ދުނިޔެ

ކިމްޖޮން ނަމް މަރާލުމުން މެލޭޝިއާއަށް ފުރަަތަމަ ހީވީ އެއީ ދެކުނު ކޮރެއާ މީހެއް ކަމަށް

Mar 30, 2017

އުތުރު ކޮރެއާގެ ލީޑަރުގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރައިލި ދުވަހު މެލޭޝިއާ ފުލުހުން ފުރަތަމަ ހީކުރީ ދެކުނު ކޮރެއާ މީހެއް ކަމަށް ކަން ހާމަވެއްޖެއެވެ.

ކިމްޖޮން ނަމް މަރައިލި ހާދިސާގެ މައުލޫމާތު ހުރި މީހަކާ ހަވާލާދީ ރޮއިޓާސް ބުނީ ކިމްޖޮން ނަމް އަކީ ދެކުނު ކޮރެއާ މީހެއް ކަމަށްް ހީކޮށް، އޭނާގެ މަރުގެ ހަބަރު މެލޭޝިއާ ފުލުހުން ފުރަތަމަ ދިނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ދެކުނުކޮރެއާ އެމްބަސީއަށް ކަމަށެވެ. މެލޭޝިއާ ފުލުހުން ކިމްގެ މަރުގެ ހަބަރު ދެކުނު ކޮރެއާ އެމްބަސީއަށް ދިން އިރު ކިމްގެ ލިޔެކިއުންތައް ވެސް އެ އެމްބަސީއަށް ފޮނުވިއެވެ. މަރުވިމީހާއަކީ އުތުރުކޮރެއާގެ ލީޑަރުގެ ބޭބެކަން ފުރަތަމަ ދެނެގަތީ ދެކުނު ކޮރެއާ އޮފިޝަލުންނެވެ.

މެލޭޝިއާ ފުލުހުން ކިމްގެ ޕާސްޕޯޓް ބެލުމަށް ފަހު އޭނާއަކީ ދެކުނު ކޮރެއާ މީހެއް ކަމަށް ހީކުރީ އެ ޕާސްޕޯޓްގައި އުތުރު ކޮރެއާގެ ނަން ޖަހާފައިވާ ގޮތުގެ ސަބަބުން ކަމަށް ވެއެވެ. ޕާސްޕޯޓްގައި ޖަހާފައި ވަނީ އުތުރުކޮރެއާގެ ދައުލަތަށް އެގައުމުން ނަން ދީފައިވާ ގޮތަށެވެ. އެއީ " ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާ" އެވެ. ދެކުނު ކޮރެއާއަށް ކިޔަނީ " ރިޕަބްލިކް އޮފް ކޮރެއާ" އެވެ.

ކިމްގެ މަރުގެ ހަބަރު އެންމެ ފުރަތަމަ ދެކުނު ކޮރެއާގެ ނޫސްތަކުން ބްރޭކް ކުރި ސަބަބަކީ ވެސް މެލޭޝިއާ ފުލުހުންނަށް އެރި އޮޅުމެވެ. އެ ހަބަރު ފުރަތަމަ ދެކުނު ކޮރެއާގެ މީޑިއާތަކުން ބްރޭކް ކުރުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު އުފެއްދިއެވެ.

ކިމްގެ މަރުގެ ހަބަރު މެލޭޝިއާއިން އޮޅިގެން ދެކުނު ކޮރެއާއަށް ދިނުމުން ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން އެގައުމުގެ ޕާލަމެންޓަަށް ކިމްގެ މަރާ ބެހޭ މައުލޫމާތު ދިނެވެ. އަދި އެމައުލޫމާތު އެގައުމުގެ ނޫސްތަކަށް ލީކްވިއެވެ. މަރާލާފައި ވަނީ ކިމްކަން ދެކުނު ކޮރެއާގެ މީޑިއާތަކުން ހާމަކުރިތާ އެތަށް ގަޑިއިރެއްވީ ފަހުން މެލޭޝިއާ ފުލުހުން ބުނީ މަރުވީ އުތުރުކޮރެއާ މީހެއް ކަމަށެވެ. ނަމެވެސް އެއީ ކިމް ކަމަކަށް އޭރުވެސް ނުބުނެއެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގައި ހުއްޓައި ކިމް މަރާލީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވީ ދެ އަންހެނަކު އޭނާގެ މޫނުގައި ވީއެކްސް ނާވް އޭޖެންޓް އުނގުޅުމުން ކަމަށް މެލޭޝިއާ ފުލުހުން ވަނީ ބުނެފައެވެ. ވީ އެކްސް ނާވް އޭޖެންޓަކީ ނުރައްކާތެރި ކެމިކަލް ހަތިޔާރެކެވެ.