ޤުދުސްގައި އިޒްރޭލް ސިފައިން ފަލަސްތީނު އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.
ޝިހާމް ނިމްރު ނަމަކަށް ކިޔާ އުމުރުން 49 އަހަރުގެ އެ އަންހެން މީހާ މަަރާލުމަށް ފަހު އިޒްރޭލް ސިފައިން ބުނެފައި ވަނީ އޭނާ މަރާލީ ސިފައިންގެ ބަޔަކާ ދިމާކޮށް ކަތުރެއް ހަރައިލަން އުޅުމުން ކަމަށެވެ. ޝިހާމް ނިމްރަކީ އިޒްރޭޅް ސިފައިންނަށް ވަޅިން ހަމަލާދޭން އުޅުނު ކަމަށް ބުނެ މިދިޔަ އަހަރު މަރާލި މުސްތަފާ ނިމްރުގެ މަންމަ އެވެ. މުސްތަފާ ނިމްރުގެ ގަޔަށް ބަޑި ޖަހައި މަރައިލުމަށް ފަހު އިޒްރޭލް ސިފައިން ފުރަތަމަ ބުނީ އޭނާ މަރާލީ އިޒްރޭލް ސިފައިން ގަޔަށް ވަޅި ހަރަން އުޅުމުން ކަމަށެވެ. ނަމަވެސް އެއީ ދޮގެއް ކަމަށް އެމީހުން ފަހުން އެއްބަސްވި އެވެ.
ޝިހާމް ނިމްރުގެ ގަޔަށް އިޒްރޭލް ސިފައިން ބަޑި ޖަހައި މަރައިލީ ގަދީމީ ގުދުސްގެ ދޮރާށިތަކުގެ ތެރެއިން "ބާބުލް ޢާމޫދު" ނަމަކަށް ކިޔާ ދޮރާށީގެ ކައިރީގަ އެވެ. މިހާދިސާ ހިނގާފައި މިވަނީ ޤުދުސްގައި ޔަހޫދީން ފާހަގަކުރާ ދީނީ އިހުތިފާލަކަށް އެރަށުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައި ވަނިކޮށެެވެ. އެ އިހުތިފާލަކީ ހަފްތާއަކަށް ދެމިގެންދާ އިހުތިފާލެކެވެ.
ޝިހާމް ނިމްރަކީ ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފެއްދި އިރު ގެދޮރުން ބޭރުކޮށްލާފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ޝުއަފަތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅުނު އަންހެނެކެވެ.
ފަލަސްތީނު މީހުންނާ ދެކޮޅަށް ޔަހޫދީން 2015 ވަނަ އަހަރު ހިންގަން ފެށި ހަމަނުޖެހުންތަކުގައި މިހައިތަނަށް 258 މީހުން ވަނީ މަރާލާފައެވެ. އެ ހަމަނުޖެހުންތަކުގައި އިޒްރޭލްގެ 40 މީހަކާއި އެމެރިކާގެ ދެމީހަކާއި އުރުދުން މީހަކާއި އެރިތުރިއާ މީހަކާއި ސޫދާނު މީހަކުވެސް މަރުވިއެވެ. -- ދަ ގާޑިއަން