ކުޅިވަރު

އިއްޒަތު ވަކިކޮށް، އޭވީސީން ރިޔާ ވަކިކުރަން ހުށަހަޅައިފި

Apr 3, 2017

ރާއްޖޭޣެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ ނައިބު ރައީސް އިއްޒަތު ވަހީދު މަގާމުން ވަކިކޮށް، އޭޝިއާގެ ވޮލީބޯޅަ ކޮންފެޑްރޭޝަންގެ އެކްސްކޯއަށް ސެންޓަރަލް ޒޯން ސަރަހައްދުން އިންތިހާބު ކޮށްފައިވާ، ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު މަގާމުން ވަކި ކުރުމަށް ވީއޭމުން، އޭވީސީ އަށް ހުށަހަޅާފައި ވާނެ ކަމަށް، ވީއޭއެމުން ބުނެފި އެވެ.

ވީއޭއެމްގެ އިސް މަގާމެއް ވެސް އަދާ ކުރަމުން އަންނަ، ގައުމީ ވޮލީ ކޯޗް މުހައްމަދު ޝަރަފު ވިދާޅުވީ އިއްޒަތާއި ރިޔާ ވަކި ކުރަން ހުށަހެޅީ، މިދިޔަ މަހު ރާއްޖޭގައި ބޭއްވި އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް އަންނަން ހަމަޖެހިފައި އޮތް ޓީމުތަކަށް މުބާރާތުގެ ތައްޔާރީތަކާ ބެހޭގޮތުން ސުވާލު އުފައްދައި، މުބާރާތަށް ހުރަސްތައް ކުރިމަތި ކުރަން މަސައްކަތް ކުރި މައްސަލައިގައި ކަމަށެވެ.

ޝަރަފު ވިދާޅުވީ އޭވީސީގެ މަގާމު ބޭނުންކޮށް، ރާއްޖޭގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަ ދައްކައި ސުވާލު އުފައްދާފައިވާ ކަމަށާއި، ތައިލެންޑްގައި ގައުމީ ޓީމު ކުރި ޓްރެއިނިން ތަކުގައި، ދިމާވި އޭވީސީގެ އޮފިޝަލުން އެކަން ފާހަގ ކޮށްފައިވާ ކަމަށެވެ.

ރިޔާ އާއި އިއްޒަތު އެގޮތަށް އަމަލު ކުރުމުން، ކުޅުންތެރިންނަށް ވެސް މުބާރާތް ތެރޭގައި އަސަރު ކުރި ކަމަށެވެ.

އޭނާ ބުނީ، ވީއޭއެމުން އެންޑޯސް ކޮށްފައި ހުރި މީހަކާ މެދު ވީއޭއެމުން އިތުބާރު ނެތް ކަމަށް ހުށަހަޅާއިފިނަމަ، މަގާމު ގެއްލޭނެ ކަމަށާއި އެހެންވެ ރިޔާ ވަކި ވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.