ރާއްޖެ ކުޅިވަރު

ބެންގަލޫރުގެ ވިސްނުން މާޒިޔާ މެޗަށް

Apr 2, 2017

އިންޑިއާގެ އައި ލީގުގައި ރޭ މޯހަން ބަގާން އަތުން 3-0 އިން ބެންގަލޫރު އެފްސީ ބަލިވި މެޗުގައި، ބެންގަލޫރުން ވަނީ އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ރެސްޓް ދީފަ އެވެ.

އޭއެފްސީ ކަޕްގައި އަންގާރަ ދުވަހު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ވިސްނާފައި، ބެންގަލޫރުގެ ކޯޗު އަލްބަޓް ރޯކާ ވަނީ ރޭގެ މެޗަށް އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ޔުޖެންސަން ލިންގޯ އަދި ލެނީ ރޮޑްރިގޭސް އަށް ރެސްޓް ދީފަ އެވެ. އަދި ބައެއް މުހިންމު ކުޅުންތެރިން ކުޅެން ނުކުތީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ރަނަރަޕް ބެންގަލޫރަށް ވަނީ މި ސީޒަންގައި އައި ލީގު ކާމިޔާބު ކުރުމުގެ އުންމީދު ގެއްލިފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި ބެންގަލޫރު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

މި މެޗުގެ ކުރިން ވެސް ބެންގަލޫރުގެ ކޯޗު އަލްބަޓް ރޯކާ ވަނީ ބެންގަލޫރުގެ ވިސްނުން ހުރީ އޭއެފްސީ ކަޕަށް ކަަަމަށް ބުނެފަ އެވެ. އަދި އޭއެފްސީ ކަޕަށް ވިސްނާފައި، ބައެއް ކުޅުންތެރިންނަށް ރެސްޓް ދޭނެ ކަމަށް ރޯކާ ވަނީ ކުރިން ވެސް ބުނެފަ އެވެ.

"އަހަރެން ރިސްކެއް ނަގާފައި މި މެޗުގައި ޒުވާން ޓީމެއް މި އެރުވީ،" ބާސެލޯނާގެ ކުރީގެ އެސިސްޓަންޓް ކޯޗު ރޯކާ ބުންޏެވެ. "އަހަރެމެން މިހާރު މި ސަމާލުކަން ދެނީ އޭއެފްސީ ކަޕަށް. އެހެންވެ މި މެޗުގައި އަހަރެމެން ޒުވާން ކުޅުންތެރިންނަށް މި ފުރުސަތު ދިނީ."

އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި މޯހަން ބަގާން އަތުން ބެންގަލޫރު ވަނީ އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ.

އޭއެފްސީ ކަޕްގައި އަންގާރަ ދުވަހު މާޒިޔާއާ ދެކޮޅަށް ބެންގަލޫރު ކުޅެންޖެހޭ މެޗަށް އެ ޓީމު މިރޭ މާލެ އަންނާނެ އެެވެ.