އޭއެފްސީ ކަޕްގެ އެންމެ ފަހު ރަނަރަފު، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މާދަމާ ހަވީރު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ނިކުންނާނެ އެވެ. ބެންގަލޫރަކީ، ދެކުނު އޭޝިއާ ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ އެއް ކުލަބެވެ. ހާއްސަ ކޮށް އެންމެ ފަހުގެ ރަނަރަފު ކަމަށް ވުމުން، ގުރޫޕްގެ ފޭވަރިޓަކީ، ބެންގަލޫރު ކަމަށް އެންމެން ބުނެ އެވެ.
މާޒިޔާގެ ކޯޗް މަރުޔަން ސްކޮލަސްކީ ވެސް ބުނީ ބެންގަލޫރު އޭއެފްސީގެ ވަރުގަދަ ވާހަކަ އެވެ. ނަމަވެސް، އެ ޓީމުގެ ވަރުގަދަކަން ސިފަ ކުރާކަށް އޭނާގެ ހާއްސަ ވާހަކަ އެއް ނެތެވެ. އޭނާ ބުނީ، ބެންގަލޫރުގެ ޓީމުގައި ހުރި ވީކް ޕޮއިންޓްތައް، އޭނާ އަށް އެނގޭ ކަމަށާއި، އެޓީމުގެ ވީކް ޕޮއިންޓަށް ފޯކަސްކޮށް އެޓީމާ ދެކޮޅަށް ނަތީޖާ ނެރެވޭނެ ކަމަށެވެ.
"ބެންގަލޫގެ ޓީމުގައި ބަލިފައިތައް އެބަހުރި، އަހަރެމެން ޖެހޭނީ އެ ޓީމުގެ ވީކް ޕޮއިންޓްތައް ބޭނުން ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެން، އަހަންނަށް އެންމެ މުހިންމު ކަމަކީ ދަނޑު މަތިގައި، އަހަރެންގެ ކުޅުންތެރިން ރަނގަޅަށް ޕާފޯމު ކުރުން، އަހަރެން އުންމީދު ކުރަނީ، ކުޅުންތެރިން 100 ޕަސަންޓް ޕާފޯމް ކުރާނެ ކަމަށް،" މާދަމާ، ގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްކޮލަސްކިީ ބުންޏެވެ.
މިދިޔަ އަހަރު، ބެންގަލުރޫ ޓީމާ ހަވާލުވި ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ކޯޗް އެލްބަޓް ރޮކާ ޓިމާ، ހަވާލުވެ އޭނާ ވަނީ ބެނގަލޫރު އެފްސީ، ކުޅުމުގެ ސްޓައިލް ބަދަލު ގެނެސް ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕާސިން ގޭމަކަށް ބަދަލު ކޮށްފަ އެވެ.
ސްކޮލަސްކީ ބުނީ، މާޒިޔާ، ކުޅުންތެރިން ޑިފެންސިވް ޑިސިޕްލިން އާއި އޮފެންސިވް ޑިސިޕްލިންއާއެކު، ކުޅެފިނަމަ މެޗު ބަދަލު ކޮށްލެވިދާނެ ކަމަށެވެ.
"އަހަރެން މި ބުނަނީ، އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް، އެކަމަކު އަހަރެމެން ޖެހިލުމެއް ނުވޭ، އަހަރެމެން ޖެހޭނެ އަހަރެމެން ކުޅެން މަސައްކަތް ކުރާ ގޭމް ކުޅެން. ޕްރެޝާ އަހަރެމެންނަކަށް ނެތް، މާދަމާ އަހަރެމެންނަށް ކުޅޭވޭނެ ޕްރެޝަރެއް ނެތި، އެމީހުންނަކީ އޭއފްސީ ކަޕްގެ ރަނަރަފު، އެންމެވެސް ބުނޭ އެމީހުން ވަރުގަދަ ވާހަކަ، މާދަމާ 90 މިނެޓް ވަންދެން އަހަރެމެން އެމީހުންނާ ވާދަ ކުރާނަން،" ސްކޮލަސްކީ ބުންޏެވެ.
ގައުމީ ޓީމަށް، މާޒިޔާގެ ހަތް ކުޅުންތެރިން ދޫކޮށްލަން ޖެހުމުން، ސްކޮލަސްކީ އަށް މުޅި ޓީމާއެކު ޕްރެކްޓިސް ކުރެވުނީ ދެތިން ދުވަހު އެވެ. އެހެންވެ، އޭނާ ފޯކަސް ކުރީ ބެންގަލޫރު މެޗަށް އަމާޒުކޮށް، ޓެކްޓިކަލް ޕްރެކްޓިސް ތަކެއް ކުރިއަށް ގެންދިއުމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު، އިންޑިއާގެ އައި ލީގް ގައި މޯހަންބަގާންއާ ދެކޮޅަށް، މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެޗުން ބެންގަލޫރު ވަނީ 3-0 ން ބަލި ވެފަ އެވެ. ނަމަވެސް ސްކޮލަސްކީ ބުނީ، މާދަމާގެ މެޗުގައި ބެންގަލޫރުން ފެންނާނީ ވަރުގަދަ ޓީމެއް ކަމަށާއި، އެދުވަހު މެޗުގައި އެޓީމުގެ މުހިންމު ކުޅުންތެރިން ރެސްޓް ދިނީ މާޒިޔާގެ މެޗުގައި ވަރުގަދަ ފައިޓެއް ދޭން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި، މާޒިޔާ ރަށުން ބޭރުގައި، ބަނގުލަދޭޝްގެ ޗެމްޕިއަން، އަބްހާނީ ލިމިޓޭޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ކާމިޔާބު ކުރުމާއި، ޑޮމެސްޓިކް ލީގްގައި 100 ޕަސަންޓް ރެކޯޑެއް އޮތުމަކީ، މާދަމާގެ މެޗަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް، ސްކޮލަސްކީ ފާހަގަ ކުރެ އެވެ.
މާޒިޔާ އާއި ބެންގަލޫރު އެފްސީ ވާދަ ކުރާ މެޗު ގައުމީ ފުޓްބޮޅަ ދަނޑުގައި ފަށާނީ މާދަމާ ހަވީރު 4:00 ގަ އެވެ.