މިދިއަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ނިންމި ނިންމުމަކާމެދު އެމެރިކާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރާއި އިގިރޭސި ސަރުކާރުން ނުރުހުން ފާޅުކޮށް ބަޔާނެއް ނެރުމާއެކު ހިތަށް ގެނެވެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދިންދިނުމަކީ ސައްހަގޮތުގައި ހިގިކަމެއްކަމަށް ނިންމުމަށްފަހު ނާއިބް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ ހުވާކުރެއްވުމުން އެސަރުކާރު ގަބޫލުކުރުމަށްފަހު އެމެރިކާއާއި އިގިރޭސިވިލާތާއި އަދި އެހެންބައެއް ގައުމުތަކުން މުހައްމަދު ނަޝީދު އަލުން ރާއްޖޭގެ ވެރިކަމަށް ގެންނަން ރާއްޖޭގެ ދާޚިލީކަންކަމުގެތެރެއަށް ވަދެގަތްގޮތް ރައީސް ވަހީދުގެ ބައޮގްރަފީގައި ވިދާޅުވެފައިވާ ވާހަކަތަކެވެ. އޭގެތެރެއިން ބައެއް ވާހަކަތައް ނަކަލުކޮށްލާ ހިތް ވެއެވެ.
ރާއްޖެ ސީމެގް އެޖެންޑާއަށްލާންވެގެން ޖަވާބުދާރީވުމަށް ފޮރިން މިނިސްޓްރީއާ ހަވާލުވެ ހުންނެވި ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި އިންނެވި ކެނެޑާގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަތަކެވެ. އެ ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ އެކްޓިވިސްޓުންނާއި އޭނާ ބައްދަލު ކުރުމުން އެވާހަކަ ބައްދަލުވުމުގައި ޝަކީލާ ފާހަގަ ކުރެއްވުމުން ކަންހިގައި ދިޔަ ގޮތެވެ.
"... ކެނެޑާގެ ފޮރިންމިނިސްޓަރަށް ފުންމަވައިގަނެވުނެވެ. ކޮޅަށް ތެދުވެވަޑައިގެން މޭޒުގައި އަތްޕުޅުން ޖައްސަވާފައި ވިދާޅުވިއެވެ. ޔެސް އައިއެމް ބަޔަސްޑް... އައިއެމް ވަންހަންޑްރެޑް ބަޔަސް އެންޑް އައި ވިލް ބީ ބަޔަސް އަންޓިލް ދިސް ކޫގަވަމެންޓް އިޒް ތްރޯން އަވޭ. އެތަނުގައި ތިއްބެވި ބޭފުޅުން ހައިރާންވެ ދެ ލޯ ބޮޑުވެ އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވިއެވެ. ޝަކީލާއާއި އެންމެ ގާތުގައި އިންނެވީ ޖެމެއިކާގެ މަންދޫބެވެ. އޭނާއަކީ ކޮމަންވެލްތު ތެރޭގައި ވަރަށް އިހްތިރާމް ކުރެވޭ ބޭފުޅެކެވެ. ކެނެޑާގެ މިނިސްޓަރުދެކެ ކޯފާވެގެން އޭނާވެސް މޭޒުގައި ޖެއްސެވި އެވެ. ވިދާޅުވި އެވެ. ކަލޭ ތިވާހަކަ ހުއްޓާލާށެވެ. ކަލޭ އިށީންނާށެވެ. އަހަރެންގެ ހަޔާތުގައި ވެސް ނުގަންނަހާ ބޮޑަށް މިއަދު ލަދުގެންފި އެވެ. ރުޅިވެސް އާދެއެވެ. ދިވެހި ރާއްޖެއިން ހުރިހައި ކަމެއްވެސް ކޮށްފައިހުރީ މުޅިން ގޯސްކޮށް ކަމަށް ކަލޭ އަހަރެންގެ ގާތުގައި ބުނެ ޔަގީން ކޮށްދީގެން އެންމެ ފަހުން އޮތް ސީމެގް ޖަލްސާގައި އަހަރެން ދިވެހި ރާއްޖެއާއި ދެކޮޅަށް ވޯޓް ދިންއިރު ކަލޭގެ އަސްލު ހަގީގަތް މިއެގުނީ މިހާރު އެވެ. ކުޑަ ކުޑަ ގައުމަކާއި ދެކޮޅަށް ތިގޮތަށް އަހަރެމެންގެ ގާތު ދޮގު ހަދައިގެން ކަންތައް ކުރީމާ އެއީ ވަރަށް ލަދު ގަންނަންޖެހޭ ކަމެކެވެ"
ދިވެހި ރާއްޖޭގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ވެއްދި ގޮތް ވެސް ނަކަލުކޮށްލަން ބޭނުމެވެ.
"އދ. ގެ ސަލާމަތީ މަޖިލީހަށް ރާއްޖޭގެ މައްސަލަ ހުށަހަޅައިގެން އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑެސް ވެސް ކަންތައް ކުރެއްވީ ވަރަށް ބޭ އިންސާފު ގޮތަކަށެވެ. ނިއުޔޯކްގައި ޝަކީލާ އާއި ބައްދަލ ުކުރައްވައި ވިދާޅުވިއެވެ. ރާއްޖޭގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ވައްދަން އަހަރެން ގަސްދު ކުރަމެވެ. ދެން މިނިސްޓަރު އެއްސެވި އެވެ. އެއީ ކޮން ހަމައަކުން ކޮން އިންސާފަކުންތޯ އެވެ؟ ރާއްޖޭގައި ބަޔަކު މަރައިގެން ލޭ އޮހޮރުވުމެއް ހިންގައިގެން އުޅެނީތޯ އެވެ؟ އޮސްކާ ވިދާޅުވި އެވެ. ގެންދަން ޖެހެއެވެ. އަހަރެމެންނަށް ވަރަށް ޕްރެޝަރު އެބަ އާދެއެވެ. ޕްރެޝަރު ކުރަނީ ކޮން ބައެއްކަން އޭނާ ވިދާޅު ނުވިޔަސް އެއީ ކެނެޑާއާއި އިނގިރޭސިވިލާތްކަން ރާއްޖޭގެ ވަފްދުގެ ހުރިހައި ބޭފުޅުންނަށް ވެސް އެގެއެވެ" ކޮންމެއަކަސް އޭނާ އެ މައްސަލަ ވެއްދުމުން އދ. ގެ ސަލާމަތީ މަޖިލީހުގައި ގިނަ ގައުމުތަކުން ވޯކްއުޓްކޮށް އެ މައްސަލަ ބޭރުކުރީ އެވެ.
އަނެއްކާވެސް ޔަހޫދީންގެ އެހީއަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަންވެގެން ބޭރުގެ ގައުމުތަކުން އޭރު އުޅުނު ގޮތް ދިވެހިންނަށް މިއަދު ހާމަވުމުން އެމެރިކާގެ ސަފީރާއި އިގިރޭސިން އެންމެ ފަހުން މިނެރުނު ބަޔާންގައި ފޮރުވިފައިވާ ކަންކަން ވަރަށް ބޮޑަށް ސާފުވެއެވެ. މި ބަޔާންތައް ނެރުމުގެ ކުރިންވެސް ރާއްޖޭގައި ވެރިކަމަށް ލާނެ މީހަކު ހޯދަން އެމެރިކާ ސަފީރު ރާއްޖޭގެ އެކިއެކި ބޭފުޅުންނާއެކު ސިއްރު ބައްދަލުވުންތައް ބާއްވާ ކަމުގެ ވާހަކަތައް ދެކެވެއެވެ. އަދި ވަރަށް މުހިއްމު އެހެން ކަމެއްވެސް ހިނގާފައި ވެއެވެ. އެއީ ރާއްޖޭގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދު އެންމެފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި އެމެރިކާގެ ސެނެޓްގެ އާމްޑް ކޮމެޓީގެ ޗެއާމަން ޖޯން މެކެއިން އާއި ބައްދަލު ކުރައްވައި ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހާއިބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ޖޯންމެކެއިންއަކީ އެމެރިކާގެ ބާރުގަދަ ޔަހޫދީ ލޮބީ ގްރޫޕްތަކުގެ ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. ނަޝީދަކީ ޔަހޫދީންގެ ތާއީދު ވަރަށް ގަދަ ބޭފުޅެއް ކަމަށް އޭނާގެ ވެރިކަމުގައި ހިނގާފައިހުރި ކަންކަމަށް ބަލައި ބުނެވިދާނެ އެވެ. ސިއްރިޔާތުގައި ނަޝީދު އޭނާގެ ސަރުކާރުގެ އެންމެ އިސް ޑިޕްލޮމެޓުން އިސްރާއީލަށް ފޮނުވުމާއި ލޮލުގެ ޑޮކްޓަރުންގެ ގޮތުގައި ޔަހޫދީ ޑޮކްޓަރުންތަކެއް ރާއްޖެ ގެނެސް ރާއްޖޭގެ ރަށްރަށަށް ފޮނުވައި ޔަހޫދީންގެ ހިތްހެޔޮކަން ދިވެހި ރައްޔިތުންނަށް ދައްކަން އުޅެނިކޮށް ފަޅާއަރައިގެން އެވާހަކަތައް ނޫސްތަކުގައި ލިޔެ ހެދިއެވެ.
ފަލަސްތީނަށް ތާއީދުކޮށް އދ. ގައި ނަގަން އުޅުނު ވޯޓްގައި ބައިވެރި ނުވާން ނަޝީދު ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ބައްދަލުވުން ދޫކުރައްވައި ދެއްކެވި ބަހަނާތައް ވެސް ފާހަގަކޮށްލެވެ އެވެ. އެމެރިކާއަށް ގޮސް ނަޝީދު ތާއީދު ހޯދި ބައެއްގެ ތާއީދު ހޯދުމަށްފަހު ލަންކާއަށް ވަޑައިގެން އެތާގައި ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ވެސް ބައްދަލުކުރެއްވި އެވެ. އެހެންވީމާ ކުރިން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއިމެދު ރޭވިފަދަ ނުރައްކާތެރި ގޭމަކަށް އަނެއްކާވެސް ތައްޔާރުވެއްޖެކަން އެނގެއެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި ރާވާފައިވާ އެ ގޭމްގައި ހިމެނޭނީ ދޮގު ހަދައިގެން އަދި އެދޮގު ބޭރު މީހުން ލައްވައި އުފުލުވައިގެން ދިވެހި ރާއްޖެ ބަދުނާމް ކުރުންމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެކަން މިހާރުވެސް މިދަނީ ފެންނަމުންނެވެ. ސައޫދީ އަރަބިއްޔާ އާއި ދެކޮޅަށް ފެތުރި ދޮގު ޕްރޮޕެގެންޑާތަކަށް ބަލާށެވެ. ރާއްޖޭގެ އަތޮޅެއް އެއްކޮށް ސައުދީ އަރަބިއްޔާއަށް ވިއްކަނީ ކަމަށް ރޯމާދުވާލު އެއްވެސް ޖެހިލުމެއްނެތި މީހުންގެ ތެރެއަށް ނުކުމެ އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ހުވައި ކުރައްވައިގެން ތިއްބެވި މާރިޔާ ދީދީފަދަ އެޕާޓީގެ އިއްޒަތްތެރި ބައެއް މެމްބަރުން ފެތުރި ދޮގުތަކެވެ.
އެއީ ފ. އަތޮޅުގެ ފަޅުރަށަކަށް އަންނަން އުޅޭ އިންވެސްޓްމަންޓެއްކަން އެމީހުންނަށްވެސް އެނގެއެވެ. އެކަމަކު މުޅި އަތޮޅޭ ކިޔައި މީހުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދަން ވެސް ދޮގު ހަދަން ޖެހެއެވެ. ނަޝީދުގެ ސިޔާސީ ފިކުރަށް ތަބާވާ މީހުންނަށް މި ދޮގަކީ ސާފު ހުދުކާފޫރުކޮޅެއްހާ ސާފު ތާހިރު އެއްޗެކެވެ. ރާއްޖޭގައި ސައޫދީ އަރަބިއްޔާއިން އިންވެސްޓްކުރަން ދެކޮޅު ހެދިޔަސް އިނގިރޭސިވިލާތުގައި ސައޫދީ އަރަބިއްޔާއިން އެތައް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓް ކުރަން އިނގިރޭސިން ސައޫދީ އާއި ވާހަކަ ދައްކައިގެން އިހަށް ދުވަހު އެ ނިންމީ އެވެ. އިނގިރޭސިވިލާތުގައި ސައޫދީ ހަރުކަށި ދީނީ ފިކުރު ފަތުރާ ވާހަކައެއް ނުދައްކައެވެ.
އެކަމަކު ދިވެހި ރާއްޖެވީމާ ހަރުކަށި ފިކުރޭ ކިޔައި އެމްޑީޕީން ކުރިއަށް ނެރުނު ކެމްޕެއިން ދެކިބަލާށެވެ. ސައޫދީ ރަސްގެފާނު ކޮންމެ ގައުމަކަށް ވަޑައިގަތަސް އެކަމަށް ރަތްދޫލައިގެ މަރުހަބާ ނުކިޔާނެ ގައުމެއް ނެތެވެ. ރަސްގެފާނު ވަޑައިގަންނަވަން އެދިއެދި ނެތް ގައުމެއް ނެތެވެ. އެކަމަކު ރަސްގެފާނުގެ ރާއްޖެ ދަތުރުފުޅު ކެންސަލް ކުރުމުން އެމްޑީޕީން އުފާފާޅުކޮށް ބަޔާންތައް ނެރެގަތްގޮތުން ހީވީ ބޮޑު އިންތިޚާބަކުން ކާމިޔާބުވެގެން އުޅެގަތް ހެންނެވެ. އެހެންވީމާ ދިވެހިންނާއި ދިވެހިންގެ ތަރައްގީއާއިމެދު އެއްވެސް ފިކުރެއް ޚިޔާލެއް ނެތްކަމާއި ބޭނުވްނީ ކޮންމެ ގޮތަކުންވެސް ވެރިކަމަށް އާދެވޭތޯ ބެލުން ކަމަށް ނުބުނެވޭނެތޯ އެވެ.
އެމެރިކާ ސަފީރާއި އިނގިރޭސި ސަރުކާރުން ނެރުނު ބަޔާންތަކުން ދިވެހި ރާއްޖެއާއިމެދު ރާވާ ރޭވުންތައް އެބަ ހާމަވެއެވެ. އެކަންތައްތައް ކުރިއަށް އޮތްތާގައި ރައީސް އަބްދުﷲ ޔާމީން ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ ކައިރިކަމެކެވެ. ދިވެހި ރާއްޖޭގެ ޕާލަމެންޓަށް ފާޑުކިއުއްވާއިރު އިހަށް ދުވަހު އިންޑިޔާގެ ޕާލަމެންޓްގައި ވެސް ތަޅައިފޮޅައި އިދިކޮޅު މެމްބަރުން ޕާލަމެންޓް ގެއިން ނެރެ ބައެއް މެމްބަރުން ސަސްޕެންޑްކޮށް ކަންތައް ހިގައިދިޔަތަން ފެނިވަޑައިނުގަންނަވަނީތޯ އެވެ. ރާއްޖޭގައި ހުރި ރައީސަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން ވޯޓްލައިގެން އިންތިޚާބުކުރި ސަރުކާރަކަށް ނުވަނީތޯއެވެ. މުހައްމަދު ނަޝީދު ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނަން އުޅުމުގެ ފަހަތުގައި އޮތީ ކޮން އެދުމެއް ހެއްޔެވެ؟