އޮފްބީޓް

މި މީހުން އަމާންކަން ހޯދަނީ އިނގިރޭސި ބަހުން!

ދީނާއި ސަގާފަތާއި ނަސްލާއި އަދި ބަހާއި މިހެން ގޮސް ކިޔިދާނެ ތަފާތު އެތައް ވައްތަރެއްގެ މީހުން އިރާގުގެ މި ސިޓީގައި ދިރިއުޅެ އެވެ. މިއީ އިރާގުގެ ސިޓީއެއް ކަމުގައިވާ ކިރްކު އެވެ. ތަފާތުތަކުގެ ސަބަބުން ހަމަނުޖެހުން ބޮޑު ސިޓީއެކެވެ. އަބަދުވެސް އަރާރުންވުމާއި ތަޅާ ފޮޅުމާއި ހަމަލާތަކުގެ ސަބަބުން އާމާންކަމުގެ އުއްމީދު މުޅިހެން ގެއްލިފައި އޮތް ސިޓީއެކެވެ.

ތެލުގެ ގޮތުން މުއްސަނދި ސަރަހައްދެއް ކަމުގައިވާ ކިރްކުގައި އެންމެ ހަމަނުޖެހުން ބޮޑީ ކުރުދިސް މީހުންނާއި ތުރުކީ ނަސްލުގެ މީހުންގެ ދެމެދުގަ އެވެ. އަދި ސުންނީ މުސްލިމުންނާއި ޝިއައީ މުސްލިމުންގެ ދެމެދުގައި ވެސް އަރާރުންވުންތައް ގިނަ އެވެ. މި ހުރިހާ މީހުންވެސް ދައުވާ ކުރަނީ އެ ސިޓީއަކީ އެމީހުންގެ ތަނެއް ކަމަށެވެ.

މިހެން ބުންޏަސް އަމާންކަން ހޯދުމަށް މަސައްކަތްކުރާ މީހުން ވެސް މި ސިޓީގައި މަދެއް ނޫނެވެ. އޭގެތެރެއިން އެކަކަކީ ސާމީ ސުލެއިމާން އެވެ. އެ ސިޓީގައި އަމާންކަން ގާއިމް ކުރުމަށް އޭނާ ބޭނުން ކުރަނީ އިނގެރޭސި ބަހެވެ. އޭނާއަކީ ކުރުދިސް ނަސްލަށް ނިސްބަތްވާ މީހެކެވެ.

ސާމީއަކީ ހިންގަނީ ބުކްޝޮޕެކެވެ. ކިރްކުގެ މީހުނަށް ހާއްސަކޮށްގެން އިނގިރޭސި ބަސް ދަސް ކޮށްދިނުމަށް، އެ ބުކްޝޮޕްގައި ސާމީ އަންނަނީ އިނގިރޭސި ބަސް ކިޔަވައިދޭ ކުލާސްތަކެއް ނަގައިދެމުންނެވެ. އެވެސް މުޅިން ހިލެ އެވެ. އަދި މި ބުކްޝޮޕްގައި އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ވާހަކަ ދެއްކުމާއި ސިޔާސީ އަދި ދީނީ ވާހަކަތައް ދެއްކުމަކީ ވެސް މަނާ ކަމެކެވެ.

އިނގިރޭސި ބަސް ކުލާސް ކޮންމެ ހުކުރު ދުވަހަކު ތިން ގަޑިއިރު ވަންދެން ބާއްވަ އެވެ. ސުލައިމާން ބުނީ މި ކުލާހުގެ މަގްސަދަކީ އެ ސިޓީގައި ދިރިއުޅޭ ތަފާތު އެކި ސަގާފަތްތަކުގެ މީހުންގެ މެދުގައި އަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި އެކި ސަގާފަތްތަކުގެ މީހުންގެ މެދުގައި އެކުވެރިކަމުގެ ރޫހެއް ގާއިމް ކުރުމެވެ.

"ތަފާތުތަކެއް ސަބަބުން ބައިބައިވެފައި އޮތް މި މުޖުތަމައުގައި ހުރިހާ މީހުން ވެސް ގަބޫލު ކުރާ ވަރުގެ އެންމެ އެއްޗެއް މި އޮންނަނީ، އެއީ އިނގެރޭސި ބަސް، އަހަރެން ބޭނުންވަނީ މި މެސެޖު މުޅި ދުނިޔެއަށް ފޮނުވަން، ކިތައްމެ ތަފާތުތަކެއް ހުރި ނަމަވެސް ކިރްކުގެ މީހުންގެ ހިތުގައި އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން އޮތްކަން، ދައްކަން ބޭނުންވަނީ އެކުވެރިކަން،" ސާމީ ބުންޏެވެ.