އަހުމަދު އަރީފް

ސައިބާ ކްރައިމް އިން ސަލާމަތްވާން ގާނޫނީ ހައްލެއް ބޭނުންވޭ :އަރީފް

އިންޓަނެޓް މެދުވެރިކޮށް ދެވޭ ހަމަލާތައް ނުވަތަ ސައިބާ ކްރައިމްގެ ބިރުވެރިކަން ރާއްޖޭގައި ބޮޑުވެފައިވާ ކަމަށާއި އެކަމުގެ ދިފާއުގައި ގާނޫނުތަކެއް ބޭނުންވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރު ގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަރީފް ވިދާޅުވީ މި ޒަމާނުގައި ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ހުރެވެސް މީހުންގެ މުދަލާއި އަބުރާއި އިއްފަތްތެރިކަމަށް ގެއްލުން ދެވޭ އިރު އެފަދަ މައްސަލަތައް ރާއްޖޭގައި ވެސް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުން އެ މައްސަލަ ހައްލު ކުރުމަށް އެ ގައުމުތަކުގެ މަޖިލީހުގައި ބަހުސްކޮށް ގާނޫނުތައް ހަދަމުން އަންނަ ކަމަށާއި އެފަދަ ހައްލެއް ރާއްޖެއަށް ވެސް ބޭނުންވާ ކަމަށެވެ.

"ދެރަ ލިބޭ މީހާ ދުނިޔޭގެ އެއްކޮޅުގައި ހުރެގެން ދެރަ ދޭ މީހާ ދުނިޔޭގެ އަނެއް ކޮޅުގައި ހުރެގެން ބޮޑެތި ގެއްލުންތައް ދެވޭ ޒަމާނެއް މިއީ. އެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކުރެވޭ ކުށްތަކުގެ މައްސަލަ ވަރަށް ބޮޑު. މިކަމަށް ހަރުދަނާ ވިސްނުންތަކެއް ގެންގުޅެން ޖެހޭ. ސައިބާ ހަނގުރާމާގެ ނުރައްކަލުން ދިފާއުވުމުގެ ގާނޫނީ އައްޑަނައެއް މި ގައުމު ބޭނުންވޭ،" އަރީފް ވިދާޅުވި އެވެ.

އަރީފް މިހެން ވިދާޅުވި އިރު ދާދި ފަހުން ރާއްޖޭގެ މުއާސަލާތީ ކުންފުނިތަކަށް ޑީޑޮސް ހަމަލާތަކެއް ދީ ހިދުމަތަށް ވަރަށް ބޮޑު ބުރޫ އެރި އެވެ. އަދި ބޮޑެތި ވެބްސައިޓުތަކަށް ވެސް އެ ހަމަލާތައް ދެމުން ގެންދިޔަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މައްސަލަތައް ބަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ.