އެމެރިކާ

ހިޔާލު ފާޅުކޮށް އެއްވެ އުޅުމުގެ މިނިވަންކަން އެމެރިކާގައި ނެތެނީ

Apr 2, 2017
2

ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކަށް އެންމެ ގިނައިން ގޮވާލަނީ އެމެރިކާއިންނެވެ. އެކަމަށް އިޖާބަ ނުދޭ ސަރުކާރުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަނީ ވެސް އެ ގައުމުންނެވެ. އަދި ބައެއް ފަހަރު އެފަދަ ސަރުކާރުތައް ބަދަލު ކުރަނީ ވެސް އެމެރިކާގެ ނުފޫޒުންނެވެ.

ހާލަތު މުޅިން ބަދަލުވެ، އެމެރިކާގައި އެ މިނިވަންކަން އޮތް މިންވަރާމެދު އދ. ގެ މާހިރުން މިހާރު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ. އދ. ގެ މާހިރުން ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން އެ ގައުމުގެ 19 ސްޓޭޓެއްގައި، ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ގާނޫނުތައް ވަނީ ފާސް ކޮށްފައެވެ. ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ މިނިވަން ދެ މާހިރުން ކަމަށްވާ މާއިނާ ކިއާ އާއި ޑޭވިޑް ކަޔީ ވިދާޅުވެފައި ވަނީ އެމެރިކާގެ ސްޓޭޓްތަކުގައި ފާސްކޮށްފައިވާ އެ ގާނޫނުތަކަކީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ތައާރުޒުވާ ގާނޫނުތަކެއް ކަމަށެވެ.

"މި ޓްރެންޑްގެ ސަބަބުން އެމެރިކާގެ ގާނޫނު އަސާސީގެ ތަނބުތަކުގެ ތެރެއިން އެއް ތަނބަށް، އެއީ މިނިވަންކަމާއެކު ވާހަކަ ދެއްކުމަށް ހުރަސް އެޅުމުގެ ބިރާ އެބަ ކުރިމަތިކުރުވާ،" އެފަދަ ގާނޫނުތައް ކުރިން އޮތް ގޮތަށް އިއާދަ ކުރުމަށް ގޮވާލައި ނެރުއްްވި ބަޔާނެއްގައި އެ ދެބޭފުޅުން ވިދާޅުވެފައި ވެއެވެ.

އެމެރިކާ ސަރުކާރުން ހަރުކަށި ކަމާއެކު ރޫޅާލާފައިވާ ބައެއް މުޒާހަރާތަކުގެ ނަންތައް ވިދާޅުވުމަށް ފަހު އެ ދެބޭފުޅުން ފާހަގަ ކުރައްވާފައި ވަނީ އެއީ ސުލްހަވެރިކަމާއެކު ކުރި މުޒާހަރާތަކެއް ކަމަށެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ ނޯތު ޑަކޯޓާ އެކްސެސް ޕައިޕްލައިން އެޅުމާ ދެކޮޅަށް ނޭޓިވް އެމެރިކާ މީހުން ކުރި މުޒާހަރާތަކާއި ބްލެކް ލަައިވްސް މެޓާ ހަރަކާތާއި އޮމެންސް މާޗެވެ.

މާހިރުން ވިދާޅުވެފައި ވަނީ މުޒާހަރާ ކުރުމަކީ އެމެރިކާގެ ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށާއި އެހެން ނަމަވެސް ރިޕަބްލިކަން ޕާޓީން ވެރިކަން ކުރާ ސްޓޭޓްތައް ކަމަށްވާ އިންޑިއާނާ، އާކަންސަސް، ފްލޮރިޑާ، އަޔޯވާ، މިޗިގަން އަދި މިސޫރީގައި މަސައްކަތްކޮށްފައި ވަނީ އެ ހައްގު ބޭނުންކުރިޔަ ނުދޭން ކަމަށެވެ.

އެމެރިކާގެ ސްޓޭޓްތަކުން އެފަދަ ގާނޫނުތައް ހެދީ ހަމަނުޖެހުން ބޮޑު މުޒާހަރާތައް ކުރިޔަ ނުދޭން ކަމަށް އެ ގާނޫނުތަކަށް ތާއީދުކުރާ މީހުން ބުނެއެވެ. ނަމަވެސް ޔޫއެންގެ މާހިރުން ވިދާޅުވެފައި ވަނީ ހަމަނުޖެހުން ބޮޑު މުޒާހަރާއެއް ނޯންނާނެ ކަމަށާއި ތިބޭނީ މުޒާހަރާތަކުގައި ބައިވެރިވާ ހަމަނުޖެހުން ބޮޑު މީހުން ކަމަށެވެ. އަދި ބުނެފައި ވަނީ އެކަހަލަ ގޮތަކަށް މީހަކު އަމަލު ކުރުމަކީ އެންމެންގެ ކިބައިން ހައްގު ނިގުޅައިގަންނަންވީ ސަބަބެއް ނޫން ކަމަށެވެ.

"ހަމަނުޖެހުމަށްދާން އެކަކު ނިންމުމަކީ މުޒާހަރާކުރާ ޚިޔާލުފާޅު ކުރުމުއި އެއްވެ އުޅުމުގެ މިނިވަންކަން އެހެން މީހުންގެ ކިބައިން ނިގުޅެން ޖެހޭ ސަބަބެއް ނޫން،" ކަޔީ އާއި ކިއާއީ ވިދާޅުވެފައި ވެއެވެ. -- ރޮއިޓާސް