ދުނިޔެ

ގާނޫނު އަސާސީ ބަދަލުކުރުމުން ޕެރަގުއޭ ޕާލަމެންޓްގައި ހުޅުޖަހައިފި

Apr 1, 2017
1

ޕެރަގުއޭގައި އެކަަކަށް އެއް ދައުރަށް ވުރެ ގިނައިން ވެރިކަން ކުރެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސިއްރު ވޯޓެއް ނެގުމުން އެކަމާ ދެކޮޅަށް މުޒާހަރާކުރި ބަޔަކު އެ ގައުމުގެ ޕާލަމެންޓްގައި ހުޅުޖަހައިފި އެވެ.

އަލްޖަޒީރާ ބުނީ ޕެރަގުއޭގެ ވެރިރަށް އަސުސިންސިއޮންގައި ހުކުރު ދުވަހު އެތައް ސަތޭކަ މީހުން މުޒަހަރާއަށް ނުކުތް ކަަމަށާއި އެމީހުން އެގައުމުގެ ކޮންގްރެސްގެ އިމާރާތުގެ ބޭރުގައިވާ ފެންސްތައް ވައްޓާލާއި އެ އިމާރާތުގެ ދޮރުތަކާއި ކުޑަދޮރުތައް ހަލާކުކުރި ކަމަށެވެ. އަދި އެމީހުންނަށް އިމާރާތުގެ އެތެރެއަށް ވަދެވުމުން ގާނޫނު އަސާސީއަށް ބަދަލުގެންނަން ވޯޓްދިން މެމްބަރުންގެ އޮފީސްތަކުގައި ހުޅުޖެހި ކަމަށެވެ.

ޕެރަގުއޭގެ އަލިފާން ނިއްވާ އިދާރާއިން ބުނެފައި ވަނީ ހާދިސާގައި އަލިފާން ނިއްވާ މީހުންނާއި މުޒާހަރާ ކުރި މީހުން ހިމެނޭ ގޮތުން 30 މީހަކަށް އަނިޔާވި ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ކޮންގްރެސްގެ އިމާރާތަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެ އެވެ. އަލްޖަޒީރާގެ ހަބަރުގައި ބުނެފައި ވަނީ ރޭގެ ފަހުގެ ވަގުތެއްގައި މުޒާހަރާ ރޫޅާލައި، އަލިފާންގަނޑު ވެސް ނިއްވާލާފައިވާ ކަމަށެވެ.

ޕެރަގުއޭގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން އިއްޔެ ޖަލްސާ ބާއްވާފައި ވަނީ އާއްމުކޮށް އެފަދަ ޖަލްސާތައް ބާއްޕާ ސެނެޓްގެ ތަޅުމުގެ ބަދަލުގައި ކޮންގްރެސްގެ ބަންދު އޮފީހެއްގަ އެވެ. އެ ނިންމުމާ ދެކޮޅޮހަދާ މީހުން ބުނަނީ އެއީ ޚުދުމުޚުތާރު ވެރިކަަމަށް މަގުފަހިވާ ނިންމުމެއް ކަމަށާއި އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.