ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް މިރޭ އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިރޭ ބުނެފި އެވެ.
ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ވިދާޅުވީ މިއަދު ބޭއްވި އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނީ ކަމަށާއި އެ މައްސަލަ ނިންމުމަށް މިރޭ 11:15 ނުވަތަ 11:30 ގައި މަޖިލީހެއް ބާއްވާނެ ކަމަށެވެ.
ނާޒިމްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އޭނާއަށް އައުން އެކަށީގެންވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ ހަތިޔާރުތައް ހުރީ ނާޒިމްގެ ކޮޓަރީގައި ކަމަށްވެފައި އެ ތަކެތި ލިބުނު ގޮތް ނާޒިމަށް ސާބިތުކޮށް ދެވިފައިނުވާތީ އެ ތަކެތި ގެންގުޅުމުގެ ފުރިހަމަ ޒިންމާ ނާޒިމް ނަގަންޖެހޭނެ ކަމަށެވެ. އަދި އެ ތަކެތި ހުރީ ނާޒިމްގެ ފުރިހަމަ ހިޔާޒަތުގެ ދަށުގައި ކަމަށާއި އެ މީހެއްގެ ހިޔާޒަތުގެ ދަށުން ފެންނަ ތަކެއްޗާ މެދު ޒިންމާ ވާންޖެހޭނީ އެ މީހަކު ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
މީގެ އިތުރުން އެ ހަތިޔާރު ފެނުނު ދަބަސް ތެރޭގައި އޮތް ޕެން ޑްރައިވްގައި ހުރި މައުލޫމާތުތަކަށް ބެލުމުން ވެސް އެ ހަތިޔާރާ ނާޒިމާ ގުޅުން އޮތްކަން ދަލީލުކޮށް ދޭ ކަމަށް ދައުލަތުން ބުންޏެވެ. ހަތިޔާރު ފަދަ ތަކެތި ގެންގުޅުމުގެ މައްސަލަތަކުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ކޯޓުތަކުން ނިންމާފައި ހުރި ބައެއް މައްސަލަތައް ޝަރީއަތަށް ހުށަހަޅައި، ދައުލަތުން އެދުނީ އެ ދައުވާ ނާޒިމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި ދިނުމަށެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދު ދީ ނާޒިމްގެ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމުގަޔާއި ހެކި ހޯދުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އެ ކޮޓަރި ފާސްކުރި ބައެއް ފުލުހުން ޝަރީއަތުގައި ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން ޕީޖީ ވަކީލުންނާ ބައްދަލުކުރި ކަމަށް ބުނާ ތާރީޚާ މެދު ވެސް އެކި ފުލުހުންގެ ބަސް ތަފާތުކަން ވަކީލުން ފާހަގަކުރެއްވި އެވެ. އަދި ވަކީލުންނާ ހެކިވެރިން ބައްދަލު ކުރުމަކީ ހެކިންނަށް ނުފޫޒު ފޯރުވުން ކަމަށާއި އެހެންވެ އެ ހެކިންގެ ހެކިބަސް ބަލައިގަނެގެން ނުވާނެ ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.
މީގެ އިތުރުން އެ ހަތިޔާރުތަކާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ ނާޒިމް ފްރޭމް ކުރަން ކޮށްފައިވާ ކަމެއްކަން ސާބިތުކޮށް ދެވޭނެ ހެކިވެރިއަކު ޝަރީއަތަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އޭނާ ހާޒިރު ނުކުރާ ކަން ނާޒިމްގެ ވަކީލުންގެ ޓީމުން ފާހަގަކުރެއްވި އެވެ. އެ ވަކީލުން ވިދާޅުވީ ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރި ފުލުސް މީހާ އެ ހެކިވެރިޔާ ގާތު ބުނެފައިވާ ކަމަށް އެ ހެކިވެރިޔާ ބުނާ ކަމަށެވެ. އަދި ނާޒިމްގެ ހާޒިރުގައި ކޮޓަރި ފާސް ކުރުމުގެ ކުރިން ފުލުހުންގެ ބަޔަކު ކޮޓަރި ތެރޭގައި ހަރަކާތްތެރިވި ކަން ސާބިތުކުރަން ވެސް ހެކިން ހުށަހަޅާފައިވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.