ހަބަރު

ތިލަފުށިން ބިން ދިނުމުގައި ކޮރަޕްޝަންތަކެއް، އެތައް މިލިއަން ރުފިޔާގެ ގެއްލުން

Mar 27, 2015
1

ތިލަފުށިން ބިން ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށް އެކަމުގައި އެއްވެސް އުސޫލެއް ނެތުމުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލިފައިވާކަން ހާމަވެއްޖެ އެވެ.

ބިން ދޫކޮށްފައިވާ ފަރާތްތަކުން އެ ރަށުގެ ބިން ބޭނުން ކުރަމުން ދަނީ އެއްވެސް އުސޫލެއް ނެތި ކަމަށް ރިޕޯޓްގައިވެ އެވެ. ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ ސައްހަ ދަފްތަރެއް ވެސް ނެތް އިރު ބައެއް ފަރާތްތަކަށް ލިބިފައިވާ ބިމަށް ވުރެ ބޮޑު އަދަދެއްގެ ބިން ބޭނުން ކުރަމުން އަންނަ ކަމަށް އޮޑިޓްގައި ފާހަގަ ކުރެ އެވެ. ރިޕޯޓްގައިވާ ގޮތުގައި ބިން ކުއްޔަށް ހިފާފައިވާ ބައެއް ފަރާތްތަކުން އަމިއްލައަށް ނެރުކަޑައި ޖެޓީ ހަަދައި އެތަންނުން އަންނަނީ މުދާ ބަރުކޮށް ބާލަމުންނެވެ. އޮޑިޓަރުން ވިދާޅުވެފައިވާ ގޮތުގައި އެއީ ހުއްޓުވަން ޖެހޭ ކަމެކެވެ.

ތިލަފުށީ ފަޅުން އަމިއްލައަށް ބިން ހިއްކައިގެން ބޭނުން ކުރުމަށް ފަސް ފަރާތަކަށް 2009 ވަނަ އަހަރު ހުއްދަ ދިންއިރު، އޭގެ ތެރެއިން އެއް ފަރާތަކުން ބިން ހިއްކައިގެން ބޭނުން ކުރާ މައްސަލަ ފެންމަތިކޮށްފައިވެ އެވެ. އޮޑިޓަރުން ވިދާޅުވާ ގޮތުގައި އެ އެއްބަސްވުން އެކުލަވާލި އިރު ހިއްކޭނެ ސަރަހައްދުގެ ބޮޑު މިނާއި އެތަނުން ކުލި ނަގާނެ ހަރުދަނާ އުސޫލުތަކެއް އެގްރިމަންޓްގައި ނެތުމުގެ ސަބަބުން އެތަނުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބެ އެވެ. މިއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގި މުއާމަލާތެއް ކަމަށް ބެލެވޭތީ އެކަން އޭސީސީއަށް ހުށަހަޅައި ތަހުގީގު ކުރަމަށް ލަފާދީފައިވެ އެވެ.

ތިލަފުށީގެ 2009 ވަނަ އަހަރުގެ ސާވޭ ރިޕޯޓާ ހަވާލާދީ އޮޑިޓްގައި ހިމަނާފައި ހުރި ހިސާބުތަކުން އެނގޭ ގޮތުގައި، ތިލަފުށީގައި ހުރި 113 ބިމެއްކުއްޔަށް ނެގި ފަރާތްތަކުން ބިމުގެ ސައިޒް ބޮޑުކޮށް އެއްބަސްވުމުގައިވާ އަދަދަށް ވުރެ އިތުރަށް، 948،783 އަކަފޫޓްގެ ސަރަހައްދެއް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި ޓީސީއެލްއިން ބިން ދޫކޮށްފައިވާ ރޭޓަށް ބަލައި ހިސާބު ހެދުމުން، އަހަރަކު ގާތްގަނޑަކަށް ޓީސީއެލްއަށް އެ ބިންތަކުން 11.4 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ.

އެއްބަސްވުމެއް ނެތި ހަމައެކަނި ލިޔުމަކުން ހަތް ފަރާތަކަށް ބިން ހަވާލުކޮށްފައިވާ އިރު އެ ބިންތަކުން ކުލި ނުދައްކާ ކަމަށް ރިޕޯޓްގައިވެ އެވެ. ނަމަވެސް އެ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ޓީސީއެލްއިން މަސައްކަތް ނުކުރާ ކަމަށް އޮޑިޓްގައި ފާހަގަ ކުރެ އެވެ. އެ ބިންތަކުން ވެސް ޓީސީއެލްއަށް 2.1 މިލިއަން ރުފިޔާ ލިބެންޖެހިފައި ހުރި ކަމަށް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ފައިސާ ދައްކަން ހުރި ފަރާތްތަކުގެ ރިޕޯޓެއް ވެސް އަދި ލިބެން ޖެހޭ ފައިސާގެ އަދަދުގެ ހިސާބުކިތާބު ވެސް ތިލަފުށިން ބަލަހައްޓަމުން ގޮސްފައެއް ނުވެ އެވެ. 

އޮޑިޓަރުން އަމިއްލައަށް އެކުލަވާލި ހިސާބުތަކުން އެނގޭ ގޮތުގައި 2009 ގެ އެޕްރީލުން ޑިސެމްބަރަށް، 34.7 މިލިއަން ރުފިޔާ ތިލަފުށިން ލިބެންޖެހުނު ނަމަވެސް، ލިބިފައި ވަނީ 4.7 މިލިއަން ރުފިޔާ މަދުން 30 މިލިއަން ރުފިޔާ އެވެ. އަދި 2010 ވަނަ އަހަރު 46.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުތަކުން ދެއްކިއަސް، ތިލަފުއްޓަށް ލިބުނީ 6.1 މިލިއަން ރުފިޔާ މަދުން 40.6 މިލިއަން ރުފިޔާ އެވެ. ހަމަ އެގޮތަށް 2011 ވަނަ އަހަރު 47.7 މިލިއަން ރުފިޔާ ލިބެން ޖެހުނު ނަމަވެސް، ލިބިފައި ވަނީ 42.10 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2012 ގެ ހިސާބުތަކެއް އޮޑިޓަށް އެއްގޮތަކަށް ވެސް ލިބިފައެއް ނުވެ އެވެ.

އޮޑިޓުން އެނގޭ ގޮތުގައި، އެކަމުގެ ސަބަބުން ދައުލަތަށް 15.6 މިލިއަން ރުފިޔާ އަށް ވުރެގިނައިން ވަނީ ގެއްލުންވެފަ އެވެ. އޮޑިޓްގައި ލަފާދީފައިވަނީ އެ ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށާއި ބިންތައް ދިނުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލުމެވެ. އެގޮތުން ބިންތައް ކުއްޔަށް ނަގާފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލުމާއި ބިންތައް ދޫކުރާގެ ހަމަހަމަ އުސޫލެއް ގާއިމް ކުރުން ހިމެނެ އެވެ. އަދި ބިން ކުއްޔަށް ދޭ އިރު އެގްރިމަންޓެއް ހެދުމާއި އެ ނޫން ގޮތަކަށް ނޫން ގޮތަކަށް ބިންތައް ކުއްޔަށް ނުދިނުން ހިމެނެ އެވެ.