ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ޚަލީފާއާ ކައިރި ހިސާބެއްގައި ބިނާ ކުރަމުން އަންނަ އިމާރާތެއްގައި މިއަދު ހެނދުނު އަލިފާން ރޯވެއްޖެ އެވެެ.
ދުބާއީގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީޒާއިން ބުނީ ދުބާއީގައިވާ އެންމެ ބޮޑު ޝޮޕިންމޯލްގެ ކައިރީގައިވާ އެ އިމާރާތުގައި އަލިފާން ރޯވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަލިފާން ރޯވީ ދަ އެޑްރެސް ފައުންޓެއިން ވިއުސް ޓަވާސް ގެ ނަމުގައި ބިނާ ކުރަމުން އަންނަ އިމާރާތެއްގަ އެވެ. އެއިމާރާތް ހުންނަނީ ދުބާއީގެ އެންމެ ބޮޑު ޝޮޕިން މޯލް ކަމަށްވާ ދުބާއީ މޯލް އާއި 2015 ވަަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ދަ އެޑްރެސް ޑައުންޓައުން ދުބާއީ ޓަވަރާ ޖެހިގެންނެވެ. އެ އިމާރާތުގައި ހުންނަނީ 60 ފަންގިފިލާ ހުންނަ ތިން ޓަވަރެވެ. އެތަން އިމާރާތްކޮށް ނިމޭނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ 2018 ވަނަ އަހަރުގެ އޭޕްރީލްމަހު އެވެ.
އަލްޖަޒީރާ ބުނީ އެ އިމާރާތުގައި ރޯވި އަލިފާނުގެ ސަބަބުން ދުބާއީގެ މެދުތެރޭގައި ބޯކޮށް ކަޅު ދުން ފެތުރިފައިވާ ކަމަށާއި އިމާރާތުގެ ތެރެއިން ކުދިކުދި ގޮވުންތަކުގެ އަޑު އިވޭ ކަމަށެވެ. ގޮވުންތަކުގެ އަޑު އިވެނީ އެތަނުގައި ބަހައްޓާފައި ހުރި ވެލްޑިން ޕްލާންޓްތަކުގައި އަލިފާން ރޯވުމުން ކަމަށް ކަމަށް ބެލެވޭ ކަމަށް ވެސް އެ އެޖެންސީ ބުންޏެވެ. އިމާރާތުގައި އަލިފާން ރޯވުމުން އަލިފާން ނިއްވާ ގިނަ އަދަދެއްގެ މީހުންނާއި ފުލުހުން ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. އަދި އެމީހުން ވަނީ އަލިފާންގަނޑު ނިއްވާލައި ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ޔޫއޭއީގެ އުސް އިމާރާތްތަކުގައި ރޯވުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. އިމާރާތް ކުރުމުގެ ރައްކާތެރިކަމާ ބެހޭ މާހިރުން ލަފާކުރައްވާ ގޮތުގައި ހާދިސާތައް ގިނަ ވަނީ އިމާރާތްތަކުގައި ފަހަކަށް އައިސް ބޭނުން ކުރަން ފަށާފައިވާ މާއްްދާތަކުގެ ތެރޭގައި ގަަދައަށް ހުޅުހިފާ ބާވަތްތައް ގިނަ ވުމުގެ ސަބަބުން ކަމަށެވެ.