އެއީ މީގެ 30 ނުވަތަ 31 އަކަށް އަހަރު ކުރި އެވެ. މާފަންނު އަލިމަސް ގޯޅި، ހިސާބުން އުފެދުނު ކުޑަ ވަރެއްގެ ޓީމެކެވެ. ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅުނު އަހްމަދު ހުސައިން (އައްބެ) އާއި އޭނާގެ ގާތް އެކުވެރިން ކޮޅެކެވެ. ކޮންމެ ހުކުރު ދުވަހަކު ފުޓްބޯޅަ ކުޅެން، ދާ ގުރޫޕެކެވެ. އޭރު، ކުޅެން ދަނީ، ސްޓާ ސިނަމާ ސަރަހައްދަށެވެ. އެއީ މިހާރުގެ ސޯޝަލް ސެންޓަރު ހުރި ސަރަހައްދެވެ.
އެ ފުޓްބޯޅަ މެޗުގައި ބައިވެރިވާކަށް ވަކި އުމުރެއް ނޯވޭ އެވެ. އައި ކޮންމެ މީހަކަށް ފުރުސަތު ދެމުން ބައިވެރި ކުރަމުން ގެންދިޔައީ އެވެ. މިއަދު އެ ފުޓްބޯޅަ މެޗުގެ އެންމެ އިސްކޮށް ހުރީ، ރާއްޖޭގެ ކުރީގެ އެއްވަނަ ރެފްރީ އަލީ ސަލީމެވެ. ސްޓާ ސިނަމާ ސަރަހައްދު ދޫކޮށް، މިހާރު ސިލްސިލާ ފުޓްބޯޅަ ކުޅެމުން ދަނީ، ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގަ އެވެ. ސަލީމްގެ ބޭބެ އައްބެމެން ފެށި ސިލްސިލާ ފުޓްބޯޅަ މެޗު ފެށިއިރު، ސަލީމަކީ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރެކެވެ. އޭރުވެސް ގޭ ދޮށުން ފެށުނު ފުޓްބޯޅަ މެޗުގައި އޭނާ ވެސް ކުޅެ އެވެ.
"ތިރީސް އަހަރަށް ވުރެވެސް ގިނަ ދުވަސް ވެދާނެ، އަޅުގަނޑަށް ހީވަނީ 35 އަހަރާ މިހާރު ގާތް ކުރާނެ ހެން، ރޯދަ މަސް ފިޔަވައި، މިހާތަނަށް އެ މެޗު ނުކުޅެ ދިޔައީ އެންމެ ހަފުތާއެއްގައި، އެހެން ނޫނީ ހަމަ އެއްވެސް ދުވަހެއް ވައްޓާނުލައި ކުޅެމުން ދަނީ،"
ސަލީމް ބުނީ 2004 ވަނަ އަހަރު، މުޅި ރާއްޖެ ފުންހިތާމައިން ބަނޑުން ކޮށްލި "އެނަމާ" ބޯޓް ކާރިސާ ހިނގި ހަފުތާ ފިޔަވައި ކޮންމެ ހަފުތާ އަކުވެސް މެޗު ކުޅުނު ކަމަށެވެ.
"އެނަމާ ބޯޓް، ކާރިސާ ހިނގި ހަފުތާގައި ވެސް، ކުޅެން ނިކުތް، ނަމަވެސް، ކުޅެން ނިކުތް މީހުން ނިންމީ އެދުވަހު މެޗު ނުކުޅެން،"
ސިލްސިލާ ފުޓްބޯޅަ މެޗަށްފަހު ދަޅު ބުއިން ކޮންމެ ދުވަހަކުވެސް އޮވެ އެވެ. އެއީވެސް މިއާދާ ހަމަޔަށް މެދު ނުކެނޑި ދަމަހައްޓަމުން އަންނަ އާދައެކެވެ.
"ކޮންމެ ހަފުތާ އަކުވެސް، ދަޅު ބުއިން އޮންނާނެ، އެންމެ ފުރަތަމަ ބުއީ އޭރު ދެ ރުފިޔާ އަށް ލިބޭ ޑޮންޑޮން، މިހާރު ޑޮންޑޮނެއް ނޫން، ބަންގާޅު ފިހާރަތަކުން ފަސް ރުފިޔާ އަށް ލިބެން ހުންނަ ފުޅި މިހާރު ބޮނީ، ކޮންމެ ހަފުތާއަކު ވެސް، ކޮންމެވެސް އެކަކު އެންމެންނަށް ފުޅި ދޭ ގޮތަށް އޮންނާނީ،" ސަލީމް ބުންޏެވެ.
ރަސްމީ ފުޓްބޯޅަ މެޗުތަކުގައި އޮންނަ އާންމު ގަވައިދުތައް، މި މެޗުގައި ނޯވޭއެވެ. އޮފްސައިޑް ވުމެއް ފައުލު ވުމުން ހިލޭ ޖެހުން ދިނުމެއް ނޯވެ އެވެ.
"ޓެކްލުކޮށް ވައްޓާލިޔަސް، ފައުލެއް ނުދޭނެ، ފައުލު ކުރި ދެ ކުޅުންތެރިންގެ ކަމެއް އެ މައްސަލަ ހައްލުކޮށް މެޗު ކުޅުން، އާންމުކޮށް މެޗު މެދުކަނޑާލަން ޖެހޭ ވަރުގެ ފައުލެއް ނުވެސް ހިނގާ އަބަދުވެސް ދަމަހައްޓަމުން އަންނަ ވެލިއުސް އެއް އެއީ،"
ބައި ކުޅުންތެރިޔަކު ފައިން ދޭ ޕާސްވެސް ކީޕަރަށް ހިފެއެވެ. ފީފާއިން ފުޓްބޯޅައަށް ބަދަލު ގެނައީވެސް، ސިލްސިލާ ފުޓްބޯޅަ މެޗަށް އެތައް އަހަރެއް ވީފަހުން ނެވެ. އެހެންވެ، ސިލްސިލާ މފުޓްބޯޅަ މެޗުގައި އަދިވެސް އަމަލު ކުރަމުން ދަނީ ކުރީގެ އުސޫލަށެވެ.
މީގެ އިތުރުން، އެއްވެސް މެޗެއްގައި ފުލް ދަނޑެއް ބޭނުން ނުކުރާނެ އެވެ. ނަމަވެސް، ރޯދަ މަހަށް މެދުކަނޑާލަން ކުޅޭ މެޗު އޮންނަ ހަފުތާގައި ބޮޑު ދަނޑުގައި ކުޅެއެވެ. ރޯދަމަހަށް މެދު ކަނޑާލާ، މެޗުގައި، އެންމެ މޮޅު ކުޅުންތެރިންނާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންނަށް އިނާމު ދިނުންވެސް އޮވެ އެވެ. ރޯދަމަސް ނިމި ޖެހިގެން އަންނަ ހުކުރު ދުވަހުގެ ހެދުނުގައި މެޗު ފެށިގެން ދާނެއެވެ.
"އެންމެ ފުރަތަމަ މެޗު ކުޅެން ނިކުންނަނީ އަށެއް ޖަހާއިރު، 9:30 ނުވަތަ 9:45 އް ވަންދެން ކުޅޭނެ، މިހާރު ގާތްގަނޑަކަށް 10 ނުވަތަ 10:30 ހާއިރު މެޗު ފަށައި 11:30 ނުވަތަ 11:45 ވަންދެން ކުޅެނެ، މިހާރު 10 ވަރަކަށް އަހަރު ވެއްޖެ ގަޑި ބަދަލު ކޮށްގެން، ކުޅެމުން އަންނަތާ ވެސް"
"އަދި އޮންނާނެ ވަރަށް ހާއްސަ ކަމެއް، މެޗު ނިންމާލަން ވެގެން ފަހު ބޯޅަ އޭ ބުނީމަ، ދެން އެންމެން މަސައްކަތް ކުރާނެ ފަހު ބޯޅަ ހޯދަން، އެއީ ވަރަށް ވާދަވެރިކޮށްދާ ވަގުތު ކޮޅެއް،" ސަލީމް ބުންޏެވެ.
މި މެޗުގައި ކުރިންސުރެ ކުޅެމުން އަންނަ މީހެއް ކަމަށްވާ އަބްދުﷲ އަފީފް މިހާރު ވަނީ ނިޔާވެފައެވެ. ސަލީމް ބުނީ ސިލްސިލާ ފުޓްބޯޅަ މެޗުގެ އާއިލާއިން މިހާތަނަށް ގެއްލިގެންދިޔަ ހަމައެކަނި ކުޅުންތެރިޔަކީ އެއީ ކަމަށެވެ.
"އެންމެ ދެ ފަހަރު، މެޗުގެ ތެރެއިން ކުޅުންތެރިޔަކަށް އަނިޔާވީ ވެސް، އެއްފަހަރު ކުޅުންތެރިޔަކު އަތް ބިދުނު ދެން ކުޅުންތެރިޔަކު ފާރުގައި ޖެހިގެން ކޮންމެވެސް ވަރެއްގެ އަނިޔާއެއްވި އިތުރު އެހެން އަނިޔާއެއް ނުވޭ."
ތިރިސް އަހަރަށް ވުރެ ގިނަ ދުވަސް ވީއިރުވެސް، ސިލްސިލާ ފުޓްބޯޅަ މެޗު މެދު ނުކެނޑި އޮތީ ކުޅެންދާ މީހުންގެ މެދުގައިވެސް އޮންނަ އެކުވެރިކަމުގެ ސަބަބުން ނެވެ. އެކަން އަދިވެސް އޮތީ ހިނގަހިނގައެވެ. މިއަދުވެސް، ސިލްސިލާ ފުޓްބޯޅަ މެޗު ކުޅެން ނިކުންނާނެ އެވެ. އަލުގަނޑުވެސް ދާނަމެވެ.