ކުޅިވަރު

ކުލަބުތަކާއި ކުންފުނިތައް މާދަމާ އެގްރިމެންޓްގައި ސޮއި ކުރަނީ

Apr 1, 2017

އެފްއޭއެމުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ދޭން ކަނޑައެޅި ތިން މިލިއަން ރުފިޔާގެ ދޭން މާދަމާ ކުންފުނިތަކާއެކު ސޮއި ކުރުމަށް ހަމައްޖައްސައިފި އެވެ.

ތިން މިލިއަން ރުފިޔާގެ ތެރެއިން، ފުރަތަމަ ބުރުގައި ކުލަބު ތަކަށް ދޫކުރާނީ 800000 ރުފިޔާ އެވެ. އެގޮތަށް ދެ ބުރެއްގެ މަތިން ބަހާލައިގެން، މާލޭ ލީގްގެ ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ. ފުރިހަމަ އަދަދު ކަމަށްވާ، ތިން މިލިއަން ރުފިޔާ ލިބޭނީ، މާލޭ ލީގުން ދިވެހި ލީގަށް ކޮލިފައިވާ ހަތަރު ޓީމަށެވެ.

ދިވެހި ލީގަށް ކޮލިފައި ނުވިނަމަވެސް މާލޭ ލީގް ކޮލިފައިން ކުޅެން ޖެހޭތީ، އެކަމަށްވެސް ޚަރަދު ތަކެއް ހިނގާނެތީ، އެ ފައިސާ ފުރިހަމަ އަދަދު ނުލިބޭނެތީ ބައެއް ކުލަބު ތަކުގެ ކަންބޮޑުވުން ވެސް ވަނީ ފާޅު ކޮށްފަ އެވެ.

"ދިވެހި ލީގް ކުރިއަށް ދިޔަ ނަމަވެސް، އެހެން ޓީމުތައް މާލޭ ލީގް ކޮލިފައިން ކުޅޭނެ، އެކަމެއްވެސް ހރަދު ތަކެއް ހިނގާނެ އެންމެ ރުފިޔާއެއް ވެސް މަދުވުމަކީ، އަނެއް ހަތަރު ކުލަބަށްވެސް ކުރިމަތިވާނެ މައްސަލަ އެއް،" ކުލަބެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މާދަމާގެ އެކި ވަގުތު ތަކަށް ބަހާލައިގެން އަށް ކުލަބާއެކު، އެކުލަބަކަށް ގުރުއަތު ލައިގެން ދިމާވި ކުންފުނި ތަކާއެކު ސޮއި ކުރުން އޮންނާނެ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގްގައި މާލެ ލީގަށް އަތޮޅު ތެރެއިން އަންނަ ހަތަރު ޓީމަށްވެސް ފައިސާގެ އަދަދެއް ހަމަޖެއްސުމަށް އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުން ނެވެ.