ވިޔަފާރި

ޓީޓީއެމް ފެއާއަށް އިންޓަނޭޝަނަލް މީޑިޔާ ޕާޓްނަރުން

Apr 1, 2017

އަންނަ ޖުލައި މަހުގެ 12 އިން 13 އަށް ރާއްޖޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާއަށް އިންޓަނޭޝަނަލް މީޑިޔާ ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތެއް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ ފެއާއަށް ބައިނަލްއަގުވާމީ މީޑިޔާ ޕާޓްނަރުން ހަމަޖެއްސީ ފެއާ ރާއްޖެއިން ބޭރުގައި ޕްރޮމޯޓް ކުރަން ކަމަށެވެ. ފެއާއަށް ހަމަޖައްސާފައިވަނީ މަޝްހޫރު ޓްރެވަލް ސައިޓުތައް ކަމަށްވާ ޓީޓީޖީ އާއި ޓީޓީއެން އަދި އީޓިއުބޯ ނިއުސް އާއި ޕީއާރްނިއުސްގެ އިތުރުން ސްޕެއާ މީޑިޔާ އެވެ.

ޓީޓީއެމްގެ އިންޓެނޭޝަނަލް މީޑިޔާ ކުންފުނިތަކުގެ ގޮތުގައި ހަމަޖެއްސި ޓީޓީޖީ ކުންފުންޏަކީ ޓްރެވަލް އެންޑް ޓޫރިޒަމް ހަބަރުތައް އެންމެ ފުޅާކޮށް ފަތުރާ ބޭރުގެ އެއް ކުންފުންޏެވެ. މީގެ އިތުރުން ހިމެނެނީ މެދުއިރުމަތި އަދި ލަންކާގެ އިތުރުން ސްރީލަންކާ އާއި އެމެރިކާގެ ޓްރެވަލް ނޫސްތަކެވެ.

ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަކާއެކު، ބާއްވާ މި ފެއާގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު / ޓޫރިސްޓު ހޮޓާތަކުގެ ވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން ބައިވެރިވާނެ އެވެ.

މީގެ އިތުރުން މި ފެއާގައި ރާއްޖޭގެ ފުރަތަމަ "ހޮޓެލިއާ ސަމިޓު" ވެސް އޮންނާނެ އެވެ. މި ސަމިޓުގައި ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އަންގައިދޭނެ އިރު ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި ރިސޯޓު / ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން ކޮންސަލްޓެންޓުންނާއި ދާއިރާގެ މާހިރުން ބައިވެރިވާނެ އެވެ.

ޓީޓީއެމް ބާއްވަނީ ބޭރުގެ ގިނަ ފަރާތްތަކާ ވެސް ގުޅިގެންނެވެ. މިގޮތުން ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ވަނީ މި ފެއާގައި ހާއްސަ ބައެއް އިންތިޒާމު ކުރަން ނިންމާފަ އެވެ. ޓީޓީއެމާ ދިމާކޮށް، އެ ޖަމިއްޔާ އިން ރާއްޖޭގައި ޕާޓާ އެކަޑަމީއެއް ހިންގާނެ އެވެ. މީގެ ބޭރުމަކީ ޓޫރިޒަމާ ގުޅުންހުރި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމެވެ.

ޓީޓީއެމް ފެއާއަކީ ރާއްޖޭގެ ގިނަ ޖަމިއްޔާތަކުން އެންޑޯޒްކޮށްފައިވާ ފެއާ އެވެ. މި ފެއާ އެންޑޯޒް ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރޭގައި މަޓާޓޯ އާއި މަޓީ އާއި އެމްއެމްޕީއާރުސީ ހިމެނެ އެވެ. އަދި މި ފެއާގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.