އޮފްބީޓް

ފެންގަނޑު ހިނދުނު އިރު މަގުމަތީގައި ބޮޑު މިޔަރެއް

Mar 30, 2017

އިއްޔެ އޮސްޓްރޭލިއާއަށް އެރި ތޫފާން ޑެބީގެ ސަބަބުން ކްއީންސްލޭންޑްގައި، ބޮޑުވި ފެންގަނޑުތައް މިހާރު ވަނީ ހިނދެން ފަށާފައެވެ.

ތޫފާނުގައި ފެންބޮޑުވުމުން އެ ފެންގަނޑުތަކަށް މީހުން އެރި، މަޖާ ކުރާ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ. ކްއީންސްލޭންޑް ފަޔާ އިމަޖެންސީ ސާވިސަސް ތަކުރާރުކޮށް އިރުޝާދުދީފައި ވަނީ އެކި ސަރަހައްދުގައި ހެދިފައިވާ ފެންގަނޑުތަކަށް ނޭރުމަށެވެ. އެއީ ނުރައްކާތެރި ކަމެއް ކަން އެ އިދާރާއިން ދިޔައީ ހަނދާން ކޮށްދެމުންނެވެ. އެ އިރުޝާދުތަކަށް ތަބާ ނުވި މީހުން ވެސް މިހާރު އެކަމާ މެދު ވިސްނާ ފަދަ ފޮޓޯއެއް އިމަޖެންސީ ސާވިސަސް އިން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

ކްއީންސްލޭންޑް ފަޔާ އެންޑް އިމަޖެންސީ ސާވިސަސްގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު އާއްމު ކުރި ފޮޓޯއިން ފެންނަނީ ފެން ބޮޑުވުމަށް ފަހު ފެން ހިނދިފައިވާ މަގެއްގެ މަތީގައި މަރުވެފައި އޮތް ބޮޑު މިޔަރެކެވެ. ފޮޓޯއިން ފެންނަ އެ މިޔަރަކީ " ބުލް ޝާކް" ނަމަކަށް ކިޔާ ވައްތަރުގެ މިޔަރެކެވެ. މިޔަރުގެ ފޮޓޯއާއެކު ލިޔެފައިވާ ލިއުންކޮޅުގައި ބުނެފައި ވަނީ ފެންގަނޑުތަކަށް ނޭރުމަށާއި އެއީ ރައްްކާތެރިކަމެއް ނޫން ކަމަށެވެ.

" ފެންގަނޑަށް އެރުމަކީ ރައްކާތެރި ކަމެއް ކަަމަށް ހީކުރަންތަ؟ އަދި އެއް ފަހަރު ވިސްނާލާ" މިޔަރުގެ ފޮޓޯ އާއްމު ކުރި ޓްވީޓްގައި ލިޔެފައި ވެއެވެ.

ބުލްޝާކް ނަމަކަށް ކިޔާ ބާވަތުގެ މިޔަރަކީ އިންސާނުންނަށް ގިނައިން ހަމަލާދޭ ބާވަތެކެވެ. ތިލަ ސަރަހައްދުތަކުގައި އުޅޭ އެބާވަތުގެ މިޔަރު މީހުންނަށް ހަމަލާދިނުމުގެ ހާދިސާތައް އޮސްޓްރޭލިއާއާއި އެމެރިކާގައި ވެެސް ހިނގާފައި ވެއެވެ. އެބާވަތުގެ މިޔަރަކީ ލޮނުފެނާއި މީރު ފެނުގައި ވެސް ދިރިއުޅެވޭ މިޔަރެކެވެ.

ތޫފާން ޑެބީ އެރުމުގެ ސަބަބުން އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް އެތޫފާނުގައި މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެއެވެ.