ހަބަރު

ޖަލީލާއި ތޮލްހަތުގެ އިތުރުން ޒިޔާދަށް ހުކުމް ކުރަން މާދަމާ ރެއަށް ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި ކަމުގެ ދައުވާލިބޭ ތިން މީހެއްގެ މައްސަލައިގެ ހުކުމް ކުރަން މާދަމާ ރެއަށް ތާވަލްކޮށްފައިވާ އަޑުއެހުންތައް ކެންސަލްކޮށްފި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ދައުވާލިބޭ މީހުންގެ ތެރެއިން މާދަމާ ރޭ ހުކުމްކުރަން ނިންމާފައިވާ އޮތީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މޫސާ އަލީ ޖަލީލާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އޭރުގެ އޮޕަރޭޝަންސް ޑައިރެކްޓާ މުހައްމަދު ޒިޔާދުގެ މައްސަލައިގަ އެވެ.

އެ ތިން މައްސަލައިގެ އަޑުއެހުންތައް ނިމި، މާދަމާ ރޭ ހުކުމް އިއްވުމަށް ކޯޓުން ތާވަލްކޮށްފައި ވަނިކޮށް އެ އަޑުއެހުންތައް ކެންސަލްކުރި ކަން ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ކެންސަލްކުރި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް ކުރުން ފަސްކޮށްފައިވާއިރު އެ މައްސަލައިގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން މިމަހުގެ 13 ވަނަ ދުވަހު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.