ޗައިނާ

ޗައިނާއަށް އެމެރިކާގެ އިގްތިސާދު ފަހަނައަޅާ ދެވިދާނެތަ؟

ދުނިޔޭގައި އޮތް އެންމެ ބޮޑު އިގްތިސާދަށް ވުމުގެ ހުވަފެނަކީ ޗައިނާއިން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އެހެން ނަމަވެސް ކޮވިޑް 19 އާއި ރިއަލްސްޓޭޓް ކްރައިސިސް އަދި ޗައިނާގައި އިތުރުވަމުން އަންނަ މުސްކުޅި އާބާދީގެ ސަބަބުން އެ ހުވަފެނަށް ހިޔަނި އެޅިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ކުރިއަށް އޮތް ބައްދަލުވުމުގައި ވެސް މައިގަނޑު ވާހަކައަކަށް ވާނީ ޗައިނާ އިގްތިސާދު ބާރު ދުވެލީގައި ކުރިއެރުވުމުގެ ވާހަކަތަކެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އެމެރިކާ އިން 100 އެއްހާ އަހަރު ވަންދެން ހިފަހައްޓާފައިވާ ޝަރަފްވެރި މަގާމު ޗައިނާ އަތުލާނެ ކަމަށް ބުނާ ވާހަކަތައް އަބަދުވެސް އަޑުގަދަ އެވެ. ޗައިނާގެ އެއް ބިލިއަން މަސައްކަތްތެރިންގެ ބޮޑު މަސައްކަތު އަބާދީއެއް އޮތުމުން އެއީ އެ ގައުމަށް ކުރިއަށް ދިއުމަށް އޮތް ފުރުސަތަކަށް ވިޔަސް އެމެރިކާ ބަލިކުރެވިދާނެތޯ ސުވާލު އުފައްދާ މީހުން އުޅެ އެވެ.

ޗައިނާއިން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ވާނެ ކަމަށް ބުނާ ވާހަކަތައް އެންމެ ބޮޑަށް އަޑުގަދަވީ 2008 ވަނަ އަހަރު މުޅި ދުނިޔެއަށް ބިންދާލި ބޮޑު މާލީ ރާޅަށްފަހު އެވެ. އެފަހަރު ކުރިމަތިވި މާލީ ދަތިކަމާއި ގުޅިގެން އެމެރިކާގެ އިގްތިސާދު މަޑުޖެހި ވަރަށް ބޮޑު ހީނަރުކަމެއް އެގައުމުގެ އިގްތިސާދަށް ކުރިމަތިވި އެވެ. އެކަމަކު ޗައިނާގެ އިގްތިސާދު ދިޔައީ އަހަރަކު ހަ ޕަސަންޓާއި ނުވަ ޕަސަންޓާ ދޭތެރޭގައި ފުޅާވަމުން ނެވެ.

ޗައިނާގެ އިގްތިސާދީ ދުވެލި ބާރު ދުވެއްޔެއްގައި ކުރިއަށް ދަނިކޮށް ބްރެކި ޖެހުނީ މުޅި ދުނިޔެ ބަނަކޮށްލި ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުންނެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް ޗައިނާއަށް ކޮވިޑުގައި ކުރިމަތިވި ދަތިތަކުން މުޅިން ހިންދެމިލައި ހަމަ އިސްކޮޅަށް ތެދުވެވޭ ވަރެއް އަދި ނުވެ އެވެ.

ޗައިނާގެ އިގްތިސާދު މި ހާލަތުގައި އޮއްވާ އިތުރަށް ރިހެން ފެށީ ޗައިނާގެ ރިއަލް ސްޓޭޓް ވިޔަފާރިއަށް ކުއްލި ގޮތަކަށް އަންނަން ފެށި ހީނަރުކަމުގެ ސަބަބުންނެވެ. އެގައުމުގެ ރިއަލް ސްޓޭޓް ވިޔަފާރި އެންމެ އުހުގައި އޮތް ދުވަސްވަރު އިގްތިސާދުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ އެ ވިޔަފާރިންނެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ޗައިނާ ސަރުކާރުން ހެދި ގާނޫނުތަކެއްގެ ސަބަބުން އެދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ވަރަށް ގިނަ ކުންފުނިތައް ވަނީ ބަނގުރޫޓޫވެފަ އެވެ. މިކަމުގެ ސަބަބުން 20 މިލިއަނަށްވުރެ ގިނަ ގެތައް ނުނިމި ނުވަތަ ނުވިކި އެބަ ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހުޅަނގުގެ ގައުމުތަކާއި ޗައިނާއާއި ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަކީވެސް ޒަމާންވީ ގުޅުމެކެވެ. ހުޅަނގުގެ ގިނަ ކުންފުނިތަކުގެ ކާރުހާނާތައް ޗައިނާގައި ހިންގަމުންދެ އެވެ. އެހެންނަމަވެސް ޗައިނާއިން ރަޝިއާ އާއި ގާތްވަމުން ދާތީ ޗައިނާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އޮތް ގުޅުންތައް ވަރަށް ބޮޑަށް ދަނީ ހީނަރުވަމުންނެވެ. އަދި ހުޅަނގުގެ ވަރަށް ގިނަ ކުންފުނިތަކުން ކާރުހާނާތައް އިންޑިއާއަށް ބަދަލުކުރަން ވަނީ ފަށާފަ އެވެ. މިއީވެސް ޗައިނާގެ އިގްތިސާދު އިތުރަށް މަޑުޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ.

އިގްތިސާދި ބައެއް މާހިރުން އަންދާޒާ ކުރަނީ މިހާރު ހުރި ހުރސްތަކާ ގުޅިގެން ކައިރި މުސްތަގުބަލެއްގައި ޗައިނާއަށް އެމެރިކާ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. ކުރިން 2030 ވަނަ އަހަރު އެމެރިކާ ވައްޓާލާ ޗައިނާ ކުރިއަރާދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންނަމަވެސް ފަހުގެ ލަފާކުރުންތަކުގައި ބުނަނީ ޗައިނާއަށް އެމެރިކާގެ މައްޗަށް އިގްތިސާދީ ކުރިއެރުން ހޯދޭނީ 2075 ވަނަ އަހަރު ކަމަށެވެ.