ރައްޔިތުންގެ މަޖިލިސް

ވޯޓް އޮޅުވާލާ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް!

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލާގައި ރޯލް ކޯލް ވޯޓަކަށް ދިއުމަށް ނެގި ވޯޓު އޮޅުވާލުމަށް މެންބަރަކު މަސައްކަތް ކުރައްވާ ކަމަށް ބުނާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ 45 ސިކުންތުގެ ވީޑިއޯއިން ފެންނަ ގޮތުގައި ރޯލް ކޯލް ވޯޓެއް ނެގުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓްް ދެއްވަން ރިޔާސަތުން އެންގުމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މޭޒު ކައިރިޔަށް މެންބަރަކު ގޮސް ވޯޓިން ސިސްޓަމާ ކުޅެ އެވެ. އަދި އެއަށް ފަހު އެ މެންބަރު ވަޑައިގަންނަވަނީ އެ ދުވަހު ރިޔާސަތުގައި އިންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އޭނާ ދާއިރާ ތަމްސީލް ކުރައްވަން އިންނަވާ މޭޒާ ދިމާލަށެވެ. ނަމަވެސް އެއީ ކޮން މެންބަރެއް ކަމެއް ވީޑިއޯ އަކުން އެހާ ސާފެއް ނުވެ އެވެ.

އެ ދުވަހުގެ ވޯޓްގެ ނަތީގައި ރީކޯ މޫސަ އާއި ޖަލުގައި ހުންނެވި އަހުމަދު މަހުލޫފު ވޯޓް ދެއްވާފައިވާ ކަމަށް އޮވެއެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކީ މޫސަ ކަމަށް ވުމުން އެ މަނިކުފާނަށް ވޯޓުގައި ބައިވެރި ވަޑައެއް ނުގެންނެވޭނެ އެވެ. އަދި އެދުވަހުގެ ޖަލްސާއަށް މަހުލޫފު ޖަލުން ހާޒިރުކޮށްފައެއް ވެސް ނުވެއެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނައިބު، މޫސަ ވިދާޅުވީ ވޯޓު އޮޅުވާލި ފަރާތްތައް މިހާރު ފަޅާ އަރާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މެންބަރުންނެއް ކަމެއް މޫސަ ވިދާޅެއް ނުވި އެވެ. އެހެން ނަމަވެސް ހޯމަ ދުވަހުގެ ވޯޓަށް ފަހު މޫސަ ވިދާޅުވީ "ވަގު ވޯޓް" ލެއްވި މެންބަރުން ހޯއްދަވާނެ ކަމަށާއި އެކަމަށް އަޅަންޖެހޭ ފިޔަވަޅުވެއް އަޅުއްވާނެ ކަމަށެވެ.

ވީޑިއޯ ލީކުވެފައި ވަނީ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ވޯޓު ނެގުމުގެ ކަންކަން ދިޔަ ގޮތާ މެދު އިދިކޮޅު ފަރާތްތަކުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަންޑިވަޅެއްގަ އެވެ.