ހަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

ތ. ވޭމަންޑޫގައި ކުޑަކުއްޖަކަށްގަދަކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 44 އަހަރުގެ ފިރިހެނެއް ކަމަށާއި . ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ތ. މަޑިފުށި މެޖިސްޓުރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި ޖިންސީ އަނިޔާ ލިބިފައި ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އަދި އެ ކުއްޖާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ރަށު ރައްޔިތުންގެ ތެރެއިން ބައެކެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ އެއް ނުކުރެ އެވެ. ޖިންސީ ގޯނާގެ ހާދިސާއެއްގައި އިއްޔެ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކުރި އިރު އެފަދަ އެެހެން ހާދިސާއެއްގައި ދިވެއްސަކު އިއްޔެ ހައްޔަރުވެސް ކުރި އެވެ.