ވިޔަފާރި

ބިދޭސީންނަށް އިހުމާލު ނުވުމަށް އިމިގްރޭޝަނުން ގޮވާލައިފި

Mar 26, 2015

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އިހުމާލު ނުވުމަށް އިމިގްރޭޝަނުން އަނެއްކާވެސް ގޮވާލައިފި އެވެ.

އިމިގްރޭޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބިދޭސީން ރާއްޖެ ގެނައުމަށް ހުއްދަ ދެވެނީ ވަޒީފާދޭ ފަރާތުން ޒިންމާތަކާ ހަވާލުވުމަށް އެއްބަސްވުމަށްފަހު ކަމަށެވެ. ނަމަވެސް ވަޒީފާއަށް ގެންނަ ބިދޭސީން ހަމަޖެހިފައިވާ އުސޫލުގެ ބޭރުން އެހެން ފަރާތްތަކުގެ ވަޒީފާގައި އުޅުމަށް ދޫކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މި ފަދައިން އަމަލު ކުރުމާ ގުޅިގެން ތަފާތު ގިނަ މައްސަލަތައް ކުރިމަތިވެ އެ މައްސަލަތަކާ ގުޅިގެން ތަކުރާރުކޮށް ޝަކުވާ ހުށަޅަމުން ދެ އެވެ. މި ގޮތަށް އެންމެ ގިނައިން އިމިގްރޭޝަނަށް ލިބެމުންދާ ޝަކުވާތަކުގެ ތެރޭގައި ބިދޭސީންނަށް ބޭސްފަރުވާ ދިނުމުގައި އިހުމާލުވުމާއި ސީރިއަސް މައްސަލަތަކުގައި ހޮސްޕިޓަލްގައި އެނދުމަތި ކުރެވޭ ހިނދު އެ ފަރާތަކަށް އެހީވުމަށް ވަޒީފާދޭ ފަރާތުން އިންކާރުކުރުން ހިމެނެ އެވެ،" އިމިގްރޭޝަނުން ބުންޏެވެ.

އެ ޑިޕާޓްމަންޓުން ބުނީ ސިއްހީ ފަރުވާ ދިނުމަށް ބިދޭސީންނަށް ދަތިވުމަކީ ބަލިމަޑުކަން އުފެދޭނެ ކަމެއް ކަމަށެވެ.

"ވީމާ ބިދޭސީން ވަޒީފާއަށް ގެނައުމަށްފަހު އެހެން ފަރާތްތަކުގެ ވަޒީފާއަށް ބަދަލު ކުރަނީނަމަ އިމިގްރޭޝަނުން ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރަމެވެ،" އިމިގްރޭޝަނުން ބުންޏެވެ.