ދުނިޔެ

އެމެރިކާ އޮފިޝަލަކު ޗައިނާ ޖާސޫސުން އަތުން ރިޝްވަތު ހިފި ކަމަށް ތުހުމަތުކޮށްފި

Mar 30, 2017
1

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ މުހިއްމު މަގާމެއްގައި ހުންނަވައިގެން ޗައިނާގެ ޖާސޫސުން އަތުން ރިޝްވަތު ހިފި ކަމުގެ ތުހުމަތަށް އެމެރިކާގެ އޮފިޝަލަކު ހައްޔަރުކޮށް އެމެރިކާގެ ކޯޓެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ދާ ގާޑިއަން ނޫހުން ބުނީ ކެންޑޭސް ކްލައިބޯން ނަމަކަށް ކިޔާ އުމުރުން 60 އަހަރުގެ އެ އޮފިޝަލް، އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގެ ކޯޓަކަށް އިއްޔެ ހާޒިރުކޮށް، އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ދޮގު ހެދިކަމުގެ ކުށުގެ ތުހުމަތާއި ޗައިނާގެ ޖާސޫސީ އޮފިޝަލުންނާ ބޭއްވި ގުޅުންތަކެއް ސިއްރު ކުރިކަމުގެ ތުހުމަތަށް ކަމަށެވެ.

ކްލައިބޯންއަށް ތުހުމަތުކޮށްފައިވާ ކަންކަމުގެ ތެރޭގައި ޗައިނާ އޮފިޝަލުން ރިޝްވަތުގެ ގޮތުގައި ދިން އެޕަލް ލެޕްޓޮޕަކާއި އައިފޯނަކާއި އެތައްހާސް ޑޮލަރެއް ގަބޫލު ކުރުން ހިމެނެއެވެެ. އޭނާ އެތަކެތި ގަބޫލުކޮށްފައި ވަނީ އެތަކެތި ދިން މީހުންނަކީ ޗައިނާގެ ޖާސޫސުންކަން އެނގި ހުރެ ކަމަށް ވެސް އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވެއެވެ.

ކްލެއިބޯން ޗައިނާގެ ޖާސޫސުން އަތުން ރިޝްވަތު ހިފި އިރު އޭނާ ހުރީ އެމެރިކާ ސަރުކާރުގެ ސިއްރު މައުލޫމާތުތައް ލިބޭ ފަދަ މަގާމެއްގަ އެވެ. އެގޮތުން އޭނާއަށް ލިބެން ހުރި މައުލޫމާތުތައް ޗައިނާގެ ޖާސޫސުންނަށް ދީފައިވާ ކަމަށް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް ވެސް އެމެރިކާ ސަރުކާރުން އޭނާއާ ދެކޮޅަށް އުފުލި ދައުވާގައި ބުނެފައި ވެއެވެ.

ކްލައިބޯންއާ ދެކޮޅަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.