ކުޅިވަރު

ބެންގަލޫރު ހަމަލާއަށް މާޒިޔާގެ ދިފާއީ ފާރެއް

Apr 4, 2017

ބެންގަލޫރު އެފްސީގެ ހަމަލާތައް ހުއްޓުވަން މާޒިޔާއިން އޮތީ ދިފާއީ ފާރެއް އެކުލަވާލާފައި ކަމަށް، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، އަމިއްލަ ދަނޑުގައި ބެންގަލޫރާ ދެކޮޅަށް މިއަދު މާޒިޔާ ކުޅޭ މެޗުގެ ކުރިން މީޑީއާގައި ވާހަކަ ދައްކަމުން އަސަދުﷲ ބުނީ، މީގެ ދެ އަހަރު ކުރިން ބެންގަލޫރާ ދެކޮޅަށް މާޒިޔާ ކުޅުނު ޓީމާ މިހާރު އޮތް ޓީމާ ތަފާތު ކަމަށާއި މިހާރު ޓީމަށް ބޮޑު ކުރި އެރުމެއް އައިސްފައިވާ ކަމަށެވެ.

"މާޒިޔާ މިއޮތީ ބޭނުންވާ ތަންތަނަށް ބިދޭސީ ކުޅުންތެރިން ގެނެސް ވަރަށް ރަނގަޅު ޑިފެންސެއް ހަދާފައި،" އަސަދުﷲ ބުންޏެވެ.

ބެންގަލޫރު ވަނީ އޭއެފްސީ ކަޕްގައި މީގެ ދެ އަހަރު ކުރިންވެސް މާޒިޔާއާ ދެކޮޅަށް ނިކުމެފަ އެވެ. ދެ ލެގުގައިވެސް މާޒިޔާ އަށް މޮޅުވެވިފައެއް ނުވެ އެވެ.

އޭނާ ބުނީ، ފުރަތަމަ މެޗު ރަށުން ބޭރުގައި، މޮޅު ވެވިފައި ވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެ މެޗަށް ފަހު އަމިއްލަ ދަނޑުގައި ބެންގަލޫރާ ދެކޮޅަށް ކުޅެން ޖެހުމުން ތަފާތު ވާނެ ކަމަށެވެ.

އަސަދުﷲ ވަނީ، މި ސީޒަންގައި ކުލަބުގައި ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖަހާފަ އެވެ. އެއީވެސް، މިއަދުގެ މެޗުގައި އޭނާ އަށް އޮތް ވަރަށް ބޮޑު ހިތްވަރެކެވެ.