ލައިފްސްޓައިލް

ޗައިނާއިން ބޭނުންވަނީ އަމިއްލައަށް ހަނދެއް ވެސް އުުފައްދަން

މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ރާވާފައިވާ ކަމަށް ޗައިިނާގެ ކުންފުންޏަކުން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ ޕީޕަލްސް ޑެއިލީ ނޫހުން ބުނީ ޖައްވީ މަސައްކަތްތައް ކުރާ އަމިއްލަ ކުންފުންޏަކުން ރާވާފައިވާ އެ ރޭވުމާ އެއްގޮތަށް އަމިއްލައަށް އުފައްދާ ހަނދެއް ނުވަތަ އަލިކުރާ ސެޓެލައިޓެއް 2020 ވަނަ އަހަރު ޖައްވަން ފޮނުވޭނެ ކަމަށް އެކުުންފުނިން ދެކެއެވެ. އަދި އެމީހުން ގަބޫލުކުރަނީ އިރުގެ އަލި ރިފްލެކްޓުކުރާ ގޮތަށް އުފައްދާ އެ ސެޓެލައިޓުން މަގުމަތީ ބައްތިތަކުން ލިބޭ މިންވަރުގެ އަލިކަން ހޯދިދާނެ ކަމަށެވެ.

ޗައިނާގެ ކުންފުނީގެ މިވާހަކައަށް ސައިންސްވެރިންގެ ފަރާތުުން ގިނަ ފާޑުކިއުންތަކަކާއި ސުވާލުތަކެއް ވަނީ އަމާޒުވެފައެވެ. ޗައިނާގެ ޝެންގްޑޫ އެރޯސްޕޭސް ސައިންސް އިންސްޓްޓިއުޓް މައިކްރޯއިލެކްޓްރޯނިކްސް ސިސްޓަމް ރިސާޗް އިންސްޓްޓިއުޓް ކޮމްޕެނީ ލިމިޓެޑްގެ ސައިންސްވެރިންނާ ހަވާލާދީ ނޫސްތަކުން ބުނީ އެ ކުންުނިން އުފައްދާ އަލިކުރާ ސެޓެލައިޓުން ބިމަށް އިރުގެ އަލި ފޮނުވާނީ އަސްލު ހަނދަށް ވުރެ އަށް ގުުނަ އިތުރަށް ކަމަށެވެ. އަދި އެ ސެޓެލައިޓް ދައުރުކުރަމުންދާނީ ހަނދަށް ވުރެ މާތިރިން އެންމެ 310 މޭލު މަތިން ކަމަށް ކަމަށް ވެސް އެކުންފުުނިން ވަނީ ހާމަކޮށްފައެވެ.

އާޓިފިޝަލް ހަނދު އުފައްދަން މަސައްކަތްކުރާ ކުންފުނީގެ ސައިންސްވެރިއެއް ކަމަށް ޝުންފެންގް ޗައިނާ ޑެއިލީއަށް ވިދާޅުވެފައިވާ ގޮތުގައި އެކުންފުނިން އުފައްދާ ރިފްލެކްޓިވް ކޯޓިން އެއް ލާފައިވާ ސެޓެލައިޓްގެ އަލި މަގު ބައްތިތަކުގެ އަލީގެ ފަސްބައިކުޅަ އެއްބަޔާ އެއްވަރުގެ އަލިކަމެއް އުފައްދާނެއެވެ. އެހެންވެ ޝެންގްޑޫގެ މަގުބައްތިތައް ދިއްލަން ކަރަންޓަށް ހޭދަވާ ފައިސާގެ ތެރެއިން 1.2 ބިލިޔަން ޔުއާން ( 173 މިލިޔަން ޔުއާން) ސަލާމަތްކޮށްދެވޭނެއެވެ.

ސެޓެލައިޓެއް ބޭނުންކޮށްގެން ރޭގަނޑުގެ ވަގުތުގައި އިރުގެ އަލި ހޯދަން ޗައިނާގެ ކުންފުންޏަކުން މަސައްކަތް ފެށިޔަސް އެކުންފުނި ވެގެންދާނީ އެފަދަ ކަމެއް ކުރެވޭތޯ އުޅޭ ފުރަތަމަ ކުންފުންޏަކަށް ނޫނެވެ. ރަޝިޔާއިން ވެސް ވަނީ 1990 ގެ އަހަރުތަކުގައި އެފަދަ މަސައްކަތެއް ކޮށް ނާކާމިޔާބު ވެފައެވެ. އެގޮތުން އެގައުމުން އުފެއްދި ސެޓެލައިޓްގައިވާ މޫނުބަލާ ލޯގަނޑު ނުހުޅުވި، ޖައްވުގެ ތެރޭގައި އަނދާ ހުލިވީއެެވެ. އެހެންވީމާ ޗައިނާއިން ކުރާ މަސައްކަތް ވެސް ނާކާމިޔާބުވުން ކައިރިއެެވެ.