފްސްޓައިލް

ގެއްލިގެން ހޯދި މީހާ ފެނުނީ ހަރުފައެއްގެ ބަނޑުން

Mar 29, 2017

އިންޑޮނޭޝިއާ މީހަކު ގެއްލިގެން ހޯދަނިކޮށް ހަރުފައެއްގެ ބަނޑުން އޭނާގެ ހަށިގަނޑު ފެނިއްޖެއެވެ.

އިންޑޮނޭޝިއާ ފުލުހުންނާ ހަވާލާދީ ބީބީސީ ބުނީ އިންޑޮނޭޝިއާގެ ސުލަވޭސީ ނަމަކަށް ކިޔާ ޖަޒީރާގައި އަކުބަރު ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އެމީހާ ގެއްލުނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އޭނާ ހޯދަން ފުލުހުން މަސައްކަތް ކުރަނިކޮށް އެމީހުންނަށް ފެނުނީ ހިރިނުލެވިފައި އޮތް " ރެޓިކިއުލޭޓެޑް ޕައިތަން" ނަމަކަށް ކިޔާ ވައްތަރުގެ ހަރުފައެކެވެ. ދިގުމިނުގައި ހަތް މީޓަރު ( 23 ފޫޓް) ހުރި އެ ހަރުފައިގެ ބަނޑު ފެޅުމުން އަކުބަރުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުގެ ބޮޑު ބައި އަދި އޮތީ ހަޖަމް ނުވެއެވެ.

އިންޑޮނޭޝިއާ ފުލުހުންގެ ފަރާތުން ބީބީސީއާ ވާހަކަ ދެއްކި މަޝޫރާ ބުނެފައި ވަނީ އަކުބަރުގެ ހަށިގަނޑު ދިރުވާލައިގެން އޮތް ޕައިތަން ފެނުނީ އޭނާ ގެއްލުނުތާ 24 ގަޑިއިރު ފަހުން ކަމަށެވެ. އަދި ބުނީ އެ ޕައިތަން ފެނުނީ އޭނާ ގެއްލުނު ސަރަހައްދުގައިވާ ރުއްތަކެއްގެ ތެރެއިން ކަމަށެވެ.

ރެޓިކިއުލޭޓެޑް ޕައިތަން އަކީ ދުނިޔޭގައި އުޅޭ އެންމެ ދިގު ރެޕްޓައިލްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އޭތީ ޝިކާރަކުރާ ޖަނަވާރުތައް ދިރުވައިލުމުގެ ކުރިން ނޭވާ ހާސްކޮށްގެން މަރާލައެވެ. ނަމަވެސް އެވައްތަރުގެ ހަރުފަ އިންސާނުންނަށް ހަމަލާދިނުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ.