ރިޕޯޓް

ޓްރީޓޮޕް: ސިއްހީ ދާއިރާ ޓޮޕަށް ގެންގޮސްދޭނެ!

ހޮސްޕިޓަލާ ގުޅޭ އެތަކެއް ކަމެއް ހަނދާނުގައި ހުންނާނެ އެވެ. ކިޔުގައި ޖެހި، ދާހިއްލާ ފޯވެގެން މެމޯ ހެއްދމެވެ. އޮޕަރޭޝަން ނުކުރެވިގެން ރާއްޖެއިން ބޭރަށްް ނުފުރި ފަރުވާ ނުލިބި އުޅެން ޖެހުމެވެ. ޑޮކްޓަރު އެޕޮއިންޓްމަންޓެއް ނުލިބެ އެވެ. މިނޫނަސް ބައިވަރެވެ. އެހެންވެ ރާއްޖޭގެ ސިއްހީ ދާއިރާއަކީ ބޮޑު ބަދަލަކަށް ދިވެހިން އެންމެ އެދޭ ދާއިރާ އެވެ. ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތު މިފަދަ ގޮތަކަށް އޮއްވާ ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް އިން އުފައްދާފައިވާ "ޓްރީ ޓޮޕް އިންވެސްޓްމެންޓު" އިން ވަނީ ރާއްޖޭގައި ގާއިމް ކުރާ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް އަޅާއި އުންމީދު އާކޮށްދީފަ އެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީހުގައި އިންގިލާބީ ބަދަލެއް ގެންނާނެ، އަދި އުންމީދުން ފުރިފައިވާ 90 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ

ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރު ތާރަފަކަށް ދާނަމަ މި ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް ނުލިބޭ ސިއްހީ ހިދުމަތްތަކާއި މަތީ ފެންވަރުގެ ބޭސްފަރުވާ ލިބުމުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ފަހަރަށް މެޑިކަލް ޓޫރިޒަމްއަށް ކޮށިގެންދާނެ އެންމެ ފުޅާ މަގެކެވެ. ކެންސަރާއި ހިތުގެ ބައްޔަށް ފަރުވާ ކުރުމުގެ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕެން ހާޓް ސާޖަރީގެ ހިދުމަށް ވެސް ފަށާނީ ޓްރީ ޓޮޕްގަ އެވެ. އެންމެ މަތީ ފެންވަރުގައި ތަރައްގީ ކޮށްފައިވާ 200 އެނދުގެ މި ހޮސްޕިޓަލް 20،000 އަކަމީޓަރުގެ ސަރަހައްދަކުން ހަ ފްލޯއަށް ހަދާފައި ހުންނަ އިރު ބަލި މީހަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ވެސް ހަމަޖައްސާފައި ވަނީ އެ ފެންވަރުގަ އެވެ.

"މި ހޮސްޕިޓަލްގެ ސަބަބުން ދިވެހިން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ކުރަން ޖެހޭ ހޭދަ އާއި ތަކްލީފުތައް ކުޑަކޮށްދޭނެ. މިތަނުގައި އިމަޖެންސީ ހިދުމަތުން ފެށިގެން ގޮސް އެންމެ ޒަމާނީ ބޭސް ފަރުވާގެ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ލިބިގެން ދާނެ. މިއީ ދިވެހި ހުރިހާ ރައްޔިތުންނަކަށް ލިބޭ ލުއި ފަސޭހައަކަށް ވެގެންދާނެ. މި މަސައްކަތުގެ ތެރެއަށް މި ވަނީ ވެސް އެހެންވެ،" ޓްރީޓޮޕް އިންވެސްޓްމަންޓުގެ ބޮޑު ހިއްސާއެއް އޮންނަ މައްޝޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެން އަފީފް ވިދާޅުވި އެވެ.

މި ހޮސްޕިޓަލް ހާއްސަވާ އަނެއް ކަމަކީ ރާއްޖޭގެ ތަރައްގީގެ ކުރިމަގާ ގުޅިފައިވާ ހުޅުމާލޭގައި ހުރުމެވެ. ސަރުކާރުން ބޮޑު ސަމާލު ކަމެއް ދީގެން ހުޅުމާލޭގައި އެތަށް ހާސް ހައުސިން ޔުނިޓުތައް ތަރައްގީ ކުރަމުން އަންނަ އިރު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ އާއިލާތައް މިހާރު ވެސް އަންނަނީ ހުޅުމާލެއަށް ބަދަލުވަމުންނެވެ. އެހެން ކަމުން ޓްރީޓޮޕް ފަދަ ސިއްހީ ދާއިރާއިން ބަދަލުކޮށްލާނެ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމް ކުރުމަކީ ރާއްޖެ ސިއްހީ ދާއިރާގައި އަޅާނެ ތަރައްގީ އެންމެ ބޮޑު ފިޔަވަޅެވެ. މި ފިޔަވަޅާއެކު ސިއްހީ ދާއިރާގެ އެހެން ހުރިހާ ހިދުމަތެއް ވެސް ތަރައްގީވުމަށް މަސައްކަތް ފަށާނެ އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗަށް އަންނަ ބޮޑު ބަދަލާއި އޭޑީކޭއަށް އަންނާނެ ބޮޑު ބަދަލުވެސް ހިމެނެ އެވެ.

އަންނަ އޯގަސްޓު މަހުގެ ތެރޭގައި އުންމީދީ ހޮސްޕިޓަލު ހުޅުވާނެ ކަން މިހާރު ވަނީ އިއުލާނު ވެފައެވެ. މަސައްކަތް ކުރިޔަށް ދާ ގޮތް ނޫސްވެރިންނަށްވެސް ވަނީ ދައްކާލާފަ އެވެ. -- ޓްރީޓޮޕްއާ ބެހޭ ގޮތުން މިހާތަނަށް ދެކެވުނު ފޮނި ވާހަކަތަކުގެ ކުލަ މަންޒަރު ވަރަށް ވެސް ހިތްގައިމެވެ. ހޮސްޕިޓަލަކީ އެއީ އެވެ. --

ޓްރީޓޮޕް ހޮސްޕިޓަލް އަށް ވަދެގެން ދިޔައިރު އެންމެ ފުރަތަމަ ވެސް ސަމާލުކަން ދަމައިގަތީ ކަނާތް ފަރާތުގައި ހުރި ބޮޑު ދެ ކަރަންޓު ސިޑިއަށެވެ. ހީވީ ބޭރު ދުނިޔޭގެ ފަސް ތަރީގެ ލަގްޒަރީ ހޮޓަލަކަށް ވަދެވުނު ހެނެވެ. އިންޓީރިއާ ޑިޒައިން ފެނިފަ ނޫސްވެރިން ހައިރާން ވިއެވެ. ތަނުގެ ލައިޓިން އިން މުޅިތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވާއިރު އެއީ ރާއްޖެއިންވެސް ފެންނާނެ އެންމެ ރީތި އެފަދަ އެއް މަންޒަރާއި މާހައުލު ކަމަށް ވާނެ އެވެ.

ޔޫރަޕަށް ބޭރަށް ބޭސް ފަރުވާ ނުދާ މީހަކަށް މި ތާނގެ މަންޒަރުތައް ފެނުމުން ވާނީ އަޖައިބަކަށެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ހޮސްޕީޓަލް އަކުން ފެނިފައި ނުވާ އަދި ޓެކްނޮލޮޖީ ގޮތުން ރާއްޖެއިން ފެނިގެން ގޮސްފައިވެސް ނުވާ އެތައް މެޝިންތައް މިހާރު ހުރީ ތައްޔާރަށެވެ. އައިސީޔޫ ރޫމަށް ވަދެލެވުމުން ހީވީ އިނގިރޭސި ފިލުމުތަކުގައި ފެނިގެން ދާކަހަލަ ހޮސްޕިޓަލެއްގެ އައިސީޔޫ އަކަށް ވަދެވޭ ހެނެވެ. އެކްސްރޭ މެޝިނުތަކާއި އެމްއާރުއައި މެޝީންތަށް ފެނުމުން ސިއްހީ ދާއިރާއަށް ކުރާ އުންމީދުތައް އާވެ ހިތަށް ހަމަޖެހުން ލިބުނެވެ.

"ޓެކްނޮލޮޖީ ގޮތުން މި ހޮސްޕިޓަލަކީ މުޅިން އޮޓަމެޓިކް ކޮށް ނެޓްވޯކްގެ ޒަރިއްޔާއިން ހިނގާނެ ތަނެއް. އެއްވެސް ކަހަލަ ކަރުދާސްތައް ހިފައިގެން މުޅިތާ ދުވާކަށް ނުޖެހޭނެ. ފަރުވާ ހޯދާކަށް ބޭރު ގައުމުތަކުން އިތުރު ސްޕެޝަލިސްޓުންތަކެއް ގެންނާކަށް ނުޖެހޭނެ. ހުރިހާ ފަރުވާއެއް މިތަނުން ވަގުތުން ވަގުތަށް ލިބޭނެ،" ހޮސްޕިޓަލް ދައްކާލަން ނޫސްވެރިންނާއެކު ހުންނެވި ޓްރީޓޮޕްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެ ހިދުމަތްތަކުގެ އިތުރުން ހޮސްޕިޓަލުގައި ހިތްފަސޭހަ ކޮށްލަން ހަދާ ތަނުގެ ވާހަކަ އަކީ ވެސް ދޫކޮށް ނުލެވޭނެ ވާހަކަ އެކެވެ. އިމާރާތުގެ ތިންވަނަ ބުރީގެ މެދުގައި އޮންނަ ހިތްފަސޭހަ މައިދާނަކީ ހޮސްޕިޓަލަށް ގޮސް އުޅޭ މީހުންގެ ހިތަށް ފިނިކަމެއް ގެނެސްދޭނެ ތަނެކެވެ. ހޮސްޕިޓަލުގެ ހާސްކަމުގެ ތެރޭގައި ވެސް ހިތްހަމަ ޖައްސާލުމަށް އެތަން ވެގެން ދާނީ އެންމެ ސަޅި ތަނަށެވެ.

ސިއްހީ ދާއިރާއަށް ކުރަމުންދާ އުންމީދު ނަގާލާކަށް އަދި ނުވެއެވެ. މި ހޮސްޕިޓަލް ވެގެންދާނީ ދިވެހިން ސިއްހީ ދާއިރާއަށް ކުރަމުންދާ އުންމީދަށް އިތުރު ބޮތްކެއް ދިއްލައިދޭ ހޮސްޕިޓަލެކެވެ. ދިވެހީން ޒަމާނުއްސުރެ ރަނގަޅު ސިއްހީ ނިޒާމަކަށް ކުރަމުންދާ އިންތިޒާރު ނިންމައިދޭ ސިއްހީ ހިޔަލަށެވެ. ޓްރީ ޓޮޕުން ސިއްހީ ދާއިރާގެ ޓޮޕަށް ދިވެހިން ލައިދޭނެ އެވެ