މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގައި ފުލުހުންގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ފުލުހުންނަށް އެކި ގޮތްގޮތަށް ފާޑު ވިދާޅުވެ، ފުލުހުންނާ ކުރިމަތިލާން ގޮވަމުންދިޔުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހަނގުރާމައެއް އިއުލާން ނުކުރާހާ ހިނދަކު ގައުމީ އެންމެ ބޮޑު ހިދުމަތްތަކެއް ކުރާ ބަޔަކީ ފުލުހުން ކަމަށާއި އެހެން ކަމުން ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ނައްތާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއް ކަމަށެވެ.

ސަރުކާރުން އެ ގޮންޖެހުންތައް ނައްތާލަން މަސައްކަތް ކުރަމުންދާއިރު ފުލުހުންގެ ކުރީގެ ވެރިންގެ ފަރާތުން ފުލުހުންނަށް އެކި ގޮތްގޮތަށް ފާޑުކިޔުންތައް އަމާޒުވެ، ފުލުހުންގެ އިތުބާރު ގެއްލޭފަދަ ވާހަކަތައް ދެއްކުމަކީ މިހާރު ފުލުހުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މިއަދުގެ ފުލުހުން ނުވަތަ އިއްޔެގެ ފުލުހުން [ތެރޭގައި] އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައި ވެރިން އެއީ ޔުނީފޯމްގެ އެންމެ އިސްވެރިން ކަމުގައި ވިޔަސް ކޮމިޝަނަރުން ރިޓަޔާ ކުރައްވާފައި ތިއްބަވާ އަދި އެއަށްވުރެ މަތީ މަގާމުތަކުގައި ސިޔާސީ ލީޑަރުންގެ ތެރޭގައި އެ ބޭފުޅުންގެ ހިދުމަތް ދެއްވާފައިވާ ބޭފުޅުން ވެސް، ފުލުސް ފޯސްއާ ކުރިމަތިލާން ގޮވާލައި ގޮވާލުމާ ޕޮލިސް ފޯސްއަށް އިހުމާލުވެ ނުވަތަ ކަމޭނުހިތޭ ގޮތަށް ގޮވާލާ ގޮވާލުން، މިއީ މިއަދު ޔުނީފޯމްގައި ތިބޭ ބަޔަކަށް އަޑު އަހަން ފަސޭހަ ކަމަކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ. "އިއްޔެ އެއީ އަޅުގަނޑުމެންގެ މާސްޓަރުން، މިއަދު މޭޒުގެ އަނެއް ފަރާތަށް ދާން ޖެހުނީމަ މިކަހަލަ ޗެލެންޖްތައް ފުލުހުންނަށް އަޑު އިވުނީމަ ފުލުހުންނަށް ފަސޭހައެއް ނުވާނެ،"

ރައީސް ވިދާޅުވީ، ޑިމޮކްރަސީއަކީ ކުށް އިތުރުކުރަން ދެވޭ ލައިސެންސެއް ނޫން ކަމަށާއި ޑިމޮކްރަސީއަކީ އެމީހަކު އުޅޭނެ ގޮތަކަށް އުޅުން ނޫން ކަމަށެވެ. ރާއްޖެ އަމާންވެ ހަމަޖެހޭ ތަނަކަށްވެފައިވަނީ ގާނޫނީ ބާރު ހިންގާތީ ކަމަށާއި ނަމަވެސް ރާއްޖެއަށް އެ ހަމަޖެހުން އައިސްފައިވަނީ ވެސް ޑިމޮކްރަސީ ނެތި ނޫން ކަމަށެވެ.

ރާއްޖޭގައި ހިނގާ ކަންކަމާމެދު ބޭރުގެ ގައުމުތަކުން މިހާރު ވެސް ބަޔާންތައް ނެރެމުންދާ ކަމަށާއި ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުން ކަމަށާއި ރާއްޖޭގައި ކަންކަން ހިނގާނީ ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް އެ މިންގަނޑުގައި ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަމިއްލަ މާނަ ޑިމޮކްރަސީގައި ނުނަންގަވާށޭ، ޑިމޮކްރަސީއަކީ މަސްއޫލިއްޔާތާއި ޒިންމާ އަދާކުރެވޭނެ ކަމުގެ ގާބިލްކަން އޮންނަ ބައެއްގެ މައްޗަށް ހިންގަން އޮންނަ ނިޒާމެއް، އެއީ އެއްގޮތަކަށް ވެސް އެއްކޮޅަށް އޮންނަ ކަމެއް ނޫން، އެހެންވީމަ ގާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފުލުހުން އަބަދު 24 ގަޑިއިރު ނިކުމެ ގާނޫނު އަސާސީއާ ހިލާފަށް އުޅޭ ބަޔަކު މަތަ ކުރަން ނިންމާ ނިޒާމެއް ނޫން ޑިމޮކްރަސީއަކީ، ޑިމޮކްރަސީއަކީ އެއަށްވުރެ މާ ވަރުގަދައަށް ދަމަހައްޓަންޖެހޭ ނިޒާމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ޒިންމާ އަދާކުރެވޭކަން އެނގި ދަނީ އެތަނެއްގައި އޮންނަ ހަމަޖެހުމުން ކަމަށާއި ތަނެއްގައި މަސްލަހަތު ނެތިގެންދާނަމަ އެތަނެއްގައި މަސްލަހަތު އަލުން އިޔާދަކުރުމަކީ ފުލުހުންގެ ޒިންމާ ކަމަށެވެ. މިއަދު ރާއްޖޭގައި އެ އަމާންކަން އެބަ އޮތް ކަމަށާއި އޭގެ ހުރިހާ ޝުކުރެއް ހައްގު ވަނީ ފުލުހުން ކަމަށެވެ.