ދުނިޔެ

ކޮލަމްބިއާގައި ކިސަޑު ފާބައި 254 މީހުން މަރުވެ، 200 މީހުން ގެއްލިއްޖެ

Apr 2, 2017
1

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ކޮލަމްބިއާގައި ބޯކޮށް ވާރޭ ވެހި ކިސަޑު ފޭބުމުގެ ސަބަބުން 254 މީހުން މަރުވެ 200 މީހުން ގެއްލިއްޖެ އެވެ.

ރޮއިޓާސް އިން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޮލަމްބިއާގެ ބައެއް ކޯރުތައް ބަންޑުންވި ކަމަށާއި އޭގެ ސަބަބުން ކޮލަމްބިއާގެ މޮކޯއާ ނަމަކަށް ކިޔާ ޝަހަރަށް ހޮނިހިރު ވިލޭރޭ ފަތިހު ކުނިބުންޏާއެކު ފެނުގެ ސައިލެއް ދެމިގަތް ކަމަށެވެ. އދި ސައިލު އައިސް ބިންގަނޑު ކަނޑައިގެން ގޮސް ގާތަކާއި ކިސަޑު ފޭބުމުގެ ސަބަބުން މަރުވި އަދި ގެއްލުނު މީހުންގެ އިތުުރުން 400 މީހުން ޒަހަމް ވެސްވި ކަމަށެވެ.

ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމަށާއި ވަޅުލެވިފައިވާ މީހުން ނެގުމަށް ކޮލަމްބިއާ ސަރުކާރުން ވަނީ ސިފައިންނާއި ފުލުހުން ހިމެނޭ ގޮތުން 1100 މީހުން މޮކޮއާއަށް ފޮނުވާފަ އެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހިނގާގޮތް ބައްލަވަން އެގައުމުގެ ރައީސް ޔުއާން މަނުއަލް ސަންތޯސް ވަނީ އެރަށަށް ވަޑައިގެންފަ އެވެ.

ފަރުބަދަތައް ގިނަ، ބިންގަނޑު އަޑިގުޑަންކޮށް އޮންނަ ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެން ދިއުމަކީ އާއްމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް އެގައުމުގައި ފަހަކަށް އައިސް ހިނގި ގިނަ ހާދިސާތަކާ އަޅާ ބަލާއިރު ހޮނިހިރުދުވަހު ހިނގި ހާދިސާއަކީ އާދަޔާ ހިލާފަށް ބިރުވެރި ހާދިސާއެއްގެ ގޮތުގައި މަންޒަރުދުށް މީހުން ވަނީ ސިފަކޮށްފަ އެވެ. އެހާދިސާގެ ކުރިން ، އެންމެ ފަހުން ހިނގި އެންމެ ނުރައްކާތެރި ހާދިސާއެއް ހިނގީ 2015 ވަނަ އަހަރުއެވެ. އެފަހަރު މަރުވީ 80 މީހުންނެވެ. ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ އެންމެ ނުރައްކާތެރި ހާދިސާއެއް ކޮލަމްބިއާގައި ހިނގީ 1985 ވަނަ އަހަރުއެވެ. އެފަހަރު 20000 މީހުން މަރުވި އެވެ.