ފާރިސް މައުމޫން

ފާރިސް މަސައްކަތް ކުރަނީ ތަހުގީގު ލަސް ކުރަން: ފުލުހުން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތް ކުރައްވަނީ ފުލުހުންގެ ތަހުގީގު ލަސްކުރެއްވުމަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ، ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ނުދެއްކުމަށް ފާރިސްއަށް އިލްތިމާސް ވެސް ކޮށްފަ އެވެ.

ފުލުހުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގުކުރާ މައްސަލައެއްގައި ހާޒިރު ކުރުމުން ވަކީލެއްގެ ހާޒިރުގައި ތަހުގީގު ކުރިއަށް ގެންދިޔުމަށް ފާރިސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުން އެ ފުރުސަތު ދީފައިވާ ކަމަށެވެ.

ނަމަވެސް ވަކީލެއް ހާޒިރު ކުރުމަށް ފުލުހުން ފުރުސަތު ދިނުމަށްފަހު ފަސް ފަހަރެއްގެ މަތިން ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުވިއިރު ވެސް ވަކީލެއް ނުގެންނަވާ ކަމަށެވެ. އަދި ބުނީ، ވަކި މަގުސަދެއް ހާސިލު ކުރުމަށް ތަކުރާރުކޮށް ފާރިސް ފުލުހަށް ހާޒިރުކުރާ ކަމަށް ދޭހަވާ ގޮތަކަށް ބައެއް ފަރާތްތަކުން ވާހަކަ ފެތުރި ނަމަވެސް ހަގީގަތުގައި އެކަމަކީ ފުލުހުންގެ ތަހުގީގު ލަސްކުރުމަށް ފާރިސް ކުރައްވާ ކަމެއް ކަމަށެވެ.

ފާރިސް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން އަދިވެސް ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ފާރިސް ހާޒިރުކުރަނީ ރައީސް މައުމޫނުގެ ސަރުކާރުގައި 2008 ވަނަ އަހަރު ނެރުނު ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށެވެ.