ދުނިޔެ

ގެރި ކަތިލާ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!

Apr 1, 2017
5

ގެރިއެއް މަރައިފި މީހަަކު އުމުރަށް ޖަލަށްލާ ގޮތަށް އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ގާނޫނެއް ފާސްކޮށްފި އެވެ.

ގުޖުރާތުގައި އަމަލު ކުރަމުން އަންނަ ޖަނަވާރު ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ގެރި މަރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން ގެރި މަސް އުފުލާ މީހަކަށް ވެސް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ގާނޫނާ ހިލާފުވާ މީހުން ޖޫރިމަނާ ކުރުމަށް ކުރިން ކަނޑައަޅާފައިވާ ފައިސާގެ އަދަދު ދެގުނަ ކުރުން ވެސް ހިމެނެ އެވެ. ގެރިއެއް މަރާ މީހަކު ނުވަތަ ގެރިމަސް އުފުލާ މީހަކު ކުރިން ޖޫރިމަނާ ކުރަނީ 50000 އިންޑިއާ ރުޕީސް އިންނެވެ. ނަމަވެސް މިހާރު ބަދަލުކޮށްފައި ވަނީ އެފަދަ ކަމެއް ކުރާ މީހަކު 100000 ރުޕީސް އިން ޖޫރިމަނާ ކުރާ ގޮތަށެވެ.

އިންޑިއާގެ ބައި ގިނަ ހިންދޫންގެ ގާތުގައި ގެރިއަކީ މުގައްދަސް އެއްޗެކެވެ. އެހެންވެ ގެރި މެރުން އެ ގައުމުގެ ގިނަ ސްޓޭޓްތަކެއްގައި ވަނީ މަނާކޮށްފަ އެވެ.

ގުޖުރާތުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ޕްރަދީޕްސިން ބީބީސީއަށް ވިދާޅުވެފައި ވަނީ ގެރިއަކީ އިންޑިއާގެ ސަގާފަތުގެ ރަމްޒެއް ކަމަށާއި ގާނޫނަށް ބަދަލު ގެނައީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަމަށެވެ. ގެރި މަރާ މީހުންނަށް ހަރުކަށި އަދަބު ދިނުމާ ބެހޭ ގޮތުން ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ކުރިން ވަނީ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާފައެެވެ.

ގުޖުރާތުގެ ގާނޫނަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އެ ސްޓޭޓްގެ ގަވަރުނަރު އެ ގާނޫނަށް އާނ ބަސް ވިދާޅުވުމުންނެވެ. ގުޖުރާތަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އުފަން ސްޓޭޓެވެ. އެ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ވެސް މޯދީ ކުރިން ކުރެއްވި އެވެ.

ގެރި މެރުމާއި ގެރިމަސް ކެއުމުގެ ތުހުމަތަށް އިންޑިއާގެ ހަށުކަށި ހިންދޫ އިން މުސްލިމުން މެރުމުގެ ހާދިސާތައް އެ ގައުމުގައި ފަހަކަށް އަައިސް ވަނީ ގިނަ ވެފައެވެ.