ރިޕޯޓް

ސާފު ފެނުގެ ހިދުމަތް ޔަގީންކޮށް ދިނުމުގެ މަސައްކަތް ކާމިޔާބު

Apr 1, 2017
1

އެޑިޓަރގެ ނޯޓު: މިއީ މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމް ލިޔުއްވާފައިވާ މަޒުމޫނެވެ. މި މަޒުމޫނު ޝާއިއުކޮށްފައި މިވަނީ އަވަސްގެ މިންގަނޑަށް ފެތޭ ގޮތަށް ބައެއް ކުދިކުދި ބަދަލުތައް ގެނައުމަށްފަހު އެވެ. ---

ދުނިޔޭގެ އެކިކަންކޮޅުތަކުގައި 663 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި، ސާފު ބޯފެން ނުލިބުމުގެ ވޭން ތަޙައްމަލު ކުރަމުން އެބަގެންދެއެވެ. ބައެއް ގައުމުތަކުގެ ކުޑަކުދީންނާއި މުސްކުޅިން ފެން ބަނޑިޔަލެއްހާ މިންވަރު ހޯދަން ކޮންމެ ދުވަހަކު އެތައް ގަޑިއިރަކު ހިނގަންޖެހެއެވެ.

ބައެއް ގައުމުތަކުގެ މީހުން ބޯން ބޭނުން ކުރަނީ ޖަނަވާރުތައް ފެން ބޯން އެރިއުޅޭ ކޯރުތަކުގެ ފެނެވެ. ތަރައްގީ ވަމުންދާ ގައުމުތަކުގައި އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުންދަނީ ސާފު ފެނެއް ނޫނެވެ. ބައެއް ގައުމުތަކުގެ މީހުން ނުސާފު ފެން ބުއިމުގެ ސަބަބުން ބަލިމަޑުކަން ފެތުރެމުން ދެއެވެ. ބޭނުންކުރާ ނުސާފު ފެނުގެ ސަބަބުން ޖެހޭ ބަލިތަކުގައި ކޮންމެ އަހަރަކު އެތައް މިލިއަން މީހުން މަރުވެގެންދެއެވެ.

ފެނަކީ، ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަދި ޤުދުރަތީ ގޮތުން ދުނިޔޭގައި ލައްވާފައިވާ އެންމެ މުހިންމު އެއްވަސީލަތެވެ.

ދިވެހިރާއްޖެ އުފެދިފައިވަނީ ބިންތިރި ޖަޒީރާ ރަށްތަކެއްގެ ގޮތުގައިކަމުން ޤުދުރަތީގޮތުން ލިބެންހުރި މީރުފެނުގެ ވަސީލަތްތަކާއި ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާ ވަރަށްބޮޑު ގުޅުމެއްވެއެވެ. މިގޮތުން ރާއްޖެއިން ލިބެން ހުރި ފެނުގެ ވަސީލަތްތަކުގެ ތެރޭގައި ވާރޭފެނާއި ބިމުންނެގޭ ފެނުގެ އިތުރުން ކުޅިތަކުގައި ހުންނަފެން ހިމެނެއެވެ.

ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެ ސާފު ފެނުގެ ގޮތުގައި ބޭނުން ކުރަމުން އައިސްފައި ވަނީ ވާރޭފެނުގެ އިތުރުން ބިމުގެ އަޑިން ނެގޭ ފެނެވެ. ވަޅުފެނެވެ. އިހުޒަމާނަށް ބަލާއިރު އަމިއްލަ މީހުންގެ ވަޅުތަކާއި ތާނގީތަކުގެ އިތުރުން އިޖްތިމާޢީ ސަރަޙައްދުތަކުގައި ހުންނަ ވަޅުތަކާއި ތާނގީތައް ރަށްރަށުގައި އައީ ބޭނުން ކުރެވެމުންނެވެ. ނަމަވެސް ރަށްރަށުގެ އާބާދީ އިތުރުވެ، ދިރިއުޅުމުގެ ކަންކަމަށް ފެން ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު ރަށްރަށުގެ ފެންފަށަލަ ތަޣައްޔަރުވެ ލޮނުވުމާ ގުޅިގެން މީރުފެން ހޯދުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުންކުރަންވަނީ ފެށިފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިފަހުން، ސާފުފެނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދެވިފައިވާކަން ކަމާގުޅޭ ތަފާސްހިސާބުތަކުން ހާމަވެއެވެ.

ރާއްޖޭގެ ރަށްރަށުގައި ފެނުގެ ނިޒާމު ޤާއިމް ކުރެވިފައިވާ ގޮތަށްބަލާއިރު 2013 ވަނައަހަރުގެ ނިޔަލަށް ފެނުގެ ނިޒާމުގެ ޚިދުމަތް ލިބެމުން ދިޔައީ އާބާދީގެ 25 ޕަސެންޓް ދިރިއުޅޭ ހަރަށުގައި ކަމުގައި ވިޔަސް 2016 ގެ ނިޔަލަށް ފެނުގެ ނިޒާމު ޤާއިމްކުރެވިފައިވާ ރަށްތައް 21 އަށް އިތުރުވެގެން ދިޔައެވެ. އެއީ އާބާދީގެ 39 ޕަސެންޓެވެ. ކުރިއަށް އޮތް 2018 ގެ ނިޔަލަށް ރާއްޖޭގެ މުޅި އާބާދީގެ 75 ޕަސެންޓަށް ޒަމާނީ ފެނުގެ ނިޒާމުގެ ޚިދުމަތް ޔަޤީންކޮށްދިނުމަކީ ވެސް ރައީސް ޔާމީންގެ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޯފެނަށްޖެހޭ މައްސަލަ ޙައްލުކުރުމަށްޓަކައި 2015 ވަނައަހަރު ފެށުނު ޚާއްޞަ މަޝްރޫޢުގެ ދަށުން 27 ރަށެއްގައި ވާރޭފެން ނަގައި ރައްކާކުރާ ނިޒާމް ޤާއިމްކުރެވިފައި ވާއިރު 76 ރަށެއްގައި ސާފު ފެން ރައްކާކުރެވޭ ނިޒާމުތައް ޤާއިމް ކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ސުނާމީގައި ރަށްރަށުގެ ފެންފަށަލައަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ވަޅުފެން ތަޣައްޔަރު ވެގެންދިޔައެވެ. އެކަމާގުޅިގެން ރައްޔިތުންނަށް ސާފުފެން ހޯދައިދިނުމަށް ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެ ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެއް މުއައްސަސާއެއް މެދުވެރިކޮށް ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ އެއް ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން ރަށްރަށުގައި ޤާއިމްކުރެވޭ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ.

ފެނަކީ އަޅުގަޑުމެންގެ ދިރިހުރުމުގެ ޒަރޫރީ ބޭނުންތަކުގެ އެއްމެ މުހިއްމު އެއް އަސާސް ކަމުގައިވާތީވެ، ފެނުގެ ބޭނުން ހެއުގޮތުގައި ހިފުމަށާއި، ރާއްޖޭގެ ބިމުގެ ފެންފަށަލަ ރައްކާތެރިކޮށް، ވާރޭފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެނުން ލިބެންހުރި ފައިދާތައް ހެއުގޮތުގައި ބޭނުންކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ގެންދަވަނީ ރޭވުންތެރިކަމާއެކު ކުރައްވަމުންނެވެ. އެކަމުގެ ސަބަބުން "އެންމެންނަށް ސާފު ބޯފެން ޔަގީން" ވެއްޖެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ މިއަހަރުގެ ޝިޢާރު ބިނާވެފައި ވަނީ، ބޭނުންކޮށްފައި ހުންނަ ފެން ސާފު ކޮށްގެން އަލުން ބޭނުންކުރުމަށާއި އެފެން އިސްރާފުކުރާ މިންވަރު މަދު ކުރުމަށެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ 6 ވަނަ ލަނޑުދަނޑީގެ އަމާޒު، 6.3 އާ ވެސް ގުޅުން ހުރި ޝިޢާރެކެވެ. ފެން ބޭނުން ކުރުމުގައި އިސްރާފު ކުރާ މިންވަރު މަދުކުރުމާއި ބޭނުންކޮށްފައި ހުންނަ ފެން ސާފުކޮށްގެން އަލުން ބޭނުންކުރެވޭނެ ގޮތްތައް ހޯދައި އެގޮތްތަކަށް ޢަމަލުކުރުމަކީ ސާފު ފެން އެންމެންނަށް ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް މަގު ފަހިވެގެން ވެގެންދާނެ ކަމެކެވެ.

ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ދިއުމާއި ތަރަށްޤީއަށް ކުރެވެމުންދާ ތަފާތު ކަންކަމުގެ ސަބަބުން ބިމުގައިވާ ޤުދުރަތީ ފެންފަށަލައަށް ނޭދެވޭ އަސަރު ފޯރަމުންދާ ރަށްރަށް އިތުރުވަމުންދާއިރު އެކަން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކުގެތެރޭގައި ފެން އިސްރާފު ނުކުރުމާއި އެއްފަހަރު ބޭނުންކުރާފެން އެހެންކަންތައްތަކަށް ބޭނުން ކުރުންފަދަ ކަންތައްތައް ހިމެނެއެވެ.

ފެން އިސްރާފު ނުކުރުމަށާއި އެއްފަހަރު ބޭނުންކުރާ ފެން އަލުން ބޭނުންކުރުމަށް ހުރި ފުރުސަތުތައް ބަލައި ހޯދައި ފެނުގެ ބޭނުން ހެއު ގޮތުގައި ހިފުމަކީ ފަރުދީ ޒިއްމާއެއްކަމުގައި ހެދުމަކީ ވަރަށް މުހިއްމުކަމެކެވެ.

ބައެއް ގައުމުތަކުގައި އެއްފަހަރު ބޭނުންކުރާ ފެން ދެވަނަ ފަހަރަށް އެހެންކަންތައްތަކަށް ބޭނުންކުރެއެވެ. ބައެއް ގައުމުތަކުގައި އެއްފަހަރު ބޭނުންކުރާ ފެން ސާފުކޮށްގެން ބޯފެނުގެގޮތުގައި ވެސް ބޭނުންކުރެއެވެ. ތެދެކެވެ. އެތައް މިލިއަން ބަޔަކު ލޯތްބާއި ނުލައި ދިރިއުޅެމުން އެބަދެއެވެ. އެކަމަކު އެއްވެސް މީހަކަށް ފެނާއި ނުލައި ދިރި ނުހުރެވޭނެއެވެ.