ރިޕޯޓް

ނައިފަރު ފިތުނަ ޕާޓީގެ ޝަރީއަތް!

Mar 31, 2017
3

ޅ. ނައިފަރުގައި ބޮޑު ފިތުނައެއް އުފެދި ރަށް ފަސާދަވުމުގެ އިތުރުން މުޅި އަތޮޅު ހިންގުމަށް ލޮޅުން އަރައިގެންދިޔަ އެވެ. މި ފިތުނަ ހިނގައިގަތީ 1954 ގަ އެވެ. ފިތުނަ އަމާޒު ވަނީ ނައިފަރު މަޝްހޫރު ކާންނާ ކަލޭފާނުގެ މައްޗަށެވެ. "ނައިފަރުގެ ބޮޑު ފިތުނަ" އިގެ ގޮތުގައި ހިލިގެން އައި މައްސަލަގަނޑަކީ ވަރަށް ހިނި އަންނަ ޒާތުގެ ފިތުނަގަނޑެކެވެ. ހަގީގީ މައްސަލަ އަކީ ޅ. އަތޮޅުވެރިޔާކަމަށް އެދުރުގޭ ދޮންތުއްތު ދީދީ ވަޑައިގަތުމެވެ.

އަތޮޅުވެރިިކަމު މަގާމަށް ދޮންތުއްތު ދީދީ ވަޑައިގަތުމާ އެކު ނައިފަރުގައި އޭނާއާ ދެކޮޅަށް ޕާޓީއެއް އުފެއްދި އެވެ. އޭގެ ފަހުން އަތޮޅުވެރިޔާ ކުރައްވާ އަމުރުތައް މުގުރައި ޗިސްކުރަމުން ދިޔައީ އެ ޕާޓީގެ ރޭވުމަށެވެ. މީގެ އިތުރުން ޖެއްސުން ކުރުމާއި އާޑަފުރައްސާރަ އާއި މަލާމާތް ކުރުން އޮތީ ހައްދުން ނައްޓާފަ އެވެ. މިކަންތައްގަނޑުގެ ތެރޭގައި ފިތުނައިގެ އަލިފާން ރޯވެ ނައިފަރު ފަސާދަވީއިރު އޭގެ ސަބަބުން މުޅި އަތޮޅު ހިންގުން ވެސް އޮތީ ބޮއްސުންލާފަ އެވެ.

އަތޮޅުވެރިޔާއާ ދެކޮޅު މި ހަރަކާތްތައް ހިނގަމުން ދަނިކޮށް މި މައްސަލަ ބޮޑު މައްސަލައެއް ގޮތުގައި ސަރުކާރަށް އަތޮޅުވެރިން ރިޕޯޓް ކުރުމުން މައްސަލަ ހިނގައިގަތީ އެވެ. އަދި ނަތީޖާއެއްގެ ގޮތުން ޝަރީއަތުގައި ކާންނާ ކަލޭފާނުގެ މައްޗަށް ކުށް ސާބިތުވީ އެ ފިތުނައިގެ އިސް ލީޑަރުގެ ގޮތުގަ އެވެ.

އަތޮޅުވެރިޔާ ކުރެއްވި ރިޕޯޓާ ގުޅިގެން ހިންގި ތަހުގީގަށް ފަހު އެ ތަހުގީގު ހުށަހެޅުނީ މަހުކަމަތުއް ޝަރުއިއްޔާގެ ބޮޑު ނައިބު އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އާއި އަބްދުލް ގައްޔޫމުގެ ކުރިފުޅު މައްޗަށެވެ. އެއާއެކު މި މައްސަލައިގެ ދައުވާ އުފުލިއްޖެ އެވެ.

ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރަތްޕުޅުން މި ދައުވާ ކުރެއްވީ އައްނަބީލު ހުސައިން ހަބީބެވެ. ޝަރީއަތުން މި މައްސަލަ ބައްލަވައި ހުކުމް ކުރެއްވީ މި މައްސަލަ ބެލުމަށް ކަނޑައެޅި ކޮމެޓީގެ ރައީސް އައްޝޭހު އަލީ ހުސައިން ދީދީ އެވެ. ހުކުމް ކުރެއްވީ ޖޫން ،11 1954 ގަ އެވެ.

ކާންނާ ކަލޭފާނުގެ މައްޗަށް އަމާޒުވާ މި ހަމަނުޖެހުންގަނޑުގައި ކާންނާ ކަލޭފާނަށް އަދަބު ލިބުމުގެ އިތުރުން ވެސް ގިނަ ބަޔަކަށް މި މައްސަލައިގައި ހުކުމް އިއްވި އެވެ. މި އެންމެނަށް އަދަބު ލިބިގެން ދިއުމަށް ވުރެ މުޅި މައްސަލައިގެ ޝައުގުވެރިކަން ބޮޑުވީ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ދައުވާ ކުރެއްވި "ފިތުނަ" އިގެ ތުހުމަތާއި ޝަރީއަތަށް ސާބިތުވި ކުށްތަކާއި ބާވަތެވެ.

ކާންނާ ކަލޭފާނުގެ މައްޗަށް ކުރި ތުހުމަތަކީ ފިތުނައިގެ އަލިފާން ރޯކުރުމެވެ. ޝަރީއަތުގައި އޭނާ އިއުތިރާފުވެ ވަޑައިގަތުމުން ކުށްތަކެއް ސާބިތުވި އެވެ. އެއީ ނައިފަރުގެ ރޯދި ބަރަކާތް އިތުރު ކުރަން ކަމަށް ވިދާޅުވެ އޮޅުވާލައްވައިގެން ޖެއްސެވި ވަހުތާނަކީ އަމިއްލަ ޖާހު މަތިވެރި ކުރުމަށް ޖެއްސެވި ވަހުތާނެއް ކަން ސާބިތުވުމާއި އަތޮޅުވެރިޔާގެ އަމުރާ ނުލައި ޅ. މާފިލާފުށިން ކުރައްޖާއި މުޑި ކެނޑުމާއި ރުވާގުގެ އެއްޗެތި ބެހުން އަތޮޅުވެރިޔާ މަނާކުރައްވާފައިވާކަން އެނގި ހުންނަވައި ހަތީބު މޫސާކަލޭފާނު އެކަން ކުރެއްވި އިރު އޭނާ އަށް ހަނދާންކޮށް ނުދެއްވުމާއި ރަށުތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ވާހަކަ އަތޮޅުވެރިޔާ އަށް ދެންނެވުމުން އަތޮޅުވެރިޔާ އެކަމާ އަޅައި ނުލެއްވުމުން އެކަން ދައުލަތުގެ ވެރިންނަށް ނާންގާ ހުންނެވުމެވެ.

ދޮން ހުސައިން އަލީ ކުޑަތުއްތު އަށް ދޯންޏެއް ގަނެނުދިނުމުގެ މައްސަލަ ހިންގާ ކޮމެޓީ އަށް ހުށަހެޅުމަށް އަތޮޅުވެރިޔާ އެންގެވީމާ އަތޮޅުވެރިޔާ އަށް މަލާމާތްކުރުމުގެ ގޮތުން ޖެއްސުމަށް ވައްކަންކޮށް އަދަބު ލިބިފައިވާ ވަރަށް ބަލި ނިކަމެތި މީހެއް ކަމަށްވާ ރަތް ހަސަނު ރައްޔިތުންގެ ގެއަށް ދޯންޏެއް ގަނެދޭތޯ ފޮނުވުމާއި ޅ. ހިންނަވަރު ދޯންޏެއްގައި ގުއި އުނގުޅި މައްސަލައިގެ ތަގުގީގުގައި އޮޅުވާލުންތަކެއް ހުރުމެވެ. ފިތުނައިގެ ވެރިޔާގެ ގޮތުގައި ކުށްވެރިވެގެން ކާންނާ ކަލޭފާނަށް ކަނޑައެޅި އުގޫބާތަކީ 15 އެތިފަހަރުން ތައުޒީރު ކުރުމާ އެކު ވަޒީފާ އިން ވަކިކޮށް ހަތަރު އަހަރަށް އަރުވާލުމެވެ.

ނައިފަރު ފިތުނައިގައި ހަތީބު މޫސާ ކަލޭފާނު ވެސް ކުށްވެރިވި އެވެ. އެއީ ކާންނާ ކަލޭފާނު ލަފާދެއްވާހައި ގޮތަކަށް އަތޮޅުވެރިޔާގެ އަމުރާ ހިލާފަށް ކަންތައް ކުރެއްވި ކަމަށް އިއުތިރާފުވެވަޑައިގެންފައި އެކަމާ ދެކޮޅު ހެއްދެވުމާއި ކާންނާކަލޭފާނު ވަހުތާން ޖައްސަވައި އަތޮޅުވެރިޔާގެ ލަފާ ނުހޯއްދަވައި އެކަމަށް އަމުރު ދެއްވައި އެކަން ކުރުވުމާއި ރުވާގު އެއްޗެތި ބެހި މައްސަލައިގައި އަތޮޅުވެރިޔާ ކާންނާކަލޭފާނު ވެސް ބަހައްޓަވައިގެން އަތޮޅުވެރިޔާ ނެތީސް އެތަކެތި ބެއްސެވުން މަނާ ކުރައްވާފައި ވަނިކޮށް ބެހުމާއި ދޮން ހުސައިން އަލީ ކުޑަތުއްތު އަށް ރައްޔިތުންގެ ގެއިން ދޯނި ގަނެނުދިން މައްސަލައިގައި ކާންނާ ކަލޭފާނާއި ބައިވެރިވެގެން ދޮން ބަބުރަށް ދޯންޏެއް ގަތުމަށް ރައްޔިތުންގެ ގެއިން ރުފިޔާ ދިނުމާއި ކާޑުގެއިން ހަރަދުކޮށްގެން ބޮޑު ދުނބުރި ކަނޑާން ކާށިދު އަށް ފޮނުވަން އުޅުމާއި ނައިފަރު އައްޑާ އަބޫބަކުރު އަތޮޅުވެރިޔާގެ އަބުރާ ބެހޭ ގޮތުން ދެއްކި ވަރަށް ހުތުރު ވާހަކަތަކެއް ތަހުގީގުކޮށްފައި އަތޮޅުވެރިޔާ އަށް ނާންގާ އޮތުމެވެ. މި މައްސަލައިގައި ހަތީބު މޫސާ ކަލޭފާނު ވެސް 15 ފަހަރަށް ތައުޒީރުކޮށް ވަޒީފާ އިން ވަކިކުރުމާ އެކު ހަތަރު އަހަރަށް އަރުވާލުމަށް ހުކުމް ކުރެއްވި އެވެ.

މި މައްސަލައިގައި 15 އެތިފަހަރުން ތައުޒީރު ކުރުމާ އެކު ވަޒީފާ އިން ވަކިކޮށް އަރުވާ ނުލައި ދޫކޮށްލެއްވީ މުދިން އަބްދުﷲ އެވެ. އޭނާގެ ކުށަކީ ކާޑުގެއިން ހަރަދުކޮށްގެން ބޮޑުދުނބުރި ކަނޑާން އުޅުނު މައްސަލައިގައި މޫސާކަލޭފަނު ވެސް ބުނެގެންނޭ އެދަތުރު ފޮނުވާން އުޅުނީ އަތޮޅުވެރިޔާ ސުވާލު ކުރެއްވީމާ ނުދެއްނެވުމާއި ރައްޔިތުންގެ ގެއިން ގަވައިދާ ހިލާފަށް ހަކުރު ގެންދިއުމާއި އެވާހަކަ އަތޮޅުވެރިޔާ އަށް ދަންނަވާނަމޭ މީހަކު ބުނީމާ އަތޮޅުވެރިޔާއާ ދިމާއަށް ޖެއްސުމުގެ ބަހެއް ބުނުމެވެ.

ދެން އެންމެ ބޮޑަށް ކުށްވެރިވި އެކަކީ އަލީ ޔޫސުފުޅެވެ. އެއީ ބައެއް ކަންކަން އަތޮޅުވެރިޔާއަށް ނާންގާ ހުރުމާއި ރަށުގައި ފިތުނަ އުފައްދާ އަތޮޅުވެރިޔާ އަށާއި އަތޮޅުވެރިޔާގެ ކައިރީގައި އުޅޭ މީހުންނަށް އާޑަފުރައްސާރަކޮށް މަލާމާތްކޮށް ހެދުމެވެ.

މި މައްސަލައިގައި ކާންނާކަލޭފާނުގެ އަހުމަދުފުޅާއި މުހައްމަދުފުޅުގެ މައްޗަށް ވެސް ޝަރީއަތް ހިންގާ ކުށް ސާބިތުވި އެވެ. މި ދެ މީހުންގެ ތެރެއިން އަހުމަދުފުޅުގެ ކުށަކީ އާއިޝަތުގެ މުހައްމަދު އާދަމާ ދިމާއަށް "ކަލޭ އަތޮޅުގެ އަށް ދަނީ ދޮންތުއްތުބެއާ (އަތޮޅުވެރިޔާ) ... ދަމާށޭ" ބުނުމުގެ އިތުރުން މަލާމާތަށް "ކަލޭތީ މިހާރު އަތޮޅުގޭ ބޮޑެކޭ" ބުނުމެވެ. މުހައްމަދުފުޅުގެ ކުށަކީ އަތޮޅުވެރިޔާ ފުރާވަޑައިގަތީމާ މަލާމާތަށް "ވަރަށް ހޫނު އައްތިލަ ބަޑިއެއް ދޭންވާނޭ" ބުނުމާއި އަތޮޅުވެރިޔާ ވަޑައިގަންނަވާ އިރަށް ފާލަމުގައި ގުއި އުނގުޅާފައިވާ ސާންތިއެއް ފެތުރުމާއި ރަށުތެރޭގައި ފިތުނަ ފަސާދަ އުފައްދާ އާދަވެގެން މަލާމަތްކޮށް ހެދުމެވެ.

ކާންނާކަލޭފާނުގެ މި ދެބެންނަށް ޝަރީއަތުން އަދަބު ދިން އިރު އަހުމަދުފުޅު 15 އެތިފަހަރުން ތައުޒީރުކޮށް ދޫކޮށްލީ އެވެ. މުހައްމަދުފުޅު 10 ފަހަރު ތައުޒީރުކޮށް ދެ އަހަރަށް އަރުވާލީ އެވެ.

މި މައްސަލައިގައި ހިމެނުނު ނައިފަރު މުހައްމަދު ޔޫސުފުޅުގެ މައްޗަށް ސާބިތުވީ ކުށަކީ "ފިތުނަ އުފައްދާ ޕާޓީ" ގެ މީހުންނާ އެކު އުޅުމެވެ. ދެން ބެދުނީ މުހައްމަދު ޒަކަރިއްޔާ އެވެ. އެއީ އަތޮޅުވެރިޔާ ކުއްޖެއްގެ މުންޑެއް ހޯދަން މީހަކު ފޮނުވުމުން އެދިޔަ މީހާއާ ދިމާއަށް "އަތޮޅުވެރިޔާ މިހާރު މީހުންގެ ފޮށިފޮއްޓަށް އަތްބާނަނީއޭ" ބުނުމާއި "ދނޑ ޕާޓީ" އޭ ކިޔައިގެން ފިތުނަ އުފެއްދުމުގެ ގޮތުން ބަޔަކު ހަދާފައިވާ ޕާޓީއެއްގައި ބައިވެރިވުމެވެ.

މި ބޮޑު ފިތުނައިގައި ޖެހިގެން ކާންނާ ކަލޭފާނާ އެކު ޖުމްލަ 25 މީހުން ކުށްވެރިވެގެން ނިމުނު އިރު މި މައްސަލަ ހިލުވައިލެއްވި އަތޮޅުވެރިޔާ އެދުރުގޭ ދޮންތުއްތު ދީދީ ވެސް ކުށްވެރިވި އެވެ. އަތޮޅުވެރިޔާގެ ކުށަކީ ލިބާހަށް އައިބުވެފައިވާ އަންހެން ކުއްޖަކު ނިދާފައި އޮއްވާ ފުޅިބައްތިއަކުން އަލިކުރުމާއި ފިތުނަ ފަސާދަ ނައްތާލުމަށް ކާންނާކަލޭފާނު ދެ ދުވަސް މަތިން ވާހަކަ ދައްކަވާ ވެސް އެކަމާ ބަހައްޓަވާންވީ ފަރުވާ ނުބެހެއްޓެވުމާއި މާފިލާފުއްޓަށް ލައްވި ދަނޑީގެ މައްސަލައިގައި ނޭއްގާނީ ގޮތުގައި ކަންކުރެއްވުމެވެ. މިކުށުގައި އަތޮޅުވެރިޔާ ފަސް ފަހަރުން ތައުޒީރުކޮށް އަތޮޅުވެރިކަމުން ވަކިކުރައްވައި ދޫކޮށްލެއްވީ އެވެ.