މެންޗެސްޓާ (ޑިސެމްބަރު 14) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގައި ޔުނައިޓެޑްގެ އާޖެންޓީނާ ވިންގާ އަންހެލް ޑިމަރިއާ އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
އިނގިރޭސި ލީގުގައި މިދިޔަ މަހުގެ ފަހުކޮޅު ހަލް ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ލީގުގައި އެންމެ ފަހުން ސްޓޯކް ސިޓީ އާއި ސައުތުހެމްޓަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ޑިމަރިއާއަކަށް ނުކުޅެވުނެވެ.
މި ސީޒަންގައި ޔުނައިޓެޑަށް އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބުނީ އަނިޔާގެ މައްސަލަތައް މިހާރު މަދުވުމަކީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
"މިހާރު މި ތިބީ ހަތަރު ކުޅުންތެރިން އިންޖަރީގައި. މިހާރު އަނިޔާގައި މި ތިބީ ލޫކް ޝޯ، ކްރިސް ސްމޯލިން، ޑިމަރިއާ އަދި ބްލިންޑް،" ވެން ހާލް ބުންޏެވެ.
ވެން ހާލް ބުނީ ލީގުގައި ހޯމަ ދުވަހުގެ ރޭ ސައުތުހެމްޓަން އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އަނިޔާވި ޑިފެންޑަރު ކްރިސް ސްމޯލިން ފިޓުވާނީ ދެ ހަފުތާ ފަހުން ކަމަށެވެ. އެކަމަކު ލޫކް ޝޯ އާއި ޑޭލީ ބްލިންޑަށް މި އަހަރު ދެން ކުޅެވޭނެ ކަމަށް ނުބެލެވެ އެވެ.
ޑިމަރިއާ މި މެޗަށް ފިޓުނުވި ނަމަވެސް، މިރޭގެ މެޗުގެ ފުރަތަމަ 11ގައި ކޮލަމްބިއާގެ ފޯވަޑް ރަޑަމެލް ފަލްކާއޯ ކުޅުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑްގެ ފުރަތަމަ 11ގައި ފަލްކާއޯ އެންމެ ފަހުން ކުޅުނީ އޮކްޓޯބަރު މަހު އެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ފަލްކާއޯ ފެނުނީ ޔުނައިޓެޑްގެ ބެންޗުންނެވެ. ވެން ހާލް ބުނީ މިރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ 11 އިން ފަލްކާއޯ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ލީގުގައި މިރޭ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ 1830ގަ އެވެ. – އީއެސްޕީއެން