ކުޅިވަރު

ވީއޭއެމް ބޮއްސުންލުމުން، ވޮލީ އާއިލާ ހޫނު ވެއްޖެ

ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ލަތީފާއެކު، ރާއްޖޭގެ ވޮލީ އާއިލާއިން ދަތުރު ފެށީ ފޮނި އުންމީދު ތަކާއެކު އެވެ. ވޮލީ ތަރައްގީކޮށް، އިތުރަށް ފުޅާ ކުރުމަށް، ލަތީފު ހުށަހެޅުއްވި މެނިފެސްޓޯއަށް ހުރިހާ ކުަލބަކުންނާއި، ވޮލީގެ ޓެކްނިކަލް އިސް ފަރާތްކުގެ ތާއީދު އޮތެވެ. އެހުރިހާ ފާރާތްތަކުން މަސައްކަތް ފެށީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުރި ދަތިތައް ރިއާޔަތްކޮށް، އެ މައްސަލަ ހައްލެ ލިބޭނެ ކަމުގެ ފޮނި އުންމީދާ އެކު އެވެ.

ނަމަވެސް، ދަތުރުގެ ވަކި ހިސާބަކުން، ވޮލީ ހިންގުން ބޮއްސުން ލައިފިއެވެ. ލަތީފުއާއެކު އިންތިހާބުވި ވޮލީ އެކްސްކޯގައި ހިޔާލު ތަފާތުވުން އުފެދި، ވީއޭއެމް މިވަނީ ފަޅަ ފަޅައިގެން ގޮސްފަ އެވެ. ލަތީފު ތުހުމަތު ކުރާ ގޮތުގައި، ވީއޭއެމްގެ އެކްސްކޯގެ ހިމެނޭ ބައެއް މީހުން މަސައްކތް ކުރަމުން ދަނީ، އޭނާ މަގާމުން ބޭރު ކޮށްލާށެވެ.

ނަމަވެސް، އެކްސްކޯ މެންބަރުންނާއި ވޮލީގެ އިސް ފަރާތްކުން ބުނަނީ މައްސަލަ ގޯސްވީ ވީއޭއެމްގެ އެކްސްކޯގެ އެހެން މެންބަރުންގެ މަޝްވަރާ ބޮލާލައި ޖަހައި، ލަތީފު ކުރިއަށްދާން އުޅުމުންނެވެ. ލަތީފުގެ ރިޔާސަތުގެ ދަށުން، ރާއްޖޭގެ ވޮލީ ޓީމުތައް ކުރިމަތިލި ތިން މުބާރާތުން ވެސް ލިބުނީ ނާކާމިޔާބެވެ.

ރާއްޖޭގެ އެއް ވަނަ ވޮލީ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ގަބޫލު ކުރާ ގޮތުގައި، ތިން މުބާރާތުގެ ނާކާމިޔާބު ކުރިމަތިވާން ޖެހުނީ ވީއޭއެމްގެ މިސްމެނޭޖްމެންޓްގެ ސަބަބުން ކަމަށެވެ.

"އެ ދިޔައީ ތިން މުބާރާތް، ދެ މުބާރާތް އަމިއްލަ ގައުމުގައި ކުޅުނު، ދެރަވެސްވޭ މިހެން ބުނަން ނަމަވެސް، ރާއްޖެއަށް ކުރެވުނު ކަމެއް ނެތް، ބަލިވީމަ ކުޅުންތެރިންނަށް ބްލޭމް ކުރެވިގެން ނުވާނެ، އޭގެ ކުރިން ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަ ކޮށެއް ނުދެވޭ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ހުރީ އިންތިޒާމު ވެފައެއް ނޫން، މިއިންވެސް ކަމެއް ފުރިހަމަ ނުވަންޏާ، ކޯޓަށް އަރައި ކުޅުނަސް ކުޅުންތެރިންގެ ރޫހެއް ނުނެރެވޭނެ،" ސަތޯ ބުންޏެވެ.

ވީއޭއެމްގެ ދަށުން އުފެދިފައިވާ ކޮމިޓީއެއްގެ މެންބަރަކު ބުނީ، ވީއޭއެމްގެ ކުރީގެ ޖެނަރަލް ސެކެޓްރީ މުހައްމަދު އާދަމް، އިސްތިއުފާ ދިން ހިސާބުން ވެސް ލަތީފުއާ އެކު ވީއޭއެމް ކުރިއަށް ނުގެނެދެވޭނެ ކަން އެނގިގެން ދިޔަ ކަމަށެވެ. މުހައްމަދު އިސްތިއުފާ ދިނުންވީ ވީއޭއެމްގެ ތެރޭގައި ފާޅުވާން ފެށި މައްސލައިގެ ފެށުމަށެވެ.

"އޭނާ (މުހައްމަދު އާދަމް) އަކީ މަސައްކަތް ކުރުމުގައި ވަކި އުސުޅުތަކެއް ހިފައްޓާވާ ބޭފުޅެއް، އެކަމަކު ލަތީފު އެހެނެއް ނޫން ކަންކަމުގައި އުސޫލެއް ނެތް، ވީއޭއެމްގެ ރައީސް އަކަށް ހުންނަ މީހަކު އުސޫލުތަކުގައި ނުހިފަހައްޓަންޏާ، ޖެނަރަލް ސެކެޓްރީ އަކަށް ހުންނަ މީހަކަށް ކުރެވޭނެ ކަމެއް އޮންނާނެތޯ؟ މުހައްމަދުވެސް އިސްތިއުފާ ދިނީ ލަތީއާ އެކު މަސައްކަތް ނުކުރެވިގެން،" އަވަސްއާ ވާހަކަ ދެއްކި މެންބަރު ބުންޏެވެ.

ވީއޭއެމުން ވަނީ ހޯމަ ދުވަހުގެ ރޭ، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިއްޒަތު ވަހީދު މަގާމުން ވަކި ކޮށްފަ އެވެ. އަދި އޭޝިއާގެ ވޮލީބޯޅަ ކޮންފެޑްރޭޝަންއަށް އިންތިހާބު ކޮށްފައިވާ، ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު މަގާމުން ވަކި ކުރުމަށްވެސް، ވީއޭއެމުން ވަނީ ހުށަހަޅާފަ އެވެ.

ވީއޭއެމުން ބުނާ ގޮތުން އިއްޒަތާއި ރިޔާގެ މައްސަލައަކީ، ރާއްޖޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތާ ބެހޭގޮތުން، މުބާރާތަށް އަންނަން ތައްޔާރުވި ޓީމު ތަކަށް، ރާއްޖޭގައި ބޭއްވި މުބާރާތާ ބެހޭގޮތުން ސުވާލު އުފެދޭ ގޮތަށް ކަންކަން ކޮށްފައި ވުމެވެ.

ނަމަވެސް ސަތޯ ބުނީ، މައްސަލަ އުޅެނީ އެހެން ދެމީހެއްގެ ނޫން ކަމަށާއި މައްސަލަ އަކަށްވީ، ރާއްޖޭގެ ބޭއްވި މުބާރާތުން ދިެހި ޓީމަށް ނާކާމިޔާބު ވުން ކަމަށެވެ. އެހެންވެ ބޭނުމަކީ އެ ވާހަކަތައް އެހެން ދިމަލާކަށް އަނބުރާލުން ކަމަށް ސަތޯ ބުންޏެވެ.

"ބޭނުމަކީ ނާކާމިޔާބުގެ ވާހަކަތައް އެހެން ދިމާލަކަށް އަނބުރާލައި މީޑިއާގެ ސަމާލުކަން އެހެން ކަމަކަށް ހޯދުން، މުބާރާތުން ފެއިލްވީ ވީއޭއެމްގެ ފެއިލްޔާއަކުން ނޫންކަން ދެއްކުން،" ސަތޯ ބުންޏެވެ.

"ކުޅުންތެރިންގެ ހުރި ކަންބޮޑުވުން ތަކުގައި ޖަވާބު ދާރީ ވާނެ މީހެއް ވީއޭއެމް އަކު ނެތް، ކަންބޮޑުވުންތައް ވައިބާ ގުރޫޕް ތަކުގައި ލިޔުނީމާ އެކަމާ ހިތްހަމަ ނުޖެހިގެން ކުޅުންތެރިން މި ބްލޭމް ކުރަނީ، ވީއޭއެމްގެ ތެރޭގައި ކުޅުންތެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިފަ ނޫންތޯ ކުޅުންތެރިންގެ ވާހަކަ ދައްކަންވީ އެފަދަ އިންތިޒާމެއް ނެތް،" ސަތޯ ބުންޏެވެ.

އޭވީސީއަށް ހުށަހަޅައިގެން ރިޔާޒު ވަކި ކުރެވޭނެ އެއްވެސް ހަމައެއް އެބައޮތްތޯ ސުވާލު ކުރުމުން، ސަތޯ ބުނީ އޭވީސީ އަކީ ވީއޭއެމް މިހާރު ހިންގާ ގޮތަށް ހިންގާ ތަނެއް ކަމަށް ވީއޭއެމްގެ މިހާރު ތިބި މީހުން ގަބޫލު ކުރާނަމަ އެފަރާތްކުގެ ވިސްނުން ކޮށި ކަމަށެވެ.

"ވީއޭއެމްގެ އަސާސީ ގަވާއިދު ބަދަލު ކުރަން ހިތައް އެރި ގޮތަކަށް ކޮންގްރެސް ބާއްވައި ހިތައް އރި ގޮތަކަށް ބަދަލު ގެންނައިރު، އެބޭފުޅުން ހީކޮށްގެން ނުވާނެ އޭވީސީ އަކީ ހަމަ އެގޮތަށް ހިންގާ ތަނެއް ކަމަށް،" ސަތޯ ބުންޏެވެ.

ވީއޭއެމްއާ އެކު ވޮލީ އާއިލާއިން ފެށި ދަތުރުގެ މަންޒިލް ވަނީ އޮޅިފަ އެވެ. ވީއޭއެމްގެ ރައީސްގެ އިތުބާރާ މެދު، ގިނަ ބައެއްގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.