ކުޅިވަރު

ހާސިލުވީ މަދު މިންވަރެއް، ބޮޑު މަންޒަރު އަދި އޮތީ!

ގްރީންސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު، މިދިޔަ މަހުން ބައެއް ހޭދަ ކުރީ، ޒަމާނީ ފުޓްބޯޅައިގެ މިހާރު ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ސިޓީ ކަމަށްވާ، ސްޕެއިންގެ ބާސެލޯނާގަ އެވެ. ވިކްޓަރީގެ ކުރީގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ތަނަވަސް ކޮށްދިން ފުރުސަތެއްގައި، ގްރީންސްޓްރީޓްގެ މެނޭޖްމެންޓްގެ އެހީތެރި ކަމާއެކު، ސޮބާ ތަމްރީންތައް ހެދީ، ޓޯޓަލް ފުޓްބޯޅައިގެ އޮށް މުޑުވައް ކުރި، ހޮލެންޑްގެ ކުރީގެ ތަރި ޔޯހާން ކްރައިފްގެ ފިލޯސަފީ އާއި ފޯމިއުލާ ތަކުގެ މައްޗަށް އެތަނުގެ ފުޓްބޯޅައިގެ ކަރިކިއުލަމް ބިނާ ކޮށްފައިވާ ޓޯވާ އެކެޑެމީ ގަ އެވެ.

ޓޯވާ އެކެޑެމީގެ، ޓްރެއިނިން ތަކުގައި، ސޮބާ ހޭދަ ކުރި ތަޖުރިބާ އޭނާ ވަނީ، އަވަސްއާ ހިއްސާ ކޮށްފަ އެވެ. ޓޯވާ އެކެޑެމީގެ ޓްރެއިނިންގައި، ސްޕެނިޝް ލީގްގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅުނު މެޗެއް ބަލަން ފުރުސަތު ދީފަ އެވެ. އަދި ބާސެލޯނާގެ ފުޓްބޯޅަ އެކެޑެމީ 'ލަ މާސިއާ' އަށް ޒިޔާރަތް ކޮށް، ޓްރެއިނިންތައް ބަލާފަ އެވެ. އޭނާ ކުރިއަށް ގެންދިޔަ ކޯހަކީ، 'އޭއެފްސީ ބީ ލައިސެންސް ފެންވަރުގެ ކޯހެކެވެ.

ޓޯވޭ އެކެޑެމީގެ ކޯހުގައި ލެކްޗާ ނަގައިދިން އެކްސްޕާޓުންގެ ތެރޭގައި، ހޮލެންޑްގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ޖޯން ވާން ޝިޕް ހިމެނެ އެވެ. އޭނާ އަކީ ހޮލެންޑްގެ ކުރީގެ ތަރި މާކޯ ވެން ބާސްޓެންއާ އެކު އަޔަކްސް އަށް ކުޅުނު ކުޅުންތެރިޔެކެވެ.

ސޮބާ ދެކޭ ގޮތުގައި، ފުޓްބޯޅަ އަށް އޭނާގެ ލޯ ހުޅުވާލެވުނީ އަދި ކިރިޔާ އެވެ. ކިތަންމެ ގިނަ މެޗުތަކެއް ކުޅެފައި ހުއްޓަސް، ކޯޗަކަށް ފުޓްބޮޅައިގެ އެހެން މަގާމެއް ފުރާ މިހަކަށްވެސް އެނގެންޖެހޭ ވަރަށް ގިނަ އެއްޗެހި އަދި އެބަހުއްޓެވެ.

"ޓޯވާ އަށް ގޮސް، ފުޓްބޯޅަ ޕްރޮފިސަރުންގެ ލެކްޗާތަކާއި، ޓްރެއިނިންތަކުގައި ބައިވެރިވެ ވުނީމަ، އެނގޭ، އަދި މިއެނގުނީ ކުޑަ ކުޑަ މިންވަރެއް ކަން، ފުޓްބޯޅައިގައި ކުރިއަށްދަންޏާ އަދި އެނގެން ޖެހެ ބައިވަރު ބައިވަރު އެއްޗިހި އެބަ ހުރި، އަދި ކިރިޔާ ފުޓްބޯޅަ އަށް ލޯ ހުޅުވިގެން މިދިޔައީ،" 100 އާ ގާތްކުރާ އަދަދަކަށް ގައުމީ ޓީމާއި ކުލަބު ލެވަލުގައި އިންޓަނޭޝަނަލް މެޗު ކުޅެފައިވާ ސޮބާ ބުންޏެވެ.

ސޮބާ ބުނީ، ފުޓްބޯޅައިގައި 'ބެސްޓް' ކޯޗާއި 'ގްރޭޓް' ކޯޗު އެއީ ތަފާތު ދެ ކޯޗެއް ކަން، ޓޯވާގެ ޓްރެއިނިން ތަކުން އެނގިގެން ދިޔަ ކަމަށެވެ.

"އެންމެ މޮޅު ކޯޗް ނުވެދާނެ، ފަންނީ ގޮތުން އެއީ އެންމެ ގްރޭޓް ކޯޗް ކަމަށް، ނަމަވެސް ގްރޭޓް ކޯޗް ވަރަށް ތަފާތު، ގްރޭޓް ކޯޗަކީ އާ އިންވެންޝަނާއި ފުޓްބޯޅައިގެ އާ ވިސްނުން ތާރާފު ކުރަން މަސައްކަތް ކުރާ ކޯޗް،" ސޮބާ ބުންޏެވެ.

ފުޓްބޯޅަ އެހެން ހަރުފަތަކަށް، ގެންދަން ފުޓްބޯޅަ އެޑިއުކޭޝަން ކިހާ މުހިންމު ކަން މުޅި ދުނިޔެ ވިސްނައިފި އެވެ. ސޮބާ ބުނީ އޭޝިއާގެ ޗައިނާ އާއި އިންޑިއާގެ ޑިމާންޑްތައް ވެސް ހުރި ޔޫރަޕްގެ ފުޓްބޯޅަ އަށް ކަމަށެވެ. އަދި ޗައިނާ އާއި އިންޑިއާގައި ޓްރެއިނިން އާއި ފެސިލިޓޭޓް ގާއިމު ކުރުމަށް، ޓޯވާގެ ފުޓްބޯޅަ ޕްރޮފިސަރުންގެ ކޮންސަލްޓެންސީއަށް އެދިފައިވާ ކަން ޕްރޮފިސަރުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

"މާއްޓޭގެ ވިސްނުން ވަރަށް މުހިންމު ފުޓްބޯޅަ އަށް، ކޯޗް (މާއްޓޭ) އަބަދުވެސް ބުނާނެ، މިހާރުގެ ފުޓްބޯޅަ އަށް ފަރިތަވާން، ސްޓަޑީ ކުރުމުގެ މުހިންމުކަން، އެ ނޮލެޖް އެބަޖެހޭ ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށްވެސް ފޯރުކޮށްދޭން، އެހެން ނޫނީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ނުގެންދެވޭނެ، މިއީ މައްޓޭ އަބަދުވެސް ބުނާ ވާހަކަ ޓޯވާގެ އިންސްޓްޓިޔުޓަށް ގޮސް، އެ ލެކްޗާ ތަކުން ރިއަލައިޒްވޭ އެ ވާހަކައިގައި ކިހާ ބުރަދަނެއް ހުރި ކަން،"

ސޮބާގެ ވިސްނުން ހުރީ ޓޯވާ މެދުވެރި ކޮށް އިތުރު ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށެވެ. މިއީ ކޯޗަކަށް އަދި ފުޓްބޯޅައިގެ އެހެން މަގާމެއް ފުރާ މީހަކަށްވެސް މުހިންމު ކަމެއް ކަމަށް ސޮބާ ދެކެއެވެ.

"ލަ މާސިއާގައި، އުމުރުން 14 އަހަރު 13 އަހަރު ކުދިން ޓްރެއިން ފެނުނީމަ، ދެރަވެސް ވޭ، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް މަސައްކަތް ކޮށްފިޔާ އެފެންވަރަށް ހުނަރު ތަރައްގީ ކުރެވޭނެ، ބޭނުން ވަނީ ޕޮސެޓިވް ވިސްނުމަކުން ވިސްނައި މަސައްކަތް ކުރުން،"

"އަދި މިވަރަކުން، ކިޔެވުން ހުއްޓައެއް ނުލާނަން، ފުޓްބޯޅައިގައި މަސައްކަތް ކުރަން ބޭނުމިއްޔާ އިތުރަށް ނޮލެޖް ހޯދައިގެން ނުނީ ކުރިއަށް ނުދެވޭނެ، އެއީ އަޅުގަނޑަށް އެނގިގެން ދިޔަ އެއްޗަކީ"

ސްޕެއިންއަކީ ފުޓްބޯޅައިގައި މިއަދު އެންމެ ކުރި އަރާފައިވާ ގައުމެވެ. ސޮބަގެ ވިސްނުން ހުރީ، އަދިވެސް ސްޕެއިންގެ ޕްރޮގްރާމަކަށެވެ.