ކުޅިވަރު

މެސީ ނެތްތަން ސުއަރޭޒް ފޫބައްދައި ބާސާ ފަރަގު ކުޑަ ކޮށްފި

Apr 3, 2017
2

ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނަލް މެސީ ނެތް ތަން ލުއިސް ސުއަރޭޒް ފޫބައްދައި ގްރެނޭޑާއާ ދެކޮޅަށް، 4-1 ގެ ނަތީޖާ އަކުން މޮޅުވެ، ތާވަލުގެ އެއް ވަަނައިގައި އޮތް ރެއާލް މެޑްރިޑްގެ ފަހަތުގައި ބާސާއިން ވިއްދައިފި އެވެ.

ރެއާލް އާއި ބާސާއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެވެ. ސަސްޕެންޑް ކޮށްފައި ހުރުމުގެ ސަބަބުން ވައިސް ކެޕްޓަން، މެސީ ބާކީ ކުރަން ޖެހުމުން، ރިކަވާވުމަށް، އޭނާ ގޮސް ހުރި އިޓަލީގައި ހުންނަ އޭނާގެ ޕާސަނަލް ފިޒީޝަން ގާތަށެވެ.

ނަމަވެސް، މެސީ ނެއްތަން ފޫބެއްދީ ސެންޓަ ސްޓައިކަރު ސުއަރޭޒް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ގްރޭނޭޑާގެ ދަނޑުގައި، ކުޅުނު މެޗުގައި، މެޗުގެ ލީޑް ބާސާ އަށް ނަގައިދިނީ ވެސް ސުއަރޭޒް އެވެ. އޭނާ ލަނޑު ޖެހި 44 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފު ފެށިގެން 50 ވަނަ މިނެޓްގައި، ޖެރުމީ ބޮގާ ގްރެނޭޑާ އަށް ނަތީޖާ ހަމަހަމަ ކޮށް ދިނެވެ.

ނަމަވެސް، އޭގެ 14 މިނެޓް ފަހުން، ސުއަރޭޒް ވަނީ ބާސާއަށް އަލުން ލީޑް ނަގަން ޕާކޯ އެލްކޭސާ އަށް އެސިސްޓް ކޮށް ދީފަ އެވެ.

ބާސާގެ ކޯޗް ލުއިސް އެންރީކޭ، މެޗު ފެށީ 3-4-3 ގެ ފޯ މޭޝަނަށެވެ. ނަމަވެސް ބާސާ އަތުގައި މެޗުގެ ލީޑް ބޭއްވުމަށްޓަކައި، މެޗުގެ ފަހު ކޮޅު އޭނާ ވަނީ 4-3-3 ގެ ފޯމޭޝަނަށް ބަދަލު ކޮށްލާފަ އެވެ.

ފަހު ވަގުތު ގްރެނޭޑާ އަށް ކުރިމަތިވީ އެހެން މައްސަލަ އެކެވެ. މެޗުގެ 82 ވަނަ މިނެޓްގައި، އެޓީމުގެ މިޑްފީލްޑާ އުޗޭ އެގަބޯ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާ ލުމެވެ. ނަތީޖާ އަކަށްވީ ފަސް ޑިފެންޑަރުން ލައިގެން ކުޅުނު ގްރެނޭޑާގެ ފަހަތް ހާވިޔާ ވުމެވެ.

އޭގެ ފައިދާ ނަގައި، އީވާން ރެކިޓިޗާއި، ނޭމާ ވާނީ ބާސާ އަށް ތިން ލަނޑުގެ ލީޑަކުން މޮޅުކޮށްދީފަ އެވެ.