ހަބަރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރަކީ ޒުވާނުންނަށް ހާއްސަ އިސްކަމެއްދީ ޒުވާނުން ބޭނުންވާ ތަރައްގީތައް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ސަރުކާރެކެވެ. ރައީސް އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނު ރާއްޖެއަށް ތަރައްގީ ގެންނަން ބޭނުން ވަނީ ޒުވާނުން ބޭނުންވާ ސްޕީޑްގަ ކަމަށެވެ. އަދި، ޒުވާނުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ޒުވާނުންގެ އުއްމީދުތަކާ މިހާރު އެންމެ ބޮޑަށް ގުޅިފައިވާ ކަމަކީ ހުޅުލެ އާއި މާލެ ގުޅުވައިދޭ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އެ ބްރިޖްގެ މަސައްކަތް ބެލުމަށް ވެސް އެތައް ބަޔަކު ޝައުގުވެރިވާއިރު ބްރިޖްގައި ދުއްވާލައި ހިނގާލަން ކެތްމަދުވެފައިވާ މީހުން ވަރަށް ގިނަ އެވެ. ހާއްސަކޮށް ޒުވާނުންނެވެ.

އެފަދަ ޒުވާނުންނަށް ރޭ ރައީސް ވަނީ އަނެއްކާވެސް އުފާވެރި ހަބަރެއް ދީފަ އެވެ. އެ ހަބަރަކީ އަންނަ އަހަރު ކައިވެނިކުރަން ވިސްނައިގެން ތިބި ޒުވާނުންނަށް ވެސް ވަރަށް ހާއްސަ ހަބަރެކެވެ.

"އަޅުގަނޑުމެން ހިޔާލަށް އެބަ އާދޭ، އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވިފައި އޮތް ކަމެއް ބްރިޖް ރަސްމީކޮށް ހުޅުވުމުގެ ކުރިން ބްރިޖް މަތީގަ އާ ކައިވެނީގެ ހަޔާތެއް ފަށާ ކުދިންގެ ކައިވެނި ބާއްވާލަން ދޭން ވެސް،" ދަރުބާރުގޭގައި ރޭ ޕީޕީއެމްއިން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޒުވާނުންނަށް ހަދިޔާއެއްގެ ގޮތުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޒުވާނުން ބޭނުންވާ ކަންކަމަކީ އެއީ ކަމަށެވެ. ޒުވާނުން ބޭނުން ވަނީ ބާރުސްޕީޑްގެ ތަރައްގީ އާއި ހިތްފަސޭހަ ދިރިއުޅުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ދިވެހި ޒުވާނުންނަށް މިދީބަކީ ހިތްގައިމު ކަމާއެކީ އަދި ދުނިޔޭގެ ސަފުގައި ވެސް ފާހަގަކޮށްލެވޭ ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ ތަނަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުކުރަނީ ޒުވާނުން ބޭނުންވާ ސްޕީޑްގައި ތަރައްގީ މެކުހަށް ޖަހާފައިވާތީ ކަމަށެވެ. ނަމަވެސް އެކަމަށް ނުބައްލަވާ ގައުމަށް ތަރައްގީ ގެނައުމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. ޒުވާނުން ވެސް ބޭނުން ވަނީ އެ ގޮތް ކަމަށާއި އިދިކޮޅު ފަރާތްތަކުން ވެސް އެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތައް ވެސް ހިތްފަސޭހަކަމާއެކު ދަތުރުކޮށްލާ ބްރިޖަކަށް ހުޅުލެ އާއި ހުޅުމާޅެ ގުޅާލައި ބްރިޖް ވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.