ކުޅިވަރު

ހޯމްގައި ބޮޑު ބައްޔެއް: ރާއްޖޭގެ މައްސަލައަކީ ކޮބާ؟

ފަލަސްތީން އަތުން 3-0 ގެ ނަތީޖާ އަކުން ރާއްޖެ ބަލިވި މެޗަކީ، ފަހުގެ ތާރީހެއްގައި އަމިއްލަ ދަނޑުގައި ރާއްޖެ ތަފާތު ބޮޑުކޮށް ބަލިވި ނަތީޖާއެކެވެ. މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ އަލީ އަޝްފާގް (ދަގަނޑޭ) ނެތުން ހެއްޔެވެ. ނޫނީ ގައުމީ ޓީމުގެ ސެލެކްޝަންގައި ކުރިމަތިވި މައްސަލައެއް ހެއްޔެވެ؟ ކޯޗް ނުވަތަ ކުޅުންތެރިންގެ މައްސަލައެއް ހެއްޔެވެ؟

ދިވެހި ފުޓްބޯޅައިގެ ތަޖުރިބާ ހުރި ފަރާތްތަކުން އެކި މައްސަލަތައް ފާހަގަކޮށް ޝުއޫރު ފާޅުކޮށްފައި ވެއެވެ. ވިކްޓަރީ އާއި އައިއެފްސީގެ ކުރީގެ ކޯޗް އަދި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ މައުރޫފް އަހްމަދު ފާހަގަކޮށްފައިވާ ގޮތުން މައިގަނޑު މައްސަލަ އަކީ، ފުޓްބޯޅައިގެ ސްޓްރަކްޗާގެ މައްސަލަ އެވެ. މާނައަކީ، މެޗަށް ތައްޔާރުވުމުގެވެސް މާކުރިން، ފުޓްބޯޅައިގެ މުޅި އޮނިގަނޑުގެ ތެރެއިން ކަންކަމެއް ތަރުތީބުވެ ފުރިހަމަ ވެފައި އޮންނަން ޖެހޭ ކަންކަން ފުރިހަމަ ވެފައި ނެތުމެވެ.

މާއްޓޭ އޭނާގެ ފޭސްބުކް ޕޭޖްގައި، މެޗާ ބެހޭގޮތުން އާންމު ކޮށްފައިވާ، ޕޯސްޓްގައި ބުނެފައިވަނީ، ފުޓްބޯޅައިގައި ރާއްޖެ ބޭނުންވާ ހިސާބަށް ދިއުމަށް، ރާއްޖޭގެ ފުޓްބޯޅައިގެ އިއްޔެ އޮތް ހިސާބާއި މިއަދު މި އޮތް ހިސާބު. އަދި މާދަމާ އޮންނަން ޖެހޭ ހިސާބު ކަނޑައެޅިފައި އޮންނަން ޖެހެ އެވެ.

ބައެއް ފަރާތްތަކުން ދައްކަނީ، ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، ޓީމުގައި ނެތް ވާހަކަ އެވެ. ނަމަވެސް، ފުޓްބޯޅައިގެ އިއްޔެ ގެ ސޮފްހާތައް ހާވާލައިރު، ރާއްޖޭގެ ގައުމީ ޓީމު ވަނީ، އަލީ އަޝްފާގް ނުލައި ފަލަސްތީނަށް ވުރެ، އޭޝިއާގެ ފުޓްބޯޅައިގައި ކުރިއަރާފައިވާ ގައުމުތަކާ ދެކޮޅަށް ކުޅެ، ހިތްހަމަ ޖެހޭ ނަތީޖާ ހާސިލު ކޮށްފަ އެވެ. ވޯލްޑް ކަޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުނު، ވަރުގަދަ ދެކުނު ކޮރެއާއާ ދެކޮޅަށް، އަމިއްލަ ދަނޑުގައި ރާއްޖެއިން އެއްވަރު ކުރި އިރު، އަލީ އަޝްފާގެއް ނެތެވެ. ކޮރެއާއާ އެއްވަރު ކުރުންވީ، ރާއްޖޭގެ ފުޓްބޯޅައިގައި އެހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަށެވެ.

ފުޓްބޯޅައިގެ މިއަދަށް ވިސްނާއިރު، އަޝްފާގް ނެތް ދުވަހަކަށް ވެސް ތައްޔާރު ވާން މާކުރިން ޖެހޭނެ ކަން އެނގިފައެއް ނެތެވެ. އަޝްފާގް ވެސް އިންޖަރީ ވާނެކަން ދަނެގެން އެކަމަށް ފިޔަވަޅު އަޅައިގެން ތިބިނަމަ، މިހެން ނުވީހެވެ. އަޝްފާގް ނެތްތަން ފޫނުބެދިގެން، ކުޅުންތެރިންނަށް، ކުށްވެރި ކުރެވޭކަށް ނެތެވެ. ކުޅުންތެރިން ވަނީ ކޯޗް ބޭނުންވި ގޮތަށް ކުޅެން މަސައްކަތް ކޮށްފަ އެވެ. ކޯޗްގެ ޕްލޭން މަސައްކަތް ނުކުރުމުން، ހަމައެކަނި ކޯޗުގެ ބޮަލަށްވެސް ޒިންމާ ކަނޑާލެވޭކަށް ނެތެވެ.

ދެން އޮތީ ފުޓްބޮޅައިގެ މާދަމާ އެވެ. އެޕްލޭން، މިއަދު އޮންނަން ޖެހޭނީ ކަނޑައެޅި ނިމިފަ އެވެ. މިހާރު އެ ޕްލޭނަށް މަސައްކަތް ފަށަންވީ އެވެ. ނަމަވެސް ސްޓްރެޓެޖިކް ޕްލޭނެއް ނެތެވެ. ރާއްޖޭގެ ފުޓްބޯޅަ މީގެ ފަސް އަހަރު ފަހުން އޮންނަން ޖެހޭ ހިސާބު ބުނެދޭ ލޯގަނޑަކީ، އެއީ އެވެ. މާކުރިން އެކުލެވިފައި އޮންނަ ސްޓްރެޓެޖިކް ޕްލޭނެއް ނެތެވެ. އަވަށްޓެރި އިންޑިއާއިން ސްޓްރެޓެޖިކް މާ ކުރިން ޕްލޭން އެކުލަވާލައި، ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާއިރު، ރާއްޖެ މިއޮތީ، ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގެ ހަވާސާވެސް ދަމާ ނުލެވި އެވެ.

ރާއްޖޭގެ އެފްއޭއެމް ލީޑާޝިޕްގައި އޮތް ޓީމުން ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ވަރުގަ އަޒުމެއް އޮތްކަން މާއްޓޭ ފާހަގަ ކުރިއެވެ.

"ވަސީލަތްތަކުގެ މަދު ކަމާއެކު ވެސް، ދިވެހި ކުލަބު ތަކުން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން، އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަން،" މާއްޓޭ ބުނެފައި ވެއެވެ.

ރާއްޖޭގައި، ހުނަރުގެ ގޮތުން، މޮޅު ގިނަ ކުޅުންތެރިން ތަކެއް އެބަތިއްބެވެ. ފުރާނާލައިގެން ނަގާނަމަ، ފުޓްބޯޅައިގެ ހުނަރު ހުރި އެތައް ކުޅުންތެރިޔެއް ރާއްޖެއިން ލިބޭނެ ކަން މާއްޓޭ ފާހަގަ ކޮށްފައި ވެއެވެ. ރަނގަޅު ކޯޗިން އާއި އެދެވޭ ޓްރޭނިންނާއެކު، މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް ވާދަ ކުރެވޭ ފެންވަރަށް އެ ކުޅުންތެރިން ގެންދެވިދާނެ ކަމަށް މާއްޓޭ ބުންޏެވެ.

"ނަމަވެސް ސުވާލަކީ، [ފުޓްބޯޅައިގައި] އަހަރެމެންގެ އަމާޒާއި ތަސައްވަރު ހާސިލު ކުރަން ބޭނުންވާ ހިސާބަށް ދެވޭނެ ގޮތަކީ ކޮބާހެއްޔެވެ؟" މާއްޓޭ ސުވާލު އުފައްދާފައި ވެއެވެ. އެސުވާލަށް ޖަވާބެއް ހޯދުމައްޓަކައި، މާއްޓޭ ހުށަހަޅާފައިވާ ފޯމިއުލާ މި އޮތީ އެވެ.

"މި ސުވާލަށް ޖަވާބު ދިނުމަށްޓަކައި، ބޭނުން ވަނީ އެންމެ ރަނގަޅު އިންވެސްޓްމެންޓާއެކު، އެކަމަށް އެންމެ އެދެވޭ މީހުން އައިސް، އެ އިންވެސްޓްމެންޓް މެނޭޖް ކުރުން،" މާއްޓޭ ބުނެފައި ވެއެވެ.

މިއީ ފުރިހަމަ ސްޓްރަކްޗާގެ ތެރެއިން ރޭވިގެން އަންނަން ޖެހޭނެ ކަންކަމެވެ. ކޮލިފައިން މެޗުތަކުގެ މެދު ތެރެއިން ރާއްޖެ ކުރިމަތި ލަނީ، ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕާ އެވެ. އެ މުބާރާތުން ތަށި ފިޔަވައި އެހެން ނަތީޖާއެއް ދިވެހިން ބޭނުމެއް ނުވެ އެވެ. ރާއްޖެއާ ވާދަ ކުރަން އޮތީ އިންޑިއާ އެވެ. އިންޑިއަގާ ފުޓްބޯޅަ އޮތް ހިސާބު ދެނެގަންނަން ޖެހެއެވެ.

މީގެ ކުރިން އަވަސް އަށް ދިފައިވާ އިންޓަވިއުއެއްގައި މާއްޓޭ ބުނެފައިވަނީ، ޓެކްނިކަލަ ކޮންސަލްޓޭޝަން ހޯދުމަށާއި މީހުން ބިނާ ކުރުމަށް ރާއްޖެއިން ވެސް ވިސްނުން ގެންގުޅެންވީ ޔޫރަޕަށެވެ.

"ޔޫރަޕަކީ މިއަދު ފުޓްބޯޅައިގެ ހުނަރާއި ފުޓްބޯޅައިގެ މެނޭޖްމެންޓް އެންމެ ކުރިއަރާފައިވާ އެއް ސަރަހައްދު، މިއަދު އިންޑިއާގެ ވިސްނުން ހުރީވެސް، ޔޫރަޕްގެ އެހީތެރިކަމާއި ވަސީލަތްތައް ހޯދައިގެން ކުރިއަށް ދިއުމަށް،"

ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެއިން ވާދަ ކުރަން ޖެހޭނީ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާގެ ދުރުރާސްތާ ޓާގެޓް ހުރީ 2026 ވޯލްޑް ކަޕަށް ކޮލިފައި ވުމަށެވެ. އޭގެ ކުރިން، 2022 ގެ ވޯލްޑް ކަޕްގެ ތަސްވީރު ވެސް އިންޑިއާއިން ވަނީ ކުރަހާފަ އެވެ. .

ޓެކްނިކަލް މީހުން ބިނާ ކުރުމަށާއި، ކޯޗުން ތަމްރީން ކުރަންވެސް އިންޑިއާ އިން ހޯދަނީ ޔޫރަޕްގެ އެހީތެރި ކަމެވެ. އެގޮތުން އިންޑިއާގެ ގްރާސްރޫޓް ލެވެލްގައި ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ކުރިއަށްދަނީ ވެސް، ގްރާސްރުޓް ފުޓްބޯޅައިގެ އެކްސްޕާޓެއް ކަމަށްވާ، ހޮލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޕީޓް ހީބާސްގެ ބެލުމުގެ ދަށުން ނެވެ.

ރާއްޖެ ކޮބައި ހެއްޔެވެ؟ ރާއްޖޭގެ ވިސްނުން ގެންގުޅެންވީ އިރުމަތީ އޭޝިއާގެ، މެލޭޝިއާ ސިންގަޕޫރު ފަދަ ގައުމު ތަކަށް ހެއްޔެވެ؟ ރާއްޖޭގެ ގްރާސްރުޓް ލެވަލް އޮތް ހިސާބަކީ ކޮބާ ހެއްޔެވެ؟ އެކަން ކުރިއަށް ދާނީ ކާކުގެ ބެލުމުގެ ދަށުން ހެއްޔެވެ؟ ނުވަތަ އެކަމަށް ގެންނާނީ ކޮން އެކްސްޕާޓެއް ހެއްޔެވެ؟ ގްރާސް ރޫޓަށް އޮތް ޕްލޭނަކީ ކޮބަ ހެއްޔެވެ؟

ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަށް އެފްއޭއެމުގެ ބޮޑެތި ޕްލޭންތަކެއް އެބަހުއްޓެވެ. ހަމައެއާ އެއްވަރަށް ފުޓްބޯޅައިގެ ހުނަރު އުފައްދައި ތަރައްގީ ކުރުމަށް ޓެކްނިކަލް ޑިވެލޮޕްމެންޓަށް ވެސް މަސައްކަތް ކުރަން ޖެހެއެވެ. ރާއްޖޭގެ ސްޓްރެޓެޖިކް ޕޭލްންގެ މަސައްކަތް މިދިޔަ އހަރު ބޭރުގެ ކުންފުންޏަކާ ހަވާލު ކުރެވުނު ކަމަށް އެފްއޭއެމުން ބުންޏެވެ. ފުޓްބޯޅައިގެ ހާލަތު ދެނެގަނެ، ރަނގަޅު ކުރަން ޖެހޭ ކަންކަން ރިއާޔަތް ކުރުމަށް ފުޓްބޯޅައިގެ ޕްރޮފެސަރެއް ކަމަށްވާ، އިޓަލީގެ ފުޓްބޯޅައިގެ ގަދަ ބާރު އޭސީ މިލާންގެ ކުރީގެ އެސިސްޓެންޓް ކޯޗް ޖެންގްސް ބެންގްސްބޯ ގެނަ އެވެ.

ނަމަވެސް، އެފްއޭއެމް އަށް ކުރިމަތިވި މައްސަލަތަކާއެކު ފަޅައިގެން ގޮސް، އެކަން ދިޔަ ހިސާބެއް ނޭނގެ އެވެ. އިންތިހާބަށް ފަހު މިހާރުގެ މެނޭޖްމެންޓްގެ ވިސްނުން ބަދަލު ވެއްޖެ އެވެ. ރާއްޖޭގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާނީ ދިވެހިން އަމިއްލައަށް ކަމަށް އެފްއޭއެމުން އިއުލާން ކުރިއެވެ. ސުވާލަކީ ސްޓްރެޓެޖިކް ޕްލޭނިންގެ މަސައްކަތް ކުރާނީ އެންމެ އެދެވޭ އިންވެސްޓްމެންޓާއެކު، އެންމެ އެދެވޭ ޓީމުން ބާވައެވެ. މެނޭޖްމެންޓް ބަދަލުވުމުން، ވިސްނުން ބަދަލުވީ އެވެ. މާނައަކީ ރާއްޖޭގެ ފުޓްބޯޅައިގެ ސްޓަރަކްޗާގައި މައްސަލަ އެބަހުއްޓެވެ. ސްޓްރަކްޗާ ހިންގަންވީ ގޮތެއް، މަސައްކަތް ކުރަންވީ ގޮތެއް ރޭވިފައެއް ނެތެވެ.