ރާއްޖެ ކުޅިވަރު

ފަހު ވަގުތު މާޒިޔާއަށް ހިތްދަތި ބައްޔެއް

Apr 4, 2017

އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަފު އިންޑިއާގެ ބެންގަލޫރު އަތުން، އެއްވަރުވާން ދަނިކޮށް، ފަހު ވަގުތު ބެންގަލޫރު އެފްސީ ކާމިޔާބު ކުރި ލަނޑުން، މާޒިޔާ ބަލި ވެއްޖެ އެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި މާޒިޔާގެ ހާފުގެ ތެރެއިން މެދު ރޮނގާ ކައިރިން ލިބުނު ހިލޭ ޖެހުން ކުރިއަށް ފޮނުވާލަށް ދިޔައީ ބެންގަލޫރުގެ ކީޕަރު އަމްރިންދަރަ ސިންހް އެވެ. އޭނާ ބޯޅަ ކުރިއަށް ފޮނުވާލަން ދިއުމުން ބެންގަލޫރުގެ އެހެން ކުޅުންތެރިން ޖެހުނީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ސަރަހައްދަށެވެ. އަމްރިންދަރަ ފޮނުވާލި ޖެހުން، މާޒިޔާގެ ކީޕަރު ނިކުމެ ހިފަން އުޅުނު ނަމަވެސް، އެބޯޅަ އޭނާ އަތުން ދޫވެ ލިބުނީ ބެންގަލޫރުގެ ކުޅުންތެރިންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބެންގަލޫރުގެ ކުޅުންތެރިން ހުރަސް ކުރި ބޯޅަ ލިބުނީ، މާޒިޔާގެ ގޯލް ލައިން މަތީގައި ހުރި ބެންގަލޫރުގެ ޑިފެންޑަރު ޖޯން ޖޯންސަން އަށެވެ. އޭނާ ވަނީ ހުހަށް އޮތް މާޒިޔާގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

މެޗުގައި، ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމުން މެޗުގެ ރެފްރީ ވަނީ، ބެންގަލޫރުގެ ކޯޗް އެލްބަޓް ރޮކާ ބެންޗުން ފޮނުވާލަފަ އެވެ. އޭނާ ހިތްހަމަ ނުޖެހުނީ، މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން މާޒިޔާގެ ކުޅުންތެރިން ކުރި ފައުލެއްގައި، ޕެނަލްޓީ ނުދިނުމުން ނެވެ.

މެޗުގައި މާޒިޔާ އަށްވެސް ވަނީ ދެ ޕެނަލްޓީ ދޭނެ ކަހަލަ ދެ ހާލަތެއް ކުރިމަތި ވެފަ އެވެ. ފުރަތަމަ ހާފުގައި، ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެޓީމުގެ ޑިފެންޑަރު އަތުގައި ބޯޅަ ސާފް ކޮށް ޖެހުނެވެ. ރެފްރީ ނިންމީ އަތުގައި ނުޖެހޭ ކަމަށެވެ.

ދެ ވަނަ ހާފުގައި، މުހައްމަދު އުމޭރަށް ބެންގަލޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި، އުމޭރު ބޯޅަ ފޮނުވާލަން އުޅެނިކޮށް، ބެންގަލޫރު ޑިފެންޑަރަކު ފައުލު ކުރި އެވެ. އުމޭރު އާއި މާޒިޔާގެ ބެންޗުން ޕެނަލްޓީ އަށް އެޕީލް ކުރި ނަމަވެސް، ޕެނަލްޓީ ދީފަ އެވެ ނުވެ އެވެ.

މެޗުގައި މާޒިޔާ އަށް ވެސް ވަނީ ލަނޑު ޖަހަން އުމޭރު އާއި އަސަދުﷲ އަށް ވެސް ފަހި ދެ ފުރުސަތެއް ލިބިގެން ގޮސް ފަ އެވެ.

މާޒިޔާ ބަލިވުމުން، ގުރޫޕްގެ އެއް ވަނަ ލިބުނީ، ބެންގަލޫރު އެފްސީ އަށެވެ. މާޒިޔާ ދެން ކުޅޭ މެޗު އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު މޯހަންބަގާން އާ ދެކޮޅަށް އިންޑިއާގަ އެވެ.