ކުޅިވަރު

ވޯލްޑް ޗެމްޕިއަންޝިޕްގެ އަމާޒުގައި، ޓީޓީ ޓީމު އޭޝިއާގެ މުބާރާތަށް

Mar 30, 2017

އަންނަ އަހަރު ސްވިޑެންގައި އޮންނަ ދުނިޔޭގެ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ އާމަޒުގައި ރާއްޖޭގެ، އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމުތައް ޗައިނާ އަށް ފުރައިފި އެވެ.

މިއަދު ހަވީރު ޗައިނާއަށް ދާން ފުރި ޓީމުގައި ހިމެނެނީ، ހަތް ކުޅުންތެރިންނެވެ. އެއީ އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން ތިން ކުޅުންތެރިންނެވެ.

ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނީ، އޭޝިއާގެ ޗެމްޕިއަންޝިޕްގެ ވަކި ރޭންކެއްގެ ތެރޭގައި ހިމެނިގެންނެވެ. ކޮލިފައިވުމުގެ އެންމެ ދަށް ރޭންކު ފައިނަލު ވާނީ އެ ޓީމެއްގެ ޕާފޯމަންސަށް ބެލުމަށްފަހު، އެދެވޭ ހިސާބެއްގައި ހިމެނުމުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ތައިލެންޑްގައި ބޭއްވި އޭޝިއާގެ ޗެމްޕިއަންޝިޕްގެ ރޭންކްގެ ތެރޭގައި ހިމެނިގެން އަންހެން ޓީމު ވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައި ވެފައެވެ. ނަމަވެސް ފިރިހެން ޓީމަށް އެދެވޭ ކާމިޔާބެއް ނުހޯދި މުބާރާތުން ކެޓީ އެވެ.

މާލެއިން ފުރުމުގެ ކުރިން، މީޑިއާ ވާހަކަ ދައްކަމުން، ރާއްޖޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ މުސާ މުންސިފް އަހްމަދު ބުނީ، މިފަހަރުގެ މުބާރަތަށް ރަނގަޅު ތައްޔާރީ ތަކެއް ވެވުނު ކަމަށާއި އަދި ޗައިނާ އަށް ގޮސް އެގައުމުގެ ނަންޖިން ސިޓީގެ ޕްރޮވިންސް ޓީމަކާ ދެކޮޅަށް މެޗުތަކެއް ކުޅެލަން ލިބޭތީވެސް، މިފަހަރު ދެ ޓީމަށްވެސް ވޯލްޑް ޗެމްޕިއަންޝިޕުން ޖަގަ ލިބޭނެ ކަމުގެ ބޮޑު އުންމިދެއް އެބައޮތް ކަމަށެވެ.

ޓީޓީގެ ޖެނަރަލް ސެކެޓްރީ ސުޖާއު ވިދާޅުވީ، ޓީޓީގެ ދެ މުބާރާތް ގާތުގައި ނިންމާލުމުން، ކުޅުންތެރިންނަށް މެޗުތަކުގެ ޓްރޭނިން ވެސް ލިބުމުން، ވޯލްޑް ޗެމްޕިއަންޝިޕުން ޖާގަ ލިބޭނެ ހިސާބަށް ދެވޭނެ ކަމުގެ އުންމިދު އެބައޮތް ކަމަށެވެ.

ސުޖާ ވިދާޅުވީ، ނަންޖިނީގެ ޓީމާއެކު ހަފުތާއެއްގެ މުއްދަތަށް ޓްރޭނިން ޕްރޮގްރާމެއް ފަހިވެގެން ދިޔައީ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާންގެ އިސްނެންގެވުމުގެ މަތިން ކަމަށާއި އެހެންވެ، އެކަން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށެވެ.