މާޒިޔާ

މިއީ ވަރުގަދަ މެޗެއް، މާޒިޔާ އުނދަގޫ ވާނެ: ރޮކާ

Apr 3, 2017

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، މާދަމާ ގަލޮޅު ދަނޑުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރުގަދަ އަދި އުނދަގޫ މެޗެއް ކަމަށާއި، މާޒިޔާއާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ ކަމަށް ބެންގަލޫރު އެފްސީގެ ކޯޗް ސްޕެއިންގެ އެލަބަޓް ރޮކާ ބުނެފި އެވެ.

ބާސެލޯނާގެ އެސިސްޓެންޓް ކޯޗް ކަން ވެސް ކުރި، ރޮކާ ބުނީ، މިއަހަރު ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން ކުޅުންތެރިން ގެނައުމުގައި ރަނގަޅު ޓްރާންސްފާ ތަކެއް ވެސް ހަދައި، އަދި މިދިޔަ އަހަރު އޮތް ޓީމަށް ބަދަލުތަކެއް ގެނެސް، ވަރުގަދަ ސްކޮޑެއް އެކުލަވާލާފައިވާކަން އެނގިފައިވާ ކަމަށެވެ. އިތުރުން، އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި، ރަށުން ބޭރުގައި، ވަރުގަދަ މެޗަކުން މޮޅު ވެފައި އޮތުމަކީވެސް، މާޒިޔާ އިތުރަށް ވަރުގަދަ ވާނެ ސަބަބެއް ކަމަށެވެ.

"އަހަންނަށް އެނގޭ މާދަމާ މާޒިޔާއާ ދެކޮޅަށް ނަތީޖާ އެއް ނެރެން އުނދަގޫ ވާނެ ކަން،" ރޮކާ ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ވެސް، އިންޑިއާ ދެކޮޅަށް ނަތީޖާ ނެރުމަކީ އުނދަގޫ ކަމެކެވެ. އިންޑިއާގެ ކުލަބުތަކާ ދެކޮޅަށް ވެސް، ދިވެހި ކުލަބު ތަކަށް މޮޅުވުމަކީ، އުނދަގޫ ކަމެކެވެ. ރާއްޖޭގެ ކުލަބު ތަކުން ވަނީ ވޭތުވެދިޔަ ތިން އަހަރު، އޭއެފްސީ ކަޕްގައި އިންޑިއާގެ ކުލަބުތަކާ ދެކޮޅަށް ނިކުމެ ފައެވެ. މާޒިޔާވެސް ވަނީ ބެންގަލޫރާ ދެކޮޅަށް ކުޅެފަ އެވެ. ނަމަވެސް، އެއިން އެއްވެސް މެޗަކުން ދިވެހި ކުލަބަކަށް މޮޅުވެވިފައެއް ނުވެ އެވެ. މި ސަބަބުވެސް ހިމަނައިގެން ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި، މާދަމާ މެޗުގެ ފޭވަރީޓަކީ ބެންގަލޫރެވެ. ނަމަވެސް، ރޮކާ އެކަން ގަބޫލެއް ނުކުރެ އެވެ.

"އަހަންނަށް ހީވަނީ، މިހާރު ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ވެސް މަތިވެއްޖެ ހެން، ރާއްޖޭގެ ކުލަބުތަކާ ދެކޮޅަށް އަބަދުވެސް ކުޅެން އުނދަގޫ، އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ވެސް ބަންގަލޫރު ކުޅުނު މެޗު ވީ ވަރަށް އުނދަގޫ މެޗަކަށް،"

އިންޑިއާ އާއި ބެންގަލޫރުގެ ކެޕްޓަން ސްނިލް ޗެތުރީއާ ބެހޭގޮތުން، ރޮކާ ބުނީ، އެއީ ޓީމުގެ މުހިންމު ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް، އޭނާ އަށް ވެސް ޕްރެޝާ ކުރިމަތި ވާނީ، ޓީމުގެ އެހެން ކުޅުންތެރިނަށް ވެސް ޕްރެޝާ ކުރިމަތިވާ ވަރަށް ކަމަށެވެ.

ބެންގަލޫރުގެ ގޯލްކީޕަރު އެމްރިންދާ ސިންހް ބުނީ، މާދަމާ ހަވީރު މެޗު ކުޅެން ޖެހުނަސް މޫސުމުގެ މައްސަލައެއް ކުޅުންތެރިންނަށް ކުރިމަތި ނުވާނެ ކަމަށާއި، އިންޑިއާގެ އައި ލީގް، އެކި ސިޓީ ތަކުގައި ކުޅެން ޖެހޭތީ ހުރިހާ ކޮންޑިޝަނަކަށް ކުޅުންތެރިން ތިބޭނީ ފަރިތަ ވެފައި ކަމަށެވެ.