ހަބަރު

ޒިޔާދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތުގެ މައްޗަށް ވެސް މާދަމާ ރޭ ހުކުމް ކުރަނީ

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބޭ، ކުރީގެ ކާނަލް މުހައްމަދު ޒިޔާދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ހުކުމް ކުރުމަށް މާދަމާ ރޭ މަޖިލީހެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ވަކިވަކިން ބޭއްވި އެ ދެބޭފުޅުންގެ ޝަރީއަތުގެ މަޖިލީހުގެ ދެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅައި ނިންމައިފަ އެވެ. އެއަށް ފަހު ފަނޑިޔާރުންގެ މަޖިލީހުން އިއުލާން ކުރީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ މާދަމާ ރޭ ބާއްވާ މަޖިލީހުގައި އެ ދެ މައްސަލައިގައި ވެސް ހުކުމް ކުރާނެ ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ގެ މައްޗަށް ހުކުމް ކުރުން ވެސް އޮންނާނީ މާދަމާރެ އެވެ. އެ މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެމަނިކުފާނު ވަނީ 13 އަހަރަށް ޖަލަށް ލައިފަ އެވެ.