ހަބަރު

އަބުރަށް އަރައިގަތް ކަމަށް ބުނެ އުމަރު ފުލުހަށް

މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން އެކި މަސައްކަތްތައް ހަވާލު ކުރުމަށް އެންމެ 10 ދުވަހަށް ކުންފުނިތަކެއް ހައްދަވާފައިވާ ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ބޮޑެތި ތުހުމަތެއް ރޭ ކުރެއްވުމާ ގުޅިގެން އަނބުރުގެ މައްސަލައެއް އުމަރު ފުލުހަށް ހުށަހަޅުއްވައިފި އެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ އަމިއްލައަށް ކުރައްވާފައިވާ ކަންކަމުން ކަރަށް ވެއްޓިފައިވާ މަޅިން ސަލާމަތްވުމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިހާރު ސަރުކާރާ ދެކޮޅުވެފައިވަނީ ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާތައް ނުދައްކަވަން ކަމަށެވެ. ހަމައެހެންމެ އުމަރު ނަސީރު ވެސް ސަރުކާރުގައި ހުންނެވިއިރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި މިހާރު އެއިން ރެކެން މަސައްކަތް ކުރަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ދެން ބައްލަވާ އުމަރު ނަސީރު، ވިދާޅެއް ނުވާނެ އެއްޗެކޭ، ތިޔަބޭފުޅުން ބައްލަވާ މިނިވަން 50 ގައި ކުދިކުދި ކުންފުނިތައް ހަދާފައި އެހުރީ 10 ދުވަހަށް 15 ދުވަހަށް، އެކަމަކު ކޮރަޕްޝަންގެ ވާހަކަ އެމީހުން މި ދައްކަނީ، އުމަރު އަޅެ ކޯޓަށް ދޭބަލަ އަޅުގަނޑު ގޮވައިގެން، ނުދާނެ ކޯޓަކަށް، ނުދާނެ،" ފަލާހު ވިދާޅުވި އެވެ. "އެކަމަކު ވައްކަން ކޮށްފައި ވަގަށް މި ގޮވަނީ އެހެން މީހުންނާ ދިމާލަށް، މިއީ ވަރަށް ދެރަ ކަމެއް، ވަރަށް ނިކަމެތި ކަމެއް،"

މި ވާހަކަތައް ދެއްކިތާ މާގިނައިރުތަކެއް ނުވެ، ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް އުމަރު ފޮނުއްވި ސިޓީ އޭނާ ޓްވިޓާގައި އާންމު ކުރެއްވި އިރު އެ އެ ސިޓީގައި އުމަރު ވިދާޅުވެފައި ވަނީ ޓީވީއެމް އާއި ޗެނަލް 13 އިން މުޅި ރާއްޖެއަށް ދައްކަމުން ދިޔަ ޖަލްސާއެއްގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާއަށް ވަގަށް ގޮވައި އަނބުރަށް އަރައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެއްވެސް މުއައްސަސާއަކުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެފައި ނުވަނިސް، ފަލާހު އެގޮތަށް ވާހަކަ ދެއްކެމަކީ އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ދެއްކި ވާހަކަތަކެއްކަން ސާފުވާ ކަމަށެވެ. އުމަރު އަދި ވިދާޅުވެފައި ވަނީ އޭނާގެ ހިއްސާއޮތް ކުންފުންޏަކަށް ވެސް އަދި އާއިލާގެ މެންބަރެއްގެ ހިއްސާ އޮތް ކުންފުންޏަކުން ވެސް އޭނާ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށްފައި ވެސް ނުވާނެ ކަމަށާއި މަސައްކަތެއް ވެސް ކޮށްފާ ނުވާނެ ކަމަށެވެ.

"އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މި މައްސަލަ ބައްލަވައި ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުއްވައި ދެއްވުން އެދެމެވެ،" އުމަރުގެ ސިޓީގައިވެ އެވެ.

ފަލާހު މިފަދަ ތުހުމަތެއް އުމަރަށް ކުރެއްވިއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިހާރު ވަނީ މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން އޭރު ހޯމް މިނިސްޓްރީ އިން ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވޭތޯ ބެލުމަށް ތަހުގީގެއް ފަށާފަ އެވެ.

އެކަމުގައި ފާހަގަވާ ބައެއް މައްސަލަތައް އޮޑިޓާ ޖެނަރަލް އޮފީހުން ވެސް ހޯމް މިނިސްޓްރީއާ ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި މިނިވަން 50 އަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވި މަސައްކަތްތައް ހަވާލު ކުރުމުގައި އިއުލާން ކޮށްފައި ނުވާ ކަމަށާއި އަގު ނުހޯދުމާއި އެއްބަސްވުމެއް ނެތި މަސައްކަތް ހަވާލު ކޮށްފައިވުން ހިމެނެ އެވެ. އަދި ޕްރޮކިއުމަންޓް ސެކްޝަންއާއި މާލީ ޒިންމާދާރު ވެރިޔާއަށް އެންގުމަކާ ނުލާ ބައެއް މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މިނިވަން ފަންސާހުގެ ހަރަކާތްތައް ހިންގީ ހޯމް މިނިސްޓްރީގެ ދަށުގައި އެކުލަވައިލި މިނިވަން ފަންސާހުގެ އޮފީހުން 150 މިލިޔަން ރުފިޔާގެ ބަޖެޓަކުންނެވެ.