ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާތަކަށް އަނެއްކާވެސް ސަރުކާރުގެ ދައުވަތު

Mar 30, 2017
7

ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފަށަން ސަރުކާރުން އަނެއްކާވެސް ޕާޓީތަކަށް ގޮވާލައި ދައުވަތު ދީފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަދި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވަޑައިގަންނަވާ ހާއްސަ މަންދޫބު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ހިޔާލު ތަފާތުވާ ކަންކަމާ މަޝްވަރާ ކުރުމަކީ އެންމެ ރީތި ގޮތް ކަމަށެވެ. އެހެންކަމުން ޕާޓީތަކަށް މަޝްވަރާއަށް ދައުވަތުދީފައިވާނެ ކަމަށެވެ.

ޝައިނީ ވިދާޅުވީ، މަޝްވަރާތައް އަބަދުވެސް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި މަޝްވަރާގެ މޭޒަށް އައުމަށް ޕާޓީތަކަށް އަބަދުވެސް ރައީސް އަބްދުﷲ ޔާމީން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހިފައި ހިޔާލު ތަފާތުވުންތައް ކުޑަކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަަހު ހަލަބޮލިވެގެންދާ އިރު ރާއްޖޭގައި ޑިމޮކްރަސީ ވަރު ގަދަ ކުރުމަށް މަސައްކަތް ކުރުމަށް ބައެއް ބޭރު ފަރާތްތަކުން ސަރުކާރަށް ގޮވާލާ ކަމަށެވެ. އެހެންކަމުން ހިޔާލުތަފާތުވާ ކަންތައްތަކުގައި މަސައްކަތް ކުރުމަށްޓަކައި ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ މަތިން މަޝްވަރާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށެވެ.

"ސިޔާސީ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަ އަދިވެސް އެބަ އޮތް ޕާޓީ ޓޯކްސްގެ ފުރުސަތު ހުޅުވިފައި. މަޝްވަރާގެ ތެރެއިން ކަންކަން ކުރުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަ ނުޖެހުން ނުވަތަ ކަންބޮޑުވުންތަކެއް ހަމަގައިމު ވެސް ނުލިބޭނެ. އެހެންވެ ރައީސް ޔާމީން ވަރަށް ބޭނުންފުޅުވޭ އެމަނިކުފާނު ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން އެދިވަޑައިގަންނަވާ ކަމަށް ވަންނީނަމަ ޕާޓީ ޓޯކްސްގެ ތެރެއިން ހިޔާލު ތަފާތުވުންތަކަށް ވާހަކަ ދައްކަން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ޕާޓީ ޓޯކްސްއަށް ފުރުސަތު ހުޅުވާލާފައި އޮއްވާ ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ބޭރުން އެހެން ގައުމުތަކުގައި ތިބެގެން ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތްކޮށް އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމަކީ ކާމިޔާބު ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ގޯސްކޮށް ކުރާ ކަމެއް ނުފެންނަ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެކަން ގަބޫލު ނުކުރާނަމަ މަޝްވަރާތަކަށް ވަޑައިގަތުމަށް އެދޭ ކަމަށެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް ސަރުކާރުން ވަނީ އެކި ފަހަރުތަކުގެ މަތިން މަޝަވަރާތަކަށް ގޮވާލައިފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލުމުން ނޫނީ އެ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް އޭރު ސަރުކާރުގެ ދައުވަތު ޖުމްހޫރީ ޕާޓީއާއި ޑީއާރްޕީ އަދި އެމްޑީއޭ އިން ގަބޫލު ކުރެއްވި އެވެ.